ޕޯސްޓުގެ ޒަރިއްޔާ އިން ރާއްޖެ އަށް އެތެރެކުރަން އުޅުނު ދެ މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާ އެކު، ދިވެހި ފިރިހެނަކު އަތުލައިގަނެފިއެވެ.

މިޔަދު ނެރުނު ބަޔާނެއްގައި ކަސްޓަމްސް އިން ބުނީ، މިދިޔަ މަހުގެ 10 ވަނަ ދުވަހު ޕޯސްޓް މެދުވެރިކޮށް ނެދަލޭންޑްސް އިން ގެނައި ޕެކޭޖުތަކެއް ބަލައި ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ހުރި ޕެކެޓެއް ފެނިފައިވާ ކަމަށެވެ.

އެ ތަކެތި ޓެސްޓުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެފެޑްރޯން އަށް ޕޮޒިޓިވްވެފައިވާ ކަމަށާއި، ޕެކިން އާ އެކު 1،008.87 ގްރާމް ހުރި އިރު، މަގުމަތީ އަގު 2.52 މިލިއަން ރުފިޔާ އަށް އަރާ ކަމަށް އެ އިދާރާ އިން ބުންޏެވެ.

އެ މައްސަލައިގައި މަސްތުވާތަކެއްޗާ އެކު، ދިވެހި ފިރިހެނެއް ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.

އެ އިދާރާ އިން ބުނި ގޮތުގައި މިއީ މި އަހަރުގެ ތެރޭގައި މެފެޑްރޯން އެތެރެކުރަން އުޅެނިކޮށް އަތުލައިގަނެވުނު ތިންވަނަ ފަހަރެވެ. މި އަހަރު މެފެޑްރޯން އެންމެ ފުރަތަމަ އެތެރެކޮށްފައި ވަަނީ މިދިޔަ މާޗް މަހުގެ ފުރަތަމަ ދުވަހުގައެވެ. އެ ދުވަހު 585 ގްރާމްގެ މެފެޑްރޯން އަތުލައިގެންފައިވާއިރު، މިދިޔަ ޖޫން 29 ގައި ޕޯސްޓް މެދުވެރިކޮށް 526 ގްރާމްގެ މެފެޑްރޯން ވަނީ އެތެރެކޮށްފައެވެ.