ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން މަރުވި އައްޑޫ ފޭދޫ / ސޮލިޑް، މުހައްމަދު ޒަޔާން މޫސާ (21އ) މަރުވުމުގެ ކުރިން ހަމަލާދިން ގޮތާއި ހަމަލާދިން މީހުން ކިޔައިދީފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މިއަދު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑެތް އެންޑް ހޮމިސައިޑް އިންވެސްޓިގޭޝަން ޔުނިޓްގެ ހެޑް، އިންސްޕެކްޓަރު އޮފް ޕޮލިސް މުހައްމަދު ސާމިހް ވިދާޅުވީ ޒަޔާންއަށް ހަމަލާދީ މާރާމާރި ހިންގި މައްސަލަ ހުށަހަޅާފައިވަނީ ޖޫން މަހުގެ 22 ވަނަ ދުވަހުގެ މެންދަމު އައްޑޫ ގަމު ޕޮލިސް ސްޓޭޝަނަށް ޒަޔާންގެ އާއިލާގެ ފަރާތުން ކަމަށެވެ.

ފުލުހުން ސީންއަށް ދިޔައިރު ޒަހަމްތަކާއެކު ޒަޔާން ގޭގައި އޮތް ކަމަށާއި އެވަގުތު ވާހަކަ ދެއްކޭތީ ބައެއް ވާހަކަތައް އޭނާ ފުލުހުންނަށް ކިޔައިދިން ކަމަށާއި އެގޮތުން ހަމަލާދިން ގޮތާއި ހަމަލާދިން މީހުންނާ ގުޅޭ ވާހަކަތައް ދައްކާފައިވާ ކަމަށް ސާމިހް ފާހަގަކުރެއްވިއެވެ.

ސާމިހް ވިދާޅުވީ މި ހަމަލާ ދީފައިވަނީ ދުރާލާ ރާވައިގެން ކަމަށާއި އެ މާރާމާރީއަކީ އައްޑޫ ސިޓީގެ ފޭދޫގައި ޖަމާއަތް ހަދައިގެން ކުށް ކުރަމުން އަންނަ ދެ ބައެއްގެ ތެރޭގައި ހިންގި ސިލްސިލާ މާރާމާރީއެއް ކަމަށެވެ. އެގޮތުން ޒަޔާން މަރާލީ ބަދަލު ހިފުމުގެ މާރާމާރީއެއްގެ ތެރެއިން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ތަހުގީގަށް ހޯދުނު ހެކިތަކަށް ބަލާއިރު ހަމަލާދިނުމަށް ބޭނުންކުރި ބައެއް ތަކެތި ނައްތާލުމަށް އަލިފާން ހުޅުގަނޑެއް ޖަހައި މަސައްކަތް ކޮށްފައިވާ ކަމަށް ވެސް ވަނީ ފާހަގަކުރައްވާފައެވެ.

ސާމިހް ވިދާޅުވީ ސީންއިން ހޯދުނު ބައެއް ހެކިތައް އެ މައްސަލާގައި ހައްޔަރުކޮށްފައިވާ މީހެއްގެ ޑީއެންއޭއާ ދިމާވާ ކަމަަށާއި އެ ހަމަލާ ދިނުމުގަޔާއި ހެކި ނައްތާލުމުގައި ހަރަކާތްތެރިވެފައި ވަނީ ހަ މީހެއް ކަމަށެވެ . އޭގެ ތެރޭގައި ހިމެނެނީ 15 އަހަރާއި 19 އަހަރާ ދެމެދުގެ ބައެއް ކަމަށްވެސް ފާހަގަކުރެއްވިއެވެ.

އެ މައްސަލައިގެ ތުހުމަތަށް ހަތަރު ކުޑަ ކުދިން ހިމެނޭހެން ޖުމުލަ 11 މީހުން ވަނީ ހައްޔަރު ކޮށްފައެވެ.