ރާއްޖޭގައި މުރަކަތައް ހިމާޔަތްކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް އެންވާރަމަންޓް މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

ޝައުނާ މިހެން ވިދާޅުވީ، މޯލްޑިވްސް ރެޑް ލިސްޓް އިނީޝިއޭޓިވްގެ ދަށުން ކޮރަލް އެސެސްމަންޓްތައް ޝާއިއުކުރުމަށް މިއަދު މާގިރި ހޮޓަލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ޝައުނާ ވިދާޅުވީ، މިއަދަކީ ބަޔޯޑައިވާސިޓީ ހިމާޔަތްކުރުމުގެ ދާއިރާއަށް ލިބުނު ވަރަށް މުހިންމު ކުރިއެރުމެއް ކަމަށާއި މޯލްޑިވްސް ރެޑް ލިސްޓް އިނީޝިއޭޓިވްގެ ދަށުން ކޮރަލް އެސެސްމަންޓްތައް ޝާއިއުކުރުމުން ރާއްޖޭގައި ހިމާޔަތްކުރުމާއި ތަރައްގީގެ ކަންކަން މިހާރަށްވުރެ ރަނގަޅަށް ރޭވުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

މެރިން ބަޔޮލޮޖިކަލް ޑައިވާސިޓީން، ހާއްސަކޮށް މުރަކަފަރުތަކުގައި މުއްސަނދިކަމެއް ފެނިގެންދާކަން އެންމެންނަށް ވެސް އެނގޭ ކަމަށް ޝައުނާ ވިދާޅުވިއެވެ.

ޝައުނާ ވިދާޅުވީ، 1840 ވަނަ އަހަރު ޗާލްސް ޑާވިން ރާއްޖޭގެ ފަރުތަކާ ބެހޭ ގޮތުން ރާއްޖެއިން އެންމެ ފުރަތަމަ ރިޕޯޓުކުރި ދިރާސާ ފުރިހަމަކުރައްވާފައިވާ ކަމަށެވެ. ރާއްޖޭގެ މުރަކަ ފަރުތަކަކީ ދުނިޔޭގެ ރީފް ސަރަހައްދުގެ 3.14 ޕަސަންޓު ތަމްސީލުކުރާ ފަރުތަކެއްކަން ހާމަކޮށްދޭކަން ދިރާސާތަކުން ފާހަގަކުރެވޭ ކަމަށެވެ.

މީގެ އިތުރުން 2041 ތަފާތު މުރަކަ ފަރުތައް އެބަހުރި ކަމަށާއި އަދި މަދުވެގެން 258 ސްޓޯނީ މުރަކައިގެ ބާވަތްތައްވެސް އެބަހުރި ކަން ފާހަގަ ކުރެއްވާ އޭނާ ވިދާޅުވީ މީގެ ތެރެއިން 57 ބާވަތެއް ނިސްބަތް ވަނީ އެއް އާއިލާއަށް ކަމަށެވެ. އަދި މައިކްރޯއޯރްގާ ނިޒަމްތަކުން ފެށިގެން އެޕެކްސް ޕްރެޑެޓާސް ހަމައަށް، އެތައް ހާސް ބާވަތެއް ރާއްޖޭގެ ކޮރަލް ރީފް އިކޯސިސްޓަމަށް ބަރޯސާވާ ކަމަށް ވެސް ޝައުނާ ވިދާޅުވިއެވެ.

ޝައުނާ ވިދާޅުވީ، އެސެސްކޮށްފައިވާ 39 ބާވަތެއްގެ ތެރެއިން ލިބިފައިވާ ނަތީޖާއިން އެނގެނީ ރާއްޖޭގައި މުރަކަތައް ހިމާޔަތްކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށެވެ.

އެގޮތުން 23 ބާވަތަކީ ކްރިޓިކަލީ އެންޑޭންޖާޑް، 6 އެންޑޭންޖާޑް، 7 ވަލްނަރަބަލް އަދި 3 ބާވަތެއް ނުރައްކަލަށް ހުށަހެޅިފައިވާ ބާވަތްތައް ކަމަށް ބެލެވިފައެއިވާ ކަމަށް ޝައުނާ ފާހަގަކުރެއްވިއެވެ. މި ނަތީޖައިން އިނގިފައިވަނީ 36 ބާވަތް ވަނީ ގެއްލުމުގެ ނުރައްކަލުގައި ކަމަށާއި މިއީ އުފާވެރި ހަބަރެއް ނޫން ކަމަށް ޝައުނާ ވިދާޅުވިއެވެ.

ނަމަވެސް، އުއްމީދު ކަނޑައިނުލާ މުސްތަގުބަލަށް ޓަކައި، މި ބާވަތްތައް ހިމާޔަތްކުރުމުގެ މަސަކަތްތައް އަދި ކޮންޒަވޭޝަން ޕްލޭނިންގް ކުރިއަށް ގެންދިޔުމަކީ ވަރަށް މުހިއްމު ކަމެއްކަމަށް ޝައުނާ ފާހަގަކުރެއްވިއެވެ.

ގައުމުގެ ހިމާޔަތުގައި މިހާރަށްވުރެ ރަނގަޅު އަދި ހެޔޮ އަސަރެއް ކުރުމަށް ސާބިތުކަމާއެކު މަސައްކަތްކުރާ މިނިސްޓްރީއެއް. ތިމާވެށީގެ ގާނޫނުގެ ދަށުން ހިމާޔަތްކުރެވިފައިވާ ޖުމްލަ 79 ސަރަހައްދުގެ ތެރެއިން، ރާއްޖޭގެ ކޮރަލް ރީފް ސަރަޙައްދުގެ 13 އިންސައްތައަށްވުރެ ގިނަ ސަރަޙަހައްދު އަޅުގަނޑުމެން މިހާރު ހިމާޔަތްކޮށްފައި. އަޅުގަނޑުމެންގެ އޭރިއާ ބޭސްޑް ކޮންޒަވޭޝަން ޓާގެޓްތަކުގައި، އަޅުގަނޑުމެން މިދަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން.
އެންވާރަމަންޓް މިނިސްޓަރު އާމިނަތު ޝައުނާ

މުރަކަ ދިރުވައި އާލަކޮށްދިނުމަށް، ގުދުރަތީ ކެޕިޓަލް އެކައުންޓިން ފަދަ އެހެނިހެން މުހިންމު ފިޔަވަޅުތަކަށް އަލިއަޅުވާލައިގެން އެކި އެކި މަޝްރޫއުތައް ރާވައި، މިހާރުވެސް ހިންގަމުން ގެންދާ ކަން ފާހަގަކުރައްވާ ޝައުނާ ވިދާޅުވީ، މިހުރިހާ މަސަތްކްތެއްގެ ނަތީޖާއަކަށް މުރަކައިގެ ބާވަތްތައް މިހާރަށްވުރެ ރަނގަޅު ހާލަތަކަށްދިއުމަށް އުންމީދު ކުރައްވާ ކަމަށެވެ.

ޝައުނާ ވަނީ ދިރާސަތަކުގެ ނަތީޖާއިން ޖަމްއިއްޔާތަކަށާއި، ރާއްޖޭގެ ރަށްވެހިންނަށާއި، ޒިޔާރަތްކުރާ ފަރާތްތަކުގެ ކިބައިން، މި ހައިރާންކުރުވަނިވި ބާވަތްތައް ހިމާޔަތްކުރުމުގައި ދައުރު އަދާކުރުމަށް ގޮވާލައްވާފައެވެ.

ރާއްޖެއަކީ މޫސުމާއި ގުދުރަތީ ފިޔަވަޅުތައް ހިމެނޭ މި ތިމާވެށީގެ ނިޒާމުތަކަށް ފައިދާވާ ގޮތަށް ބައިނަލްއަގްވާމީ ފިޔަވަޅުތައް އެޅުމަށް ވަކާލާތު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ގައުމެއް ކަން ޝައުނާ ފާހަގަކުރެއްވިއެވެ.

މިގޮތުން ގްލޯބަލް އޯޝަން އެލަޔަންސް އާއި ހައި އެމްބިޝަން ކޯލިޝަން ފޯ ނޭޗާ އެންޑް ޕީޕަލްގެ މެންބަރެއްގެ ހައިސިއްޔަތުން 2030 ވަނަ އަހަރުގެ ނިޔަލަށް ދުނިޔޭގެ އެއްގަމާއި ކަނޑުގެ 30 ޕަސަންޓު ހިމާޔަތްކުރުމަށް ދުނިޔޭގެ 30 ބައި30 ގެ އަމާޒަށް ރާއްޖެއިން ފުރިހަމައަށް ތާއީދުކޮށްފައިވާ ކަމަށް ޝައުނާ ވިދާޅުވިއެވެ.