އެސެޓް ޑިކްލަރޭޝަންގެ މައްސަލައެއްގައި ކުރިއަށް އޮތް އިންތިހާބުތަކުއި ބައިވެރިވެ ވަޑައިނުގެންނެވޭނެ ކަމަށާއި މިހާރު ތަމްސީލު ކުރައްވާ ގޮނޑިވެސް އިމްރާން ހާން އަށް ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ހައިކޯޓުން ހުއްޓުވައިފިއެވެ.
ހައިކޯޓުން މިއަދު ބުނީ، ހުރިހާ ކެންޑިޑޭޓުންނާ މެދުވެސް އަމަލު ކުރަން ވާނީ އެއް އުސޫލަކުން ކަމަށާއި، އިލްކެޝަންސް ކޮމިޝަނުން ނިންމި ނިންމުމަށް އަމަލު ނުކުރެވޭނެ ކަމަށާއި އަދި މި އޮކްޓޫބަރު މަހުގެ 30 ގައި އޮންނަ ސަރަހައްދީ އިންތިހާބުގައި ކުރީގެ ބޮޑުވަޒީރު އިމްރާން ހާން އަށް ވާދަ ކުރެއްވޭނެ ކަމަށެވެ.
ބޮޑުވަޒީރުކަން ގެއްލިވަޑައިގަތުމާ އެކު ގާނޫނު ހަދާ މަޖިލީހުގެ 7 ގޮނޑިއަކަށް ވާދަކުރައްވާ 6 ގޮނޑިއެއް ކާމިޔާބު ކުރެއްވި އިމްރާން މިހާރު ގެންދަވަނީ ހައިބާރު ޕަހުތުންހުވާ ގެ ކުއްރަމް ސަރަހައްދަށް ވާދަކުރެއްވުމަށް ތައްޔާރު ވަމުންނެވެ.
ޕާކިސްތާނުގެ ގާނޫނުތައް އޮންނަ ގޮތުން އެކަކަށް ކިތަންމެ ގިނަ ގޮނޑިއަކަށްވެސް ކުރިމަތި ލެވިދާނެއެވެ. އަދި ގިނަ ގޮނޑި ތަކެއް ކާމިޔާބު ވި ނަމަވެސް، ގާނޫނު ހަދާ މަޖިލީހުގައި އެމީހަކު ތަމްސީލު ކުރަން އިހުތިޔާރު ކުރެވޭނީ 1 ގޮނޑިއެވެ.
މިއަދު ހައިކޯޓުން ބުނީ، މިހާރު ހުށަހަޅާފައިވާ މައްސަލައިގައި އިދާރީ ކަންތައްތަކެއް ފާހަގަ ވެފައި ވުމުން، އެކަންކަން އިސްލާހު ކޮށް ހުށަހެޅުމުން މައްސަލަ ބަލާނެ ކަމަށެވެ. ނަމަވެސް މިހާރު ތާވަލް ކުރެވިފައި އޮތް އިންތިހާބުގައި އިމްރާން ވާދަ ކުރުމަށް ހުރަހެއް ނެތް ކަމަށެވެ.
ކުރީގެ ބޮޑުވަޒީރު އިމްރާން ހާންގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި ސަބަބަކީ، އިލެކްޝަނާ ދިމާކޮށް ޑިކްލެއާ ކުރަން ޖެހޭ މަލީ ހިސާބުތަކުގައި ބޭރުގެ އެކި ފަރާތްތަކުން ހަދިޔާގެ ގޮތުގައި ދީފައި ހުރި އެއްޗެހީގެ ހިސާބު ދިމާނުވުމުން އެއީ މަކަރު ހެދުން ކަމަށް ނިންމާފައެވެ.
އިމްރާނަށް ބޭރުގެ ފަރާތްތަކުން ހަދިޔާގެ ގޮތުގައި ރޮލެކްސް ގަޑިއަކާއި އަނގޮޅިއަކާއި އޮފީސް ގަމީހުގެ އަތުކުރީގައި ގޮށުގެ ބަދަލުގައި ޖަހާ ކަފްލިންކް ސެޓެއް ހިމެނެއެވެ.
އިލެކްޝަންސް ކޮމިޝަނުން އިމްރާންގެ ގޮނޑި ގެއްލިއްޖެކަމަށް ނިންމުމާއެކު އޭނާގެ ވަކީލުން ވިދާޅުވެފައި ވަނީ އިމްރާންގެ މާލީ ބަޔާނުގައި ހުރިހާ ތަފްސީލެއް ހިމަނާފައި ވާނެ ކަމަށެވެ.
ޕާކިސްތާނުގެ އިލްކްސަންސް ގާނޫނު ބުނާގޮތުން، ކެންޑިޑޭޓަކަށް ހަދިޔާއަކަށް ލިބޭ އެއްޗެއްގެ ތެރެއިން ވަކި އަގަކަށް ވުރެ ބޮޑު ނުވާ އެއްޗެހީގެ ތަފްސީލު އެ ކޮމިޝަނަށް އެންގުމަށް ފަހު ބެހެއްޓިދާނެއެވެ. އަދި އެ ކެންޑިޑޭޓަކު ބޭނުން ނަމަ އެ އެއްޗެއްގެ އަގުގެ 50 ޕަސެންޓްގައި ގަނެ އަމިއްލަވެސް ކުރެވޭނެއެވެ.