އިންޑިއާގެ ޔޫޕީގައި ރޭޕްކޮށް އެއްލާލަފައި އޮތް 12 އަހަރުގެ އަންހެން ކުއްޖަކު ލެޔާ ތަތްތެޅިގެން އޮވެ އެހީއަށް އެދެމުން ދިޔައިރު އެއްވެ ތިބި މީހުން އަޅާނުލައި ވީޑިއޯ ކުރުމުގައި ތިބި މަންޒަރު ނޫސްތަކުގެ ސުރުހީތަކުން ޖާގަ ހޯދައިފިއެވެ.
ލެޔާ ތަތްތެޅިފައި އޮތް އަންހެން ކުއްޖާ އެހީއަށް އެދި އަތް ނަގަމުން ދިޔަ އިރު އިންސާނިއްޔަތު ކަމެއް ނެތް، ކުޅިބަލަން ތިބި މީހުން ދިޔައީ ފޯންތަކުން ފޮޓޯ ނަގާ ވީޑިއޯ ކުރަމުންނެވެ. އެކަކުވެސް އެކުއްޖާ އަށް އެހީވެ އަޅާލައި ނުވަތަ އެކުއްޖާ ނިވާކޮށް ރައްކާތެރި ކުރާކަށް ނޫޅެއެވެ.
އާންމު ވެފައި ވާ ވީޑިއޯއަކުން، 3-4 މީހަކު އެކި އޭންގަލް ތަކުން އެ ކުއްޖާގެ ފޮޓޯ އާއި ވީޑިއޯ ނަގާތަން ފެނެއެވެ.
އެ ކުއްޖާ އެއްލާލައިފައި އޮތް އިރު ލެޔާ ތަތްތެޅުމުގެ އިތުރުން އަތާއި ހަށިގަނޑުގައި ހުރި ޒަހަމްތައްވެސް އާންމު ވި ވީޑިއޯއިން ފެނެއެވެ. ގިނަ ބަޔަކު އެއްވެ އަޅާ ނުލައި ތިބި އިރު، އޭގެ ތެރެއިން އެކަކު، ފުލުހުންނަށް އަންގައިފިތޯ އަހާ އިރު ދެވަނަ މީހަކު ޕޮލިސް ކޮމިޝަނަރުގެ ނަންބަރަކީ ކޮބާތޯ އަހާ އަޑު އާންމު ވި ވީޑިއޯއިން އިވެއެވެ.
ޔޫޕީގެ ދަކް ބަންގްލާ ގެސްޓްހައުސްގެ ފަހަތުގައި އޮންނަ ވިނަގަނޑެއްގެ މައްޗަށް އެއްލާލައިފައި އޮތް އެ ކުއްޖާ، ރޮއެ ގިސްލަމުން ދިޔަ އިރު އޭނާއަށް އެހީވެ، ނަގާ އަތްދަނޑިމައްޗަށް ލައިގެން ދުއްވައިގަތީ އެތަނަށް ދިޔަ ސީނިއާ ޕޮލިސް އޮފިސަރެކެވެ. އޭނާ އެ ކުއްޖާ އަތްދަނޑިމައްޗަށް ލައިގެން މަގުމަތިން ދުވެފައި ދާ ވީޑިއޯއެއްވެސް ވަނީ އާންމު ވެފައެވެ.
އެ ވީޑިއޯއިން ފެންނަ ގޮތުގައި، އޮފިސަރު ދުވަމުން ގޮސް އޮޓޯ ރިކްޝާ އަކަށް އަރާ ކުއްޖާ ގޮވައިގެން ހޮސްޕިޓަލަށް ދެއެވެ.
ހަބަރުތައް ބުނާ ގޮތުން މިހާރު އެ ކުއްޖާއަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ އިރު، ފުލުހުން ދަނީ އެ ކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައި ވޭތޯ ބެލުމަށް ތަހުގީގު ފަށާފައެވެ.
އެ ކުއްޖާގެ އާއިލާއާ ހަވާލާދީ މީޑިއާ ތަކުން ރިޕޯޓް ކޮށްފައި ވާ ގޮތުން އޭނާ ދިޔައީ ޕިގީ ބޭންކް (ލާރި އަޅަން އޫރު ބައްޓަމަށް ހަދާފައި ހުންނަ އެއްޗެއް) އެއް ގަންނަން މެންދުރު ފަހުގެ ވަގުތެއްގައެވެ. ނަމަވެސް އެދުވަހުގެ ހަވީރު ވި އިރު ވެސް ދަރިފުޅު ގެއަށް ނާންނާތީ ހޯދަން ފެށިއެވެ.
އެ ކުއްޖާ ގޭންގް ރޭޕްކޮށް އެއްލައިލީ ކަމަށް އޭނާ ނިސްބަތްވާ ކަންނޫޖުގެ އާންމުން ބުނަމުން ދިޔަ ނަމަވެސް އެ އަވަށުގެ ގުރުސަހައިގާންޖް ޕޮލިސް އިންޗާޖް މަނޯޖް ޕާންޑޭ ވަނީ އާންމުން ކުރާ ތުހުމަތު ދޮގު ކޮށް، އަދި އެއްޗެއް ބުނަން މާ އަވަސް ކަމަށް ބުނެފައެވެ.
އެންމެ ފަހުގެ ހަބަރުތައް ބުނާ ގޮތުން، އެ ކުއްޖާއަށް ލިބިފައިވަ އަނިޔާގެ ބޮޑު ކަމުން އިތުރު ފަރުވާ އަށް މިހާރު ވަނީ ކާންޕޫރަށް ގެންގޮސްފައެވެ.