މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށް ފުލުހުން ތުހުމަތުކުރާ އަރުޝަދު ހާލިދު ރޭ ހައްޔަރު ކޮށް ކޯޓަށްވެސް ނުގެންގޮސް މިއަދު ދޫކޮށްލައިފިއެވެ.

އެކަން "ދަ ޕްރެސް" އަށް ކަށަވަރު ކޮށްދެއްވާ މައުލޫމާތު ދެމުން ފުލުހުންގެ މީޑީއާ އޮފިޝަލަކު ވިދާޅުވީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި އަރުޝަދު މިހާރު ދޫކޮށްލާފައިވާ ކަމަށެވެ. އެހެންނަމަވެސް ދޫކޮށްލި ސަބަބެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ރޭ އަރުޝަދު ހައްޔަރު ކުރީ މީގެ ކުރިން ވެސް ހައްޔަރު ކޮށް، ދޫކޮށްލި މައްސަލަ ދައުލަތުން އިސްތިއުނާފު ކުރަން ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވަނިކޮށެވެ. އަދި ހައިކޯޓުގެ އަމުރާ ހިލާފަށް އަރުޝަދު ހައްޔަރުން ދޫކުރުމަށް ނިންމާ އަދި ހައްޔަރުން ދޫކޮށްލި ލިޔުން ތައްޔާރުކުރި ފުލުސް އޮފިސަރުންގެ މައްސަލަ ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ވެސް ހުށަހަޅާފައި ވަނިކޮށެވެ.

ޑްރަގުގެ މައްސަލައެއްގައި ދައުލަތުން ދައުވާކޮށް، ކުށް ސާބިތުނުވެ، ސަލާމަތްވެފައި ވަނިކޮށް މިދިޔަ އަހަރުގެ ފަހުކޮޅު މާލެ އާއި ހުޅުމާލެއިން އަތުލައިގަތް 119 ކިލޯގެ ޑްރަގް މައްސަލާގައި އިސް މީހެއް ކަމަށް ތުހުމަތުކުރާ އަރުޝަދު ދިރިއުޅެމުން އައީ ރާއްޖެ އިން ބޭރުގައެވެ. ނަމަވެސް އޭނާ ދުބާއީ އަށް ގޮސް އުޅެނިކޮށް ވަނީ ސްރީލަންކާއަށް ޑީޕޯޓު ކޮށްލާފައެވެ.

އަރުޝަދު ލަންކާގައި ހުއްޓައި ބަންދުގައި ބަހައްޓައިގެން ހާޒިރުކުރުމަށް ހައިކޯޓުން ވަނީ ފުލުހުންނަށް އަމުރެއް ދީފައި ނަމަވެސް އޭނާ ލަންކާއިން މާލެ ގެނެސް ބަންދާމެދު ގޮތެއް ނިންމަން ހައިކޯޓުގައި މި މަހުގެ 17 ވަނަ ދުވަހަށް ތާވަލްކޮށްފައި އޮއްވާ އެ އަޑުއެހުމަށް އޭނާ ހާޒިރުވީ އަމިއްލައަށް ކަމަށް ކޯޓުން ބުނެއެވެ.

އަރުޝަދުގެ ޕާސްޕޯޓުވެސަ އޮތީ ހިފަހައްޓާފައެވެ. ހައިކޯޓުން އަރުޝަދުގެ ޕާސްޕޯޓު ހިފަހައްޓާފައި ވަނީ އޭނާ އާއި އިތުރު ބައެއްގެ މައްޗަށް ދައުވާކުރި ނުވަ ކިލޯގެ މަސްތުވާތަކެތީގެ މައްސަލައެއްގައި އޭނާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް މިދިޔަ އަހަރު ކްރިމިނަލް ކޯޓުން ކުރި ހުކުމް ދައުލަތުން އިސްތިއުނާފު ކޮށްފައި ވާތީއެވެ.