ކޮމިއުނިސްޓް ޗައިނާގެ ރައީސް ޝީ ޖިންގްޕިން 5 އަހަރުގެ 3 ވަނަ ދައުރެއް ޔަގީން ކުރައްވައިފިއެވެ.

ކޮންމެ 5 އަހަރަކުން ބާއްވާ ކޮމިއުނިސްޓް ޕާޓީގެ ކޮންގްރެސް މިއަދު ނިންމާލި އިރު، ކޮންގްރެސްގައި ބައިވެރިވި 2300 މަންދޫބުންގެ އިއްތިފާގުން ޕާޓީގެ ލީޑާޝިޕް ޝީއަށް ޔަގީންވެގެން ދިޔަ އިރު، ކުރިއަށް އޮތް ދައުރުގައި ވެރިކަމުގައި ދެމިހުންނަވާނީވެސް އޭނާއެވެ.

ދުނިޔޭގެ އެންމެ ބޮޑު އެއް އިގްތިސޯދު އަދި ދުނިގޭ ބޮޑެތި ބާރުތަކުގެ ތެރޭގައި ހިމެނޭ ޗައިނާގެ ރައީސްކަން ޝީ ކާމިޔާބު ކުރެއްވުމާއެކު އޭނާގެ ބާރު އިތުރަށް ވަރުގަދަވެގެން ދާނެ ކަމަށް މުރާސިލުން ބުނެއެވެ. އެގޮތުން، އޭނާ ދެން ވެގެން ދާނީ ޗައިނާގެ ބާނީ މާއޯ ޒެޑޮންގް އަށް ފަހު އެންމެ ބާރުގަދަ ލީޑަރަށް ކަމަށްވެސް ބުނެއެވެ.

މިއަދު ކޮންގްރެސް ނިމިގެން ދިޔަ އިރު، ބައެއް އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ވަކިކޮށް، އާ ބައިވެރިން މަގާމުތަކަށް އައްޔަން ކުރި އިރު، އެންމެ އަޅައިގަން ވަގުތު ކޮޅަކަށް ވީ، ޝީގެ އަރިހުގައި އިންނަވާ ކުރީގެ ރައީސް ހޫ ޖިންޓާއޯ ހޯލް ދޫކުރައްވާ ނުކުމެވަޑައިގަތް ވަގުތު ކޮޅެކެވެ. އޭނާ ހޯލުން ނުކުމެ ވަޑައިގަތުމަށް އޮފިޝަލުން އިޝާރާތް ކުރެވި އިރު، ޝީގެ އަރިހުން ތެދުވެވަޑއިގަތުމަށް ކުޑަކޮށް ފަސްޖެހިވަޑައި ގަން ނަމަވެސް ނުކުމެވަޑައިގަތީ މާޔޫސް ކަމާއެކުގައި ކަމަށް ހަބަރުތައް ބުނެއެވެ.

އަދި އޭނާ ކޮންގްރެސް އިން ނެރުނީ ކަމެއް އަމިއްލަފުޅަށް ކޮންގްރެސް ދޫކުރައްވާ ވަޑައިގަތީކަމެއް އޮފިޝަލުން ހާމަ ނުކުރި ނަމަވެސް މުރާސިލުން ބުނެފައި ވަނީ އޭނާ ކޮންގްރެސް އިން ނެރުނީ ކަމަށެވެ.

ކޮންގްރެސްގެ ވީޑިއޯތަކުން ފެންނަ ގޮތުން، މަގު ދައްކަން ހުންނަ ސްޓާފަކު ހޫ ކައިރިއަށް ގޮސް، ހޫގެ އަތުގައި ހިފާ ވަގުތު ހޫ، އަތް ފޮޅުވާލައްވައެވެ. އެއާއެކު އެ ސްޓާފް ހޫގެ ދެކިއްޕަތި ދަށަށް އަތް ލައްވާ ގޮނޑިން ނަގަން މަސައްކަތް ކުރެއެވެ. އެވަގުތު ހޫ، ޝީ އާއި ޕާޓީގެ ލީޑަރު ލީ ކިކިއަންގެ ގެ ކަންފަތްފުޅުގައި އެއްޗެއް ވިދާޅުވެއެވެ. އެއާއެކު ހޫ ވަޑައިގަންނަވަމުން މޭޒު މަތީގައި ހުރި ކަރުދާސްތައް ނަންގަވަން އުޅުއްވުމުން، ޝީ އަތް އަޅުއްވާ ހިފަހައްޓަވާތަން ފެނެއެވެ. ދެން ހޫ ވަޑައިގަންނަވަމުން ޝީގެ ކޮނޑުފުޅު މަތީގައި ޖައްސަވާލައްވައެވެ.

ހޫ ޖިންޓާއޫ ހޯލުން ނެރުނީ

ހޫ އާއި ޕާޓީ އާ ނުވަތަ ޝީ އާ ދެމެދު އުފެދުނު ހިޔާލުތަފާތުވުމެއް ނުވަތަ މައްސަލައެއްގެ އެއްވެސް މައުލޫމާތެއް މީޑިއާއަށް ތިލަވެފައެއް ނުވެއެވެ. އަދި ހޫ ނުކުމެވަޑައިގަންނަވަން ޖެހުނު ސަބަބާ މެދު ޗައިނާގެ އިންޓަނެޓްގެ އެއްވެސް ވަސީލަތެއްގައި ވާހަކަ ދެއްކުންވެސް އޮތީ މަނާކޮށްފައެވެ. އެގޮތުން ޗައިނާގެ ސާޗް އެންޖިން ވެއިބޫގައި ހޫ ޖިންޓާއޯ ޖެހިޔަސް ރިޒާލްޓެއްވެސް ނުދައްކައެވެ.

ޗައިނާގެ ވެރިކަމުގެ ނިޒާމު އޮންނަ ގޮތުން، ކޮމިއުނިސްޓް ޕާޓީގެ ތެރޭގައި އެންމެ މަތީ ބާރު އޮންނަނީ 7 މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއްގައެވެ. އެ ކޮމިޓީގައި ތިއްބަވަނީ އެންމެ އިސް ވެރިންނެވެ. ޝީ 3 ވަނަ ދައުރެއް ކާމިޔާބު ކުރައްވާ، އެ ކޮމިޓީއަށް ގެންދަވާ ބަދަލުގެ ތެރޭގައި މިހާރުގެ ލީޑަރު ލީ ކެކިއަންގް ދެން ހިމެނިވަޑައިނުގްނަނަވާނެ ކަމަށްވެސް ހަބަރު ލިބެއެވެ. މި ކޮމިޓީ އަކީ ޕާޓީގެ ތެރޭގައި އޮންނަ 205 މެންބަރުންގެ މައްޗަށް އެކުލެވޭ ސެންޓަރަލް ކޮމިޓީގެ މައްޗަށްވެސް ބަސް ކިޔޭ ކޮމިޓީއެކެވެ.

މިއަދު ކޮންގްރެސް ނިންމި އިރު، ލީ ގެ އިތުރުން 3 މެންބަރަކު އެ ކޮމިޓީގައި ނުހިމަނައެވެ. އެ މެންބަރުންގެ ތަފްސީލެއް ލިބިފައި ނުވާ އިރު، ޕާޓީގެ ޖެނެރަލް ސެކްރެޓަރީގެ މަގާމުގެ އިތުރުން ޗައިނާގެ އެންމެ ބާރުގަދަ ރައީސްގެ ހުވާ އަންނަ އާދީއްތަ ދުވަހު ޝީ ކުރައްވާނެއެވެ.