ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އަދި ކުރީގެ ކުރިކެޓް ކުޅުންތެރިޔާ އިމްރާން ހާން އިސްވެ ހުންނަވާ ބައްވާ މާސިންގާ އިހުތިޖާޖެއް ހުކުރު ދުވަހު ފަށާނެ ކަމަށް އޭނާގެ ޕާޓީން ބުނެފިއެވެ.

ޕާކިސްތާނުގެ ތެހެރީކޭ އިންސާފް ޕާޓީގެ ޗީފް ވިދާޅުވީ، ހުކުރުދުވަހު އިހުތިޖާޖަށް ނުކުންނަވާނެ ކަމަށް އިމްރާން ހާން ވިދާޅުވެ އެނައުންސް ކުރައްވާފައި ވާކަމަށާއި އެއީ ޕާކިސްތާނުގެ ތާރީހުގައި ބާއްވާ އެންމެ ބޮޑު ހިނގާލުމަށް ވާނެ ކަމަށެވެ.

ހުކުރު ދުވަހު ހިނގާލުން ފަށަން ނިންމާފައި ވަނީ ލާހޯރުގެ ލިބަޓީ ޗޯކުންނެވެ. އިހުތިޖާޖުގެ ހިނގާލުން ނިންމަން ރާވާފައި ވަނީ އިސްލާމްއާބާދަށެވެ.

މި ހިނގާލުމާ ގުޅޭ ގޮތުން އިމްރާން ހާން ވިދާޅުވީ، ހިނގާލުމުގެ ބޭނުމަކީ އަވަސް އިންތިހާބަކަށް ދިޔުމަށް ސަރުކާރަށް ޕްރެޝާ ކުރުން ކަމަށާއި ލާހޯރުން ހިނގާލުން ފަށާނީ ހުކުރު ދުވަހުގެ ހެނދުނު 11 ޖަހާއިރު ކަމަށެވެ.

"މިއީ ހިނގާލުމަކަށް ވުރެ ބޮޑަށް ގައުމު ލޫޓުވާ ވައްކަން ކުރަމުންދާ ވަގުންނާ ދެކޮޅަށް ކުރާ ޖިހާދެއް"
އިމްރާން ހާން

އިމްރާން ވަގުން ކަމަށް އިޝާރާތް ކުރައްވާފައި ވަނީ މިހާރު އޮތް ޝާހްބާޒް ޝަރީފްގެ ސަރުކާރަށެވެ. ޝާހުބާޒް ވެރިކަމަށް ވަޑައިގަތީ، މީގެ 6 މަސް ކުރިން، އިމްރާން ހާން ގެ އިތުބާރު ނެތް ކަމަށް ފާސްވެ އޭނާގެ ވެރިކަން ވެއްޓުމުންނެވެ.

އިމްރާން ހާން އިތުރަށް ވިދާޅުވީ، އެ ހިނގާލުމަކީ ސުލްހަވެރި ހިނގާލުމެއް ކަމަށާއި ވެރިރަށް އިސްލާމްއާބާދުގެ ރެޑް ޒޯން އަށް ނުވަންނަވާނެ ކަމަށާއި ހިނގާލުން ކުރިއަށް ދާނީ ގާނޫނީ އިމުގެ ތެރެއިން ކަމަށެވެ.

އިމްރާން ހާން އިހުތިޖާޖަށް ނުކުންނެވުމަށް ތައްޔާރުވެ ވަޑައިގަންނަވަމުން ގެންދަވާ އިރު، އެނާ އިންތިހާބުވެ، ގާނޫނު ހަދާ މަޖިލީހުގައި މިހާރު ތަމްސީލު ކުރައްވަމުން ގެންދަވާ ގޮނޑި ގެއްލި، ކުރިއަށް އޮތް އިންތިހާބުތަކުގައި ވާދަ ނުކުރެއްވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ދާދި ފަހުން ވަނީ ނިންމާފައެވެ. ނަމަވެސް އެ ނިންމުން އިމްރާން ހައިކޯޓަށް އުފުލުމުން، އެ ކޯޓުން ނިންމާފައި ވަނީ، އިމްރާން އަށް ކުރިމަތި ނުލެއްވޭނެ އެއްވެސް ހާލަތެއް ނެތް ކަމަށާއި ކުރިއަށް އޮތް އިންތިހާބުގައިވެސް ވާދަ ކުރެއްވޭނެ ކަމަށެވެ.

ޕާކިސްތާނުގެ ގާނޫނުތައް ހުންނަ ގޮތުން، އެކަކަށް ކިތަންމެ ގިނަ ގޮނޑިއަކަށްވެސް ވާދަ ކުރެވެއެވެ. ނަމަވެސް މަޖިލީހުގައި ތަމްސީލު ކުރެއްވޭނީ އިހުތިޔާރު ކުރާ 1 ދާއިރާއެކެވެ. އިމްރާން ހާން މިހާރު ގެންދަވަނީ މިމަހުގެ 30 ވަނަ ދުވަހު އޮންނަ ހައިބާރު ޕަހުތުންހުވާ ގެ ކުއްރަމް ސަރަހައްދަށް ވާދަކުރެއްވުމަށް ތައްޔާރު ވަމުންނެވެ.