މަދިރި ނައްތާލުމުގެ ބޮޑު ހަރަކާތެއް އެޗްޑީސީއިން ހުޅުމާލޭގައި ކުރިއަށްގެންދަން ނިންމައިފިއެވެ.

އެޗްޑީސީން ބުނީ ޑެންގީ ކޮންޓްރޯލްކުރުމުގެ ގޮތުން މަދިރި ނައްތާލުމަށް "ޑެންގީ އިޖާބަ"ގެ ނަމުގައި އެ ކުންފުނިން އިންތިޒާމުކުރާ ހަރަކާތް އޮންނަނީ އަންނަ ހޮނިހިރު ދުވަހު ކަމަށާއި އެ ހަރަކާތުގައި ހުޅުމާލޭގައި މަދިރި އުފެދޭ ތަންތަން ނައްތާލައި ސާފުކުރާނެ ކަަމަށެވެ.

އެ ހަރަކާތުގައި ހުރިހާ ފަރާތްތަކުން ގުޅިގެން ހުޅުމާލޭގައި ޑެންގީ ވައިރަސް ފެތުރުން ހުއްޓުވުމަށް އެހީވެދިނުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.

އެޗްޑީސީއިން ވަނީ ހުޅުމާލޭގައި މަދިރި އުފެދޭ ތަންތަން ނައްތާލުމުގެ ހަރަކާތުގައި ސަރުކާރުގެ އެކި އިދާރާތަކާއި ކުންފުނިތަކާއި ސުކޫލްތަކާއި އަދި އަމިއްލަ ޖަމިއްޔާތަކުން ވެސް ބައިވެރިވާނެ ކަމަށާއި އާންމުންނަށް ވެސް އެ ހަރަކާތުގައި ބައިވެރިވެވޭނެ ކަމަށް ބުނެފައެވެ.

ޑެންގީގެ ހުން ޖެހިގެން މި މަހުގެ ތެރޭގައި ދެ ޒުވާނަކާއި ދެ ކުޑަކުއްޖަކު ވަނީ މަރުވެފައެވެ.

އެޗްޑީސީއިން އިންތިޒާމުކޮށްގެން ހުޅުމާލެ ސާފުކުރުމުގެ ހަރަކާތްތައް މީގެކުރިންވެސް ކުރިއަށް ގެންގޮސްފައިވާއިރު "ވޯލްޑް ކްލީން އަޕް ޑޭ" އާ ގުޅިގެން މިދިޔަ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހުގެ ހުޅުމާލެ ސާފު ކުރުމުގެ ހަރަކާތެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.