މީގެ 6 މަސް ކުރިން ޕާކިސްތާނުގެ ބޮޑުވަޒީރު ކަމުން ދުރުކުރި ކުރީގެ ކުރިކެޓް ކުޅުންތެރިޔާ އިމްރާން ހާން، މާލީ ބަޔާނަށް މަކަރު ހެއްދެވި ކަމަށް ނިންމާ ގާނޫނު ހަދާ މަޖިލީހަށް އޭނާ ހޮވުނު ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަން ކޮމިޝަކުން ކަނޑައަޅައިފިއެވެ.

ބޮޑުވަޒީރުކަން ގެއްލިވަޑައިގަތުމާ އެކު އިމްރާން ވަނީ، ގާނޫނު ހަދާ މަޖިލީހުގެ 7 ގޮނޑިއަކަށް ވާދަކުރައްވާ 6 ގޮނޑިއެއް ކާމިޔާބު ކުރައްވާފައެވެ. ޕާކިސްތާނުގެ ގާނޫނުތައް އޮންނަ ގޮތުން އެކަކަށް ކިތަންމެ ގިނަ ގޮނޑިއަކަށްވެސް ކުރިމަތި ލެވިދާނެއެވެ. އަދި ގިނަ ގޮނޑި ތަކެއް ކާމިޔާބު ވި ނަމަވެސް، ގާނޫނު ހަދާ މަޖިލީހުގައި އެމީހަކު ތަމްސީލު ކުރަން އިހުތިޔާރު ކުރެވޭނީ 1 ގޮނޑިއެވެ.

ކުރީގެ ބޮޑުވަޒީރު އިމްރާން ހާންގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި ސަބަބަކީ، އިލެކްޝަނާ ދިމާކޮށް ޑިކްލެއާ ކުރަން ޖެހޭ މަލީ ހިސާބުތަކުގައި ބޭރުގެ އެކި ފަރާތްތަކުން ހަދިޔާގެ ގޮތުގައި ދީފައި ހުރި އެއްޗެހީގެ ހިސާބު ދިމާނުވުމުން އެއީ މަކަރު ހެދުން ކަމަށް ނިންމާފައެވެ.

އިމްރާނަށް ބޭރުގެ ފަރާތްތަކުން ހަދިޔާގެ ގޮތުގައި ރޮލެކްސް ގަޑިއަކާއި އަނގޮޅިއަކާއި އޮފީސް ގަމީހުގެ އަތުކުރީގައި ގޮށުގެ ބަދަލުގައި ޖަހާ ކަފްލިންކް ސެޓެއް ހިމެނެއެވެ.

އިލެކްޝަންސް ކޮމިޝަނުން އިމްރާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ނިންމުމާއެކު އޭނާގެ ވަކީލުން ވިދާޅުވެފައި ވަނީ އެ މައްސަލަ ހައިކޯޓާ ހަމައަށް ގެންދާނެ ކަމަށާއި، އިމްރާންގެ މާލީ ބަޔާނުގައި ހުރިހާ ތަފްސީލެއް ހިމަނާފައި ވާނެ ކަމަށެވެ.

ޕާކިސްތާނުގެ އިލްކްސަންސް ގާނޫނު ބުނާގޮތުން، ކެންޑިޑޭޓަކަށް ހަދިޔާއަކަށް ލިބޭ އެއްޗެއްގެ ތެރެއިން ވަކި އަގަކަށް ވުރެ ބޮޑު ނުވާ އެއްޗެހީގެ ތަފްސީލު އެ ކޮމިޝަނަށް އެންގުމަށް ފަހު ބެހެއްޓިދާނެއެވެ. އަދި އެ ކެންޑިޑޭޓަކު ބޭނުން ނަމަ އެ އެއްޗެއްގެ އަގުގެ 50 ޕަސެންޓްގައި ގަނެ، އަމިއްލަވެސް ކުރެވޭނެއެވެ.

މި ކަމަކާ ގުޅިގެން އިމްރާން ހާން ވިދާޅުވެފައި ވަނީ ސަލާމަތީ ބައެއް ސަބަބުތަކާ ގުޅިގެން ބައެއް ތަކެތީގެ މައުލޫމަތު އާންމު ނުކުރައްވާ ކަމަށާއި ނަމަވެސް ލައްކައެއްހާ ޑޮލަރަށް ބައްލަވައިގަން ތަކެތީގެ މައުލޫމާތު ލިޔުމުން އިލެކްޝަނާ ހިއްސާ ކުރެއްވި ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުގެ މި ނިންމުމާއެކު މަސްރަހު ހޫނުވާނެ ކަމަށް ބަލައި، ވެރިރަށް އިސްލާމްއާބާދުގެ ސެކިއުރިޓީ ވަނީ ވަރުގަދަ ކޮށްފައެވެ.

ހަބަރުތައް ބުނާގޮތުން އިލެކްޝަންސް ކޮމިޝަނުގެ މި ނިންމުމާއެކު އިމްރާން ހާންގެ ސަޕޯޓަރުން މިހާރުވަނީ މަގުތަކަށް ނުކުންނަން ފަށާފައެވެ. އެގޮތުން ލާހޯރާއި، ޕެޝާވަރާއި އިސްލާމްއާބާދުގެ މަގުތަކަށް މިހާރުވެސް މީހުން ނުކުމެފައި ވާ އިރު ބޮޑެތި މުޒާހަރާތަކާއި ހަމަނުޖެހުންތައް ހިނގާނެ ކަމަށް މުރާސިލުން ބުނެއެވެ. އަދި މިހާރުވެސް ބައެއް ސަރަހައްދު ތަކުން އާންމުން ފައްސާލުމަށް ފުލުހުން ކަރުނަގޭސް ބޭނުން ކުރާ ކަމަށާއި ހަމަނުޖެހުތައް އިތުރަށް ހޫނު ވާނެ ކަމަށްވެސް ހަބަރުތައް ބުނެއެވެ.

އިމްރާން ހާނަކީ، ހުސްވި އޭޕްރީލްގައި މަގާމުން ދުރު ކުރި އިރު، އާންމުންގެ މަދުގައި މަގުބޫލު ލީޑަރެކެވެ. އޭރު އޭނާ މަގާމުން ދުރުކުރީ ރިޝްވަތު ދީގެން ބޭރުގެ ބައެއް ނުފޫޒުތައް އަޑީގައި ތިބެ ސިޔާސީ ބައެއް ފަރާތްތަކުގެ ބޭނުން ކޮށްގެން ކަމުގެ ތުހުމަތު މިހާރުވެސް އޮތް އިރު، ބައެއް އެމްޕީން އެމީހުން ދިރިއުޅޭ ރަށަށް ދިޔުމުން އާންމުން ނުކުމެ ހަމަލާދީފައިވެސް ވެއެވެ.