ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި ދީނީ އިލްމު ފެތުރުމަށްޓަކައި މަސައްކަތް ކުރައްވަމުން ގެންދަވާ ޒިންބާބުވޭގެ ދީނީ އިލްމުވެރިޔާ މުފްތީ މެންކް މިއަދު ރާއްޖެ ވަޑައިގެންފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، މުފްތީ ރާއްޖެއަށް ކުރައްވާ މި ދަތުރުގައި ރާއްޖޭގެ ތިން ސަރަޙައްދެއްގައި ދަރުސް ދެއްވާނެ ކަމަށެވެ. އަދި މާދަމާ އައްސުލްތާން މުހައްމަދު ތަކުރުފާނުލް އައުޒަމްގައި މުފްތީ އިމާމްވެ ހުކުރު ނަމާދު ވެސް ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައި ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މުފްތީ މެންކްގެ ދަރުސް ދެއްވުމަށް ހަމަޖެހިފައިވާ ތަންތަނާއި ވަގުތު:

  • މާލެ- އޮކްޓޯބަރު 28 ވަނަ ދުވަހު ކާނިވާ ސަރަހައްދުގައި
  • ފުވައްމުލައް ސިޓީ – އޮކްޓޯބަރު 29 ވަނަ ދުވަހު ފުވައްމުލައް ސްޓޭޑިއަމްގައި
  • އައްޑޫ ސިޓީ – އޮކްޓޯބަރު 30 ވަނަ ދުވަހު ސިޓީ ސްކޮޔާގައި
  • ހުޅުމާލެ- އޮކްޓޯބަރު 31 ވަނަ ދުވަހު ސިންތެޓިކް ޓްރެކްގައި

މިއިން ކޮންމެ ތަނެއްގައިވެސް ދަރުސް އޮންނާނީ އެ ދުވަހެއްގެ ރޭގަނޑު 8:45 ގައި ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. މި ދަރުސްތައް އާންމުކޮށް ހުޅުވާލާފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

މުފްތީ މެންކްގެ ދަރުސްތަކުގެ މައުލޫތައް ހާއްސަކޮށްފައި ވަނީ މުޖުތަމައުގައި ހުރި މުހިންމު ކަންތައްތަކަށް ހާއްސަކޮށްގެން ކަމަށް އިސްލާމިކް މިނިސްތްރީން ބުނެއެވެ. އެގޮތުން މާތްﷲ އާއި އިންސާނާ އާ ދެމެދު އޮންނަ ގުޅުމާއި، އާއިލީ މައްސަލަތަކަށް ހައްލު ހޯދޭނެ ގޮތްތަކާއި، ޑިޕްރެޝަންއާއި އެންޒައިޓީ ފަދަ ހާލަތްތަކުގައި އަމަލު ކުރާނެ ގޮތްތައް ފަދަ މުހިންމު މައުލޫތައް ހިމެނެއެވެ.

މި ދަރުސްތަކަށް ވަޑައިނުގެންނެވޭ ފަރާތްތަކަށް ޓީވީ އާއި ރޭޑިއޯ އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް ދަރުސްތައް ބަލައި، އަޑުއެހޭނެ ކަމަށް އިސްލާމިކް މިނިސްތްރީން ބުނެއެވެ. އަދި މި ދަރުސްތަކުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ސަރުކާރުގެ މުއައްސަސާތަކުގެ މުވައްޒަފުންނަށް ވެސް މިފަދަ ދަރުހެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.