“62 ވަނަ އިންޓަނޭޝަނަލް އަލް-ޤުރްއާން ރިސައިޓަލް އެންޑް މެމޮރައިޒިން އެސެމްބްލީ 2022” ޤުރްއާން މުބާރާތުގައި ދިވެހިރާއްޖެ ތަމްސީލްކުރުމަށް ހަމަޖެހިފައިވާ ދަރިވަރު، އާއިޝަތު ލީސް އައުރަފް ފާރޫގާއި ބެލެނިވެރިޔާ މެލޭޝިޔާއަށް ފުރައިފިއެވެ.

އިސްލާމިކް މިނިސްޓްރީއިން ބުނީ ކީރިތި ޤުރުއާން ބަލައިގެން ކިޔެވުމުގެ މި މުބާރާތުގައި ބައިވެރިވުމަށް ދަރިވަރަކު ހޮވާފައިވަނީ މިކަމަށް ހާއްސަ އޮޑިޝަނެއް ބާއްވައިގެން ކަމަށާއި އެ މުބާރާތަށް ހޮވިފައިވަނީ ކަލާފާނު ސްކޫލުގެ ދަރިވަރެއް ކަމުގައިވާ އާއިޝަތު ލީސް އައުރަފް ފާރޫގު ކަމަށެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ އެ ދަރިވަރާ ބައްދަލުކުރައްވާ ވަނީ ހިތްވަރުދެއްވާފައެވެ. އަދި އެ މުބާރާތަކީ މެލޭޝިއާ ސަރުކާރުން އިންތިޒާމްކުރައްވައިގެން މި މަހުގެ 17 އިން 22 އަށް ކުއަލަލަންޕޫރުގައި ބޭއްވުމަށް ހަމަޖެހިފައިވާ މުބާރަތަކަށްވާއިރު ރާއްޖެ ތަމްސީލުކުރާ އުމުރުން 15 އަހަރުގެ ލީސްއަކީ އެ މުބާރާތުގައި ބައިވެރިވާ އެންމެ ހަނގު ދަރިވަރުކަމަށް ކީރިތި ޤުރުއާނާބެހޭ ގައުމީ މަރުކަޒުން ވަނީ ބުނެފައެވެ.

އެ މުބާރާތަށް ދިޔުމަށް ލީސް ފުރުސަތު ލިބިފައިވާއިރު މިއީ ރާއްޖޭގެ ކޮންމެ ފަރާތަކަށްވެސް ލިބިދާނެ ފުރުސަތެއްކަން އެ މަރުކަޒުން ފާހަގަކުރައްވައެވެ. އަދި މިފަދަ މުބާރާތްތަކުގައި ރާއްޖެ ތަމްސީލުކުރުމަށްޓައި ވީހާވެސް ގިނަ ފަރާތްތަކުން މިފަދަ ފުރުސަތުތަކުގެ ބޭނުން ހިފުމަށް އެ މަރުކަޒުން އެދެއެވެ.

މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރާތާ 20 ވަރަކަށް އަހަރު ވެފައިވާއިރު ރާއްޖެއިން މި މުބާރާތުގައި ބައިވެރިވާ ދަރިވަރުން ގަދަ 10 އަދި ގަދަ 5 ގައިވެސް މީގެ ކުރިން ވަނީ ހިމެނިފައެވެ.