މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށް ފުލުހުން ތުހުމަތުކުރާ އަރުޝަދު ހާލިދު މިއަދު ހައްޔަރުކޮށްފިއެވެ.

އެކަން ކަށަވަރުކޮށްދެމުން ފުލުހުން ބުނީ ބަލަމުންދާ މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އަރުޝަދު މިއަދު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އަރުޝަދު ހައްޔަރުކޮށްފައިވަނީ ފުލުހުން އަމިއްލައަށް ފުލުހުންގެ ބެލުމުގެ ދަށުން ދޫކޮށްލި މައްސަލައިގައި ދައުލަތުން ސުޕްރީމް ކޯޓުގައި ކުރި އިސްތިއުނާފު އެ ކޯޓުން ބަލައިގެންފައިވަނިކޮށެވެ. އަދި ހައިކޯޓުގެ އަމުރާ ހިލާފަށް އަރުޝަދު ހައްޔަރުން ދޫކުރުމަށް ނިންމި އަދި ހައްޔަރުން ދޫކޮށްލި ލިޔުން ތައްޔާރުކުރި ފުލުސް އޮފިސަރުންގެ މައްސަލަ ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ވެސް ވަނީ އަންގާފައެވެ.

ޑްރަގުގެ މައްސަލައެއްގައި ދައުލަތުން ދައުވާކޮށް، ކުށް ސާބިތުނުވެ، ސަލާމަތްވެފައި ވަނިކޮށް މިދިޔަ އަހަރުގެ ފަހުކޮޅު މާލެ އާއި ހުޅުމާލެއިން އަތުލައިގަތް 119 ކިލޯގެ ޑްރަގް މައްސަލާގައި އިސް މީހެއް ކަމަށް ތުހުމަތުކުރާ އަރުޝަދު ދިރިއުޅެމުން އައީ ރާއްޖެ އިން ބޭރުގައެވެ. ނަމަވެސް އޭނާ ދުބާއީ އަށް ގޮސް އުޅެނިކޮށް ވަނީ ސްރީލަންކާއަށް ޑީޕޯޓުކޮށްލާފައެވެ.

އަރުޝަދު ލަންކާގައި ހުއްޓައި ބަންދުގައި ބަހައްޓައިގެން ހާޒިރުކުރުމަށް ހައިކޯޓުން ވަނީ ފުލުހުންނަށް އަމުރެއް ދީފައި ވީނަމަވެސް އޭނާ ލަންކާއިން މާލެ ގެނެސް ބަންދާމެދު ގޮތެއް ނިންމަން ހައިކޯޓުގައި މި މަހުގެ 17 ވަނަ ދުވަހަށް ތާވަލްކޮށްފައި ވީ ނަމަވެސް ފުލުހުންގެ ބެލުމުގެ ދަށުން ކޯޓަށް ހާޒިރުކުރުމުގެ އަމުރެއް އޮއްވައި ރޭ ތާވަލުކުރި އަޑުއެހުމަށް އޭނާ ހާޒިރުވީ އަމިއްލައަށް ކަމަށް ކޯޓުން ބުނެއެވެ.

ހައިކޯޓުން އަރުޝަދުގެ ޕާސްޕޯޓު ހިފަހައްޓާފައިވަނީ އޭނާ އާއި އިތުރު ބައެއްގެ މައްޗަށް ދައުވާކުރި ނުވަ ކިލޯގެ މަސްތުވާތަކެތީގެ މައްސަލައެއްގައި އޭނާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް މިދިޔަ އަހަރު ކްރިމިނަލް ކޯޓުން ކުރި ހުކުމް ދައުލަތުން އިސްތިއުނާފު ކޮށްފައިވާތީއެވެ.