ފައިސާގެ ވާހަކަ ނުހިމަނާ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އެއްވެސް ވާހަކައެއް ނުދެއްކެވޭ ކަމަށް ވިދާޅުވެ ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ޔާމީނަށް ޖޯކު ޖައްސަވައިފިއެވެ.
ރައީސް ޔާމީން ނ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކެނދިކޮޅުދޫ އަދި ހޮޅުދޫގައި ވަނީ ޗާގޮސް މައްސަލާގައި ރާއްޖޭގެ ސްޓޭންޑް ބަދަލުކުރުމާ ގުޅިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑު ބައެއް މިހާރު އޮތީ ވިއްކާލާފައި ކަމަށާއި އެ ފައިސާ ނެގި ބަޔަކު ތިބޭނެ ކަމަށް ވިދާޅުވެފައެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ވިދާޅުވީ ފައިސާގެ ވާހަކަ ނުލާ، ޔާމީނަށް މިފަހުން އެއްވެސް ވާހަކަފުަލެއް ދެއްކެވުނުތޯ އެއީ ކޮށްލަން ޖެހޭ ސުވާލެއް ކަމަށާއި ހާއްސަކޮށް ސަރުކާރަށް ފާޑު ވިދާޅުވެ ދައްކަވާ ކޮންމެ ވާހަކަފުޅެއްގައި ވެސް އަބަދުވެސް ކޮންމެވެސް ޑީލެއްގެ ވާހަކަ ނުވަތަ ފައިސާއެއްގެ ވާހަކަފުޅު ދައްކަވާ ކަމަށެވެ.
މިއުވާން ވިދާޅުވީ ޔާމީންގެ އިތުރުން އިދިކޮޅު ބައެއް އެހެން ފަރާތްތަކުން ވެސް މި މައްސަލާގައި ވަރަށް ބޮޑެތި އޮޅުވާލުންތަކެއް އޮޅުވާލަމުންދާ ކަމަށާއި ޗާގޯސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮތް ކަމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ހުށަހަޅަން ނިންމުމަށް 2017 ވަނަ އަހަރު އދ. ގެ ޖެނެރަލް އެސެމްބްލީގައި ދެކޮޅުވި 15 ވަރަކަށް ގައުމުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށާއި އޭރު ޔާމީންގެ ސަރުކާރުން އެ ނިންމުމާ ދެކޮޅުވި ސަބަބެއް ވެސް ހާމަކޮށްފައި ނުވާ ކަމަށެވެ.
ޗާގޯސްގެ މައްސަލައިގައި އިން ވަކި ކުރުމާއި ސިޔާދަތީ ބާރުވެރިކަމާ، އެއީ ދެކަމެއް ކަމަށާއި އެކަން އެނގިތިބެ ސިޔާސީ ޕާޓީތަކުން ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅުވާލުމަށް ވާހަކަ ދައްކަވާ ކަމަށްވެސް މިއުވާން ވިދާޅުވިއެވެ.
މިއުވާނަށް އަނގަވެސް ފުޅާނުކުރެވޭ ޔާމީނޭ ކިޔާފަ ނޫނީ ހީވަނީ ހަމަ އަޅައިގެން އުޅޭހެން އެކަމަކު ބުނަންތަ އެއީ އަލަމުގިރި