ހުއްދަ ނުނަގާ މާލެ ސިޓީ ކައުންސިލުން ގަސް ވިއްކަމުން ދާތީ ކަމަށް ބުނެ އިކޮނޮމިކް މިނިސްޓްރީން އެ ކައުންސިލް 10،000 ރުފިޔާއިން ޖޫރިމަނާ ކޮށްފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، އިކޮނޮމިކް މިނިސްޓްރީން ވަނީ އެ ކައުންސިލް 10،000 ރުފިޔާއިން ޖޫރިމަނާ ކޮށްފައި ކަމަށާއި އެ ޖޫރިމަނާ ކޮށްފައި ވަނީ ގަވައިދާ ހިލާފަށް ގަސް ވިއްކަމުން ދާތީ ކަމަށް ބުނެ ކަމަށެވެ. ނަމަވެސް ޖޫރިމަނާ ކޮށްފައި ވަނީކީ ގާނޫނާ ހިލާފަށް ކަމެއް ކޮށްގެން ނޫން ކަމަށާއި އެއީ ސިޔާސީ ވިސްނުމެއްގައި ކޮށްފައިވާ ކަމެއް ކަމަށް މުއިއްޒު ފާހަގަ ކުރެއްވިއެވެ. އަދި ކައުންސިލްގެ ގާނޫނީ ޓީމުން އިކޮނޮމިކް މިނިސްޓްރީން އެޅި ފިޔަވަޅާ މެދު ކަން ކުރާނެ ގޮތެއް ބަލައިގެން ކުރިއަށް ގެންދާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"ރައްޔިތުންނަށް ހިދުމަތް ކުރުމުގައި މާލެ ފެހި ކުރުމުގައި އަޅުގަނޑުމެން ކުރަމުންދާ މަސައްކަތް ނުހުއްޓި ގެންދާނީ ކުރިއަށް. އަޅުގަނޑުމެން ނެތިން ފަހަތަށް ޖެހޭކަށް. އަޅުގަނޑުމެން ގާނޫނީ އިމުން ބޭރަކަށް ނުދާނަމޭ. އަޅުގަނޑުމެން ވަރަށް ދުރަށް ވިސްނައިގެން މާލެއާ މާލޭގެ ރައްޔިތުންނަށް ފައިދާވާނެ ގޮތްގޮތަށް ކަންކަން މި ރާވަނީ. އިރާދަކުރެއްވިއްޔާ ރއްޔިތުންގެ ހިޔާލާ އެއްގޮތަށް. އެެހެންވީމާ އެގޮތަށް ކުރާ ކަންކަމަށް ހުރަސް އެޅުމުގެ ބޭނުމެއް ނެތް ދެއްތޯ. އަޅުގަނޑުމެން ކަންބޮޑެއް ނުވޭ މި ކަހަލަ ދެކޮޅު ނުޖެހޭ ދެއުޅިއެއް ނުވާ ކަންތައްތައް ކުރައްވަން ސަރުކާރުގެ ބައެއް ދިމަދިމާލުން އުޅުއްވިޔަކަސް"
ޑރ. މުހައްމަދު މުއިއްޒު

ލާމަރުކަޒީ ގާނޫނުގައި އޮންނަ ގޮތް ހުރިހާ ކައުންސިލަކަށް އެނގޭނެ ކަމަށާއި ގާނޫނުގައި އާމްދަނީ ހޯދައިގެން ރައްޔިތުންނަށް ހިދުމަތް ކުރުމަށް ވަރަށް ބޮޑަށް ފުރުސަތުދޭ ކަމަށް މުއިއްޒު ވިދާޅުވިއެވެ. ކައުންސިލަކީ އަމިއްލަ ވިޔަފާރިއެއް ކޮށްގެން މުއްސަނދިވާކަށް ޕްރައިވެޓް ކުންފުންޏެއް އަދި އަމިއްލަ ފަރާތެއް ވެސް ނޫން ކަމަށް މުއިއްޒު ވިދާޅުވިއެވެ. ކައުންސިލްތައް އުފައްދާފައި މިވަނީ ލާމަރުކަޒީ އުސުޅުގެ ދަށޫން ރައްޔިތުންނަށް ހިދުމަތް ކޮށް ދިނުމަށް ކަމަށާއި ގާނޫނުގައި ވަރަށް ސާފުކޮށް އާމްދަނީ ހޯދޭނެ ގޮތްތައް ބަޔާންކޮށްފައި އެބަ އޮތް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ހުރިހާ ކައުންސިލަކަށް ވެސް ބަޖެޓް ލިބެނީ ލިމިޓެޑް އަދަދެއް ކަމަށާއި އެހެންކަމުން ރައްޔިތުންނަށް ހިދުމަތް ކޮށް ދިނުމަށް ކުރަން ޕްލޭން ކޮށްފައިވާ މަސައްކަތުގެ ތެރެއިން މާލެ ފެހިކުރުމުގެ ޕްރޮގްރާމްގެ ތެރެއިން އެއް ލަކް ގަސް އިންދުމުގެ ޕްރޮގްރާމްގެ ތެރެއިން ފެށި ކަމެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ. މި މަސައްކަތަށް ކުރާ ހަރަދު އަނބުރާ ހޯދައި އަދި އޭގެން ލިބޭ ފައިދާ އިން މާލެ ތެރެ ޒީނަތްތެރި ކުރުމައްޓަައި ކުރާ ކަންކަމަށް ހަރަދު ކުރުމަށް ހަމަޖެހިފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން މުއިއްޒު ވިދާޅުވީ މާޅޭގައި އެކި ކަންކަމަތީ ބަލާލިއަސް ބިދޭސީ ގަވާއިދާ ހިލާފަށް ހިންގަމުންދާ ވިޔަފާރިތައް ފެންނާނެ ކަމަށާއި އެކަންކަން ހުއްޓުވުމުގެ އެއްވެސް ޝައުގުވެރިކަމެއް ނެތް ކަމަށް މުއިއްޒު ވިދާޅުވިއެވެ. ބިދޭސީން ތައް މާލެ ތެރޭ ގިނަވެފައި އެމީހުން އަމިއްލަ އަށް އެކި މަސައްކަތްތައް ކުރަމުންދާ އިރު އޭގެ ތެރޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގިން ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެކަން ހުއްޓުވަން ސަރުކާރުން މަސައްކަތް ނުކުރާ ކަމަށާއި އެކަމުގެ ސަބަބުން ދިވެހިންނަށް ލިބޭ އެތައް ފުރުސަތެއް ގެއްލިގެން ދާ ކަމަށް މުއިއްޒު ވިދާޅުވިއެވެ. ހަމައެއާއެކު މަސާޖު ޕާލާ ފަދަ ތަންތަން ވެސް މާލޭގެ އެކި ސަރަހއްދުތަކުގައި ހިންގަމުން ދަނީ ފާޅުގައި ކަމަށާއި އެކަންކަން ހުއްޓުވާނެ ފަރާތެއް ވެސް ނެތް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ސިޓީ ކައުންސިލުން މި މަހުގެ 8 ވަނަ ދުވަހުގެ ރޭ "މާލެ ފެހި" ގެ ނަމުގައި ގަހާއި ގަސްކާނާ ވިއްކާ ފިހާރައެއް ވަނީ ހުޅުވާފައެވެ. އެތަނުން ތަފާތު ބާވަތްތަކުގެ ގަސްތައް ލިބެން ހުރެއެވެ. މި މަސައްކަތް ފެށިތާ ކުޑަ ދުވަސްކޮޅެއް ވެފައި ވީ ނަމަވެސް، މި ވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ވެސް ބޮޑެތި ކުންފުނިތަކުން ކައުންސިލަށް ތަރުހީބު ދީފައި ވެއެވެ. އޭގެތރޭގައި ބައެއް ރިސްޓްތައް ހިންގާ ފަރާތްތައް ހިމެނެއެވެ.