އޮޅުވާލައިގެން ރަހީނެއްގެ ގޮތުގައި ޕާކިސްތާނަށް ފޮނުވާފައި ހުރި ޒުވާނަކު ރާއްޖެ އައުމުން ހައްޔަރު ކޮށްފިއެވެ.

އޭނާ ހައްޔަރު ކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އުމުރުން 22 އަހަރުގެ އެޒުވާނާ ކޯޓުގައި ބުނީ، ބަޔަކު އޮޅުވާލައިގެން އޭނާ ޕާކިސްތާނަށް ފޮނުވީ ކަމަށެވެ.

އަދި އެ ގައުމަށް ދިއުމުން އެ ގައުމުގައި ތިބި ޑްރަގްގެ ނެޓްވޯކުން އޭނާ ހައްޔަރު ކޮށްގެން ގެންގުޅުނު ކަމަށް ވެސް އޭނާ ވަނީ ކޯޓުގައި ބުނެފައެވެ.

މީގެ އިތުރުން އެނބުރި ރާއްޖެ އައީ ފިލައިގެން ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

އޭނާ އަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރުމަށް އެހީވެދިން މީހެއް ކަމަށް ފުލުހުން ވަނީ ތުހުމަތު ކޮށްފައެވެ.

އޭނާ ހައްޔަރު ކުރިތާ ހަފުތާއެއް ވީިއިރު ވެސް ވަކީލަކު ހަމަޖެހިފައި ނުވާތީ އޭނާގެ ބަޔާން އަދި ނުނަގާކަމަށް ފުލުހުން ކޯޓުގައި ވަނީ ބުނެފައެވެ.

އެ ގޮތުން ވަކީލަކު ހަމަޖެހިފައި ނުވާތީއާއި އޭނާގެ އަތުން މަސްތުވާތަކެތި ފެނިފައި ނުވާތީ ގާޒީ ނިންމެވީ ދިގު މުއްދަތަކަށް ބަންދު ނުކޮށް, ބަންދަށް 10 ދުވަސް އިތުރު ކުރުމަށެވެ.

ޑްރަގް މައްސަލަތަކުގައި ބަޔާނާ އެއްގެ ގޮތުގައި ނުވަތަ ބަދަލެއް ނުވަތަ ގެރެންޓާއެއްގެ ގޮތުންނާއި ރަހީނެއްގެ ގޮތުގައި އިންސާނުން ތިބެންޖެހުމާއި، އެއްފަރާތުން އަނެއް ފަރާތަށް ހަވާލު ކުރުން ފަދަ ބޮޑެތި ލާއިންސާނީ ކަންކަން ހިނގައެވެ. އަދި ބައެއް ފަހަރު އިންސާނުންގެ ފުރާނަވެސް ގޮސްފައި އެބަހުއްޓެވެ.