އިންޑިއާގެ މިހާރުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ، ގުޖުރާތުގެ ޗީފް މިނިސްޓަރަކަށް ހުންނެވި އިރު، އެ ޝަހަރުގައި ގޭންގް ރޭޕް ކޮށް އާއިލާއެއްގެ 14 މީހަކު މަރާލި ހާދިސާގައި ކުށްވެރިވި 11 މީހަކު ދޫކޮށްލީ ސީދާ މޯދީގެ ސަރުކާރުންކަން ހާމަވެއްޖެއެވެ.
ކުރިން، މި މީހުން ދޫކޮށްލީ ގުޖުރާތުގެ ސަރުކާރުން ކަމަށް ބެލެވިފައި އޮތް ނަމަވެސް. މިހާރު ސްޕްރީމް ކޯޓުގައި ކުރިއަށް ދާ އަޑުއެހުންތަކާ ގުޅޭ ލިޔެކިޔުންތަކެއް ލީކްވެފައި ވާ އިރު އެ ލިޔެކިޔުންތަކުން އެނގޭ ގޮތުން، އެ 11 މީހުން ދޫކޮށްލަން ސޮއިކޮށްފައި ވަނީ މައި ސަރުކާރުގެ ހޯމް މިނިސްޓަރު އަދި މޯދީގެ އެންމެ އަރިސް އެއް ބޭފުޅާ ކަމަށް ވާ އަމިތް ޝާހެވެ.
2002 ވަނަ އަހަރު ގުޖުރާތުގައި ހިނގި މި ބޮޑު ޖަރީމާގައި ކުށްވެރި ވި 11 މީހަކު އުމުރަށް ޖަލަށް ލާފައި ހުއްޓާ އެމީހުންގެ އަހުލާގު ރަނގަޅު ކަމަށް ބުނެ ދޫކޮށްލީ މިދިޔަ އޯގަސްޓްމަހުއެވެ. އެއާއެކު އިންޑިއާގެ އެތަން މިތާނގައި އިޖުތިޖާޖުތައް ކޮށް ބޮޑެތި މުޒާހަރާތައް ބާއްވާ، އެމީހުން ދޫކޮށްލުމާ ދެކޮޅަށް އެތައް ހަރަކާތެއް ހިންގާފައި ވާ އިރު، އެމީހުން ދޫކޮށްލުން ގުޖުރާތު ސަރުކާރުން ދިޔައީ ދިފާއު ކުރަމުންނެވެ.
މިހާރު 40 ގެ އަހަރުތައް ގުނަމުންދާ ބިލްގިސް ބާނޯ ރޭޕްކޮށްލި އިރު އޭނާ އިނީ ބަލިވެއެވެ. އޭރު ބަނޑަށް 5 މަސް ކަމަށާއި، އޭނާ ރޭޕް ކުރުމުގެ އިތުރުން، އޭނާގެ 3 އަހަރުގެ ދަރިފުޅާއި އޭނާގެ އާއިލާއަށް ނިސްބަތްވާ 14 މީހަކުވެސް މަރާލިއެވެ. އޭނާގެ 3 އަަހަރުގެ އަންހެން ދަރިފުޅު މަރާލީ، ބިންމަތީގައި އޮތް ހިލަގަނޑެއްގައި ބޯ ޖައްސާ ބޯ ފަޅާލައިގެން ކަމަށްވެސް ތަހުގީގުތަކުން ވަނީ އެނގިފައެވެ. އެއީ، މިހާތަނަށް އިންޑިއާގައި ހިނގި އެންމެ ބޮޑު ދީނީ އެއް ހަމަނުޖެހުން ކަމަށް ވާ އިރު، އެ ހަމަނުޖެހުމައި 2000 މީހުން މަރުވިއެވެ. ގިނައީ މުސްލިމުންނެވެ.
ގުޖުރާތުގައި އެ ހަމަނުޖެހުން ހިނގީ، ހިންދޫން ބޮޑު އަޅުކަމެއް ނިންމާފައި ދިޔަ ރޭލެއްގައި އަލިފާން ރޯވެ ބަޔަކު މަރުވި ހާދިސާގައި ރޭލުގައި އަލިފާން ޖެހީ މުސްލިމުން ކަމަށް ބަލައި، ހިންދޫން މުސްލިމުންނަށް ހަމަލާދޭން ފެށުމުންނެވެ.
އެ ނުލަފާ ޖަރީމާ ހިންގި 11 މީހުންގެ މައްޗަށް ކުށް ސާބިތުވެ 2008 އިން ފެށިގެން ޖަލުގައި ހުރި ނަމަވެސް، މިދިޔަ އޯގަސްޓް މަހު ރަސްމީކޮށް ދޫކޮށްލަންދެން، އެމީހުން ތިބީ 1000 ދުވަހުގެ ބެއިލްއެއްގައި ވީއްލާފައި ކަންވެސް މިހާރު ވަނީ އެނގިފައެވެ. އެމީހުން 14 އަހަރު ޖަލުގައި ހޭދަ ކުރުމަށް ފަހު، މިނިވަން ވުމުން، ނުކުމެ އުފާފާޅުކޮށް، މާފަތި އަޅުވާ، ލަވަކިޔާ ޕާޓީ ބާއްވާފައި ވާއިރު، ބިލްގިސް ބާނޯ ބުނެފައި ވަނީ، އެމީހުން ދޫކޮށްލުމުން، އަދުލުގެ ނިޒާމަށް ކުރި އިތުބާރު ގެއްލިއްޖެ ކަމަށާއި ބިރުވެރިކަން އަނބުރާ އިއާދަވެއްޖެ ކަމަށެވެ.
ސްޕްރީމް ކޯޓުގެ އެންގުމަށް ދަށުކޯޓުން ފޯރުކޮށްދިން ބައެއް ލިޔެކިޔުންތައް އެންޑީޓީވީ އާއި ސޯޝަލްމީޑިއާ އެކައުންޓް ދަ ލީފްލެޓްގައި ހާމަ ކޮށްފައި ވާ އިރު، އެ ކުށްވެރިންނަށް ބެއިލް ދިން ކަމާއި، އެމީހުން ދޫކޮށްލީ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިޣޭޝަނުން އެކަމަށް ދެކޮޅު ހަދާފައި ވަނިކޮށް ކަންވެސް ވަނީ ހާމަ ވެފައެވެ. އެ މައްސަލައިގައި ބިއުރޯގެ ޗީފް ވިދާޅުވެފައި ވަނީ، އެ ކުށްވެރިންނަށް އެއްވެސް ލުޔެއް ދޭން ނުޖެހޭ ކަމަށާއި އެމީހުން ކުރި ކުށަކީ، ނުރައްކާތެރި ބޮޑު ޖަރީމާއެއް ކަމަށެވެ.
މި މައްސަލައިގެ އަޑުއެހުންތައް އިންޑިއާގެ ސްޕްރީމް ކޯޓުގައި ކުރިއަށް ދާއިރު، އަދި ހުކުމަކާ ހަމައަކަށް ނުދެއެވެ. ނަމަވެސް މިހާރު 12 އަޑުއެހުމެއް ނިމިފައި ވާއިރު މާ ލަސްތަކެއް ނުވެ ހުކުމާ ހަމައަށް ދެވޭނެ ކަމަށް ގިނަބަޔަކު ދެކެއެވެ.
ބިލްގިސް ބާނޯގެ މި ހާދިސާއާ ގުޅިގެން މުޅި އިންޑިއާގައި ދިގުލީ އެތައް މުޒާހަރާތަކެއް ކޮށްފައި ވާއިރު، 11 މީހުން ދޫކޮށްލި މައްސަލައިގައި އިދިކޮޅު ޕާޓީގެ ލީޑަރު ރާހުލް ގާނދީ ވިދާޅުވެފައި ވަނީ މޯދީ އަކީ ރޭޕިސްޓުންނަށް ތާއީދު ކުރައްވާ ބޭފުޅެއް ކަމަށެވެ.
އެ ހާދިސާ ބާނޯގެ ދުލުން
އެއީ 2017 ވަނަ އަހަރުގެ ދުވަހެކެވެ. ހިނދޫން ދަތުރު ކުރަމުން ދިޔަ ރޭލުގައި އަލިފާން ރޯވި އިރު އޭރު އުމުރުން 19 އަހަރުގެ ބިލްގިސް ބާނޯ ދިޔައީ ދެވަނަ ދަރިފުޅަކަށް އުންމީދު ކުރަމުންނެވެ. ބަލިވެއިން ދަރިފުޅާއި އޭރު އޭނާގެ ހުންނަ އުމުރުން ތިން އަހަރުގެ އަންހެން ދަރިފުޅާއެކު ގޯދްރާ ކައިރީގައި އޮންނަ ރަންދީކްޕޫރު އަށް ބާނޯ ދިޔައީ އޭނާގެ މައިންބަފައިންނަށް ޒިޔާރަތް ކުރާށެވެ.
ބާނޯ ނުކުމެގެން ދިޔައީ 17 މުސްލިމުން ހިމެނޭ ގްރޫޕެއްގައި ކަމަށާއި އޭގެ ތެރޭގައި އޭނާގެ އަންހެން ދަރިފުޅާއި މަންމަ އާއި މާބަނޑު އަންހެން ކޮއްކޮއަކާއި އޭނާގެ ހަގު ކޮއްކޮމެނާއި އެމީހުންގެ ދަރިންގެ އިތުރުން ބޮޑު ދެ ފިރިހެނުން ހިމެނެއެވެ. ޖެހިގެންއާއި ދެތިން ދުވަހު އެމީހުން އެއްރަށުން އަނެއް ރަށަށް ދަތުރުކޮށް، މިސްކިތްތަކުގައި ހިޔާވަހިކަން ހޯދައިގެން ނުވަތަ ހިންދޫ އަވަށްޓެރިންގެ އޯގާތެރިކަމުން ދިރިއުޅެމުން ދިޔައެވެ.
އެއަހަރުގެ މާޗު 3 ވަނަ ދުވަހުގެ ހެނދުނު، އެމީހުން ރައްކާތެރިވާނެ ކަމަށް, ގަބޫލުކުރެވޭ ކައިރީގައި އޮންނަ ރަށަކަށް ދިއުމަށް ފުރިކަމަށާއި، ނަމަވެސް ކުއްލިއަކަށް ފިރިހެނުންގެ ގްރޫޕަކުން އެމީހުން ހުއްޓުވައި, ކަނޑިއާއި ދަނޑިން ހަމަލާ ދިންކަމަށް ބަނޯ ކިޔައިދީފައި ވެއެވެ. އަދި އޭގެ ތެރެއިން އެކަކު އޭނާގެ އަންހެން ދަރިފުޅު އޭނާގެ އުރުން ފޭރިގަނެ ބިންމައްޗަށް އެއްލާލައި އެކުއްޖާގެ ބޯ ހިލަގަނޑެއްގައި ޖެއްސި ކަމަށް ބުންޏެވެ. އޭނާއަށް ހަމަލާދިން މީހުންނަކީ ރަށުގައި ތިބި އޭނާގެ އަވަށްޓެރިން ކަމަށާއި، އެއީ ބޮޑުވަމުން އައިއިރު ގާތްގަނޑަކަށް ކޮންމެ ދުވަހަކު ކަހަލަގޮތަކަށް އޭނާއަށް ފެނުނު ބައެއް ކަމަށްވެސް ބުނެފައި ވެއެވެ. އެމީހުން އޭނާގެ އުނުގައި އޮތް ހެދުން ދަމައިގަނެ، އޭގެ ތެރެއިން ބައެއް މީހުން އޭނާ ރޭޕްކޮށްފައި ވަނީ، ރަޙުމް ކުރުމަށް އެދި އާދޭސް ކޮށްކޮށް އޮއްވައި ކަމަށް ބާނޯ ވަނީ ކިޔައިދީފައެވެ.
އޭގެ ދެދުވަސް ކުރިން ކުއްޖަކު ވިހެއި، އޭނާގެ ދެބެންގެ ދެދަރި ކޮއްކޮވެސް ރޭޕްކޮށް މަރާލާފައި ވާއިރު, އޭނާގެ އުފަން ދަރިވެސް ވަނީ މަރާލާފައެވެ. ބިލްގިސް ބަނޯ ސަލާމަތްވީ އޭނާ ހޭނެތުމުން, ހަމަލާދިން މީހުން އޭނާ މަރުވެފައިވާ ކަމަށް ގަބޫލުކޮށް އޭނާ ދޫކޮށް ދިއުމުންނެވެ. މި ގަތުލުއާންމުން ސަލާމަތްވީ އޭނާއާއި ހަމައެކަނި ދެ ފިރިހެން ކުދިން ކަމަށާއި އެއީ ހަތަރު އަހަރާއި 7 އަހަރުގެ ދެ ފިރިހެން ކުދިން ކަމަށް ބާނޯ ވަނީ ކިޔައިދީފައެވެ.
އިންސާފަށްޓަކައި ބާނޯ ކުރި ހަނގުރާމައަކީ ދިގު އަދި ބިރުވެރި ހުވަފެނެއް ފަދަ މަސައްކަތަކެވެ. ފުލުހުންނާއި ދައުލަތުގެ ބައެއް އޮފިޝަލުން އޭނާއަށް ބިރުދައްކަން މަސައްކަތްކޮށް، ހެކި ނައްތާލައި، މަރުވެފައިވާ މީހުންގެ ޕޯސްޓްމޯޓަމް ނަހަދާ ވަޅުލާފައި ވާކަން ލިޔެކުންތަކުން ފެންނަން އެބައޮތެވެ. ބާނޯ ބެލި ޑޮކްޓަރުން ވެސް އެކަމުގައި ބައިވެރިވެ ބުނީ އޭނާ ރޭޕްކޮށްފައި ނުވާ ކަމަށެވެ. އަދި އޭނާއަށް މަރުގެ އިންޒާރު ވެސް ލިބިފައިވާ ކަމަށް ބަނޯ ބުނެއެވެ.
މިމައްސަލައިގައި އެންމެ ފުރަތަމަ މީހަކު ހައްޔަރުކޮށްފައި ވަނީ 2 އަހަރު ފަހުން، 2004 ވަނަ އަހަރު އިންޑިއާގެ ސުޕްރީމް ކޯޓުން އެ މައްސަލަ ފެޑެރަލް އިންވެސްޓިގޭޓަރުންނާ ހަވާލުކުރުމުންނެވެ. އަދި ގުޖުރާތުގެ ކޯޓުތަކަށް ބާނޯއަށް އިންސާފު ނުދެވޭނެ ކަމަށް މަތީ ކޯޓުން އެއްބަސްވެ، އޭނާގެ މައްސަލަ މުމްބާއީއަށް ބަދަލުކުރިއެވެ.
އިންސާފަށްޓަކައި އޭނާ ކުރި ހަނގުރާމަ ވަނީ އޭނާގެ އާއިލާގެ ހަމަޖެހުމަށްވެސް އަސަރުކޮށްފައި ކަމަށާއި އެކަމުގެ ސަބަބުން އެތަކެއް ފަހަރު އެމީހުން ދިރިއުޅޭ ގެ ވެސް ބަދަލުކުރަން ޖެހުނު ކަމަށް ބާނޯ ބުންޏެވެ.
ކޯޓުގައި މައްސަލަ ހިނގަމުން ދިޔަ އިރު ބާނޯއަށް ހަމަލާދިން މީހުންނަށް މަރުގެ އަދަބު ދިނުމަށް ޝަރީއަތުގެ މަޖިލީހުގައި އޭނާގެ ފިރިމީހާއާއި ބާނޯ އާދޭސް ކުރަމުން ދިޔައެވެ. ނަސީބު ކަންދިމާކުރި ގޮތުން މުމްބާއީގެ ހައިކޯޓުން އޭރު އެމީހުންގެ މައްޗަށް އުމުރަށް ޖަލަށްލުމަށް ހުކުމް ކުރުމުން ބާނޯ ބުނެފައި ވަނީ "ބަދަލު ހިފުމަށް ޝައުގުވެރި ނުވާ" ކަމަށާއި "ހަމައެކަނި ބޭނުންވަނީ އެމީހުން ކޮށްފައިވާ ކަންތައް އެމީހުންނަށް ވިސްނޭތޯ" ބެލުން ކަމަށެވެ.
"އަހަރެން އުންމީދު ކުރަން ކޮންމެސް ދުވަހަކުން އެމީހުންނަށް އެމީހުން ކުރި ކުށުގެ ބޮޑުކަން ވިސްނޭނެ ކަމަށް" ކުޑަކުދިން މަރާލި ގޮތާއި އަންހެނުން ރޭޕްކުރި ގޮތާ މެދު ނިސްބަތް ކުރަމުން އޭނާ ބުނެފައި ވެއެވެ. ބާނޯ, އިތުރަށް ބުނެފައި ވަނީ އެމީހުން މުޅި އުމުރު ޖަލުގައި ހޭދަކުރުމަށް އޭނާ ބޭނުންވާ ކަމަށެވެ.
ކުއްވެރިން މިނިވަން ކުރުމުން, މިދިޔަ އަންގާރަދުވަހު އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ބާނޯގެ ފިރިމީހާ ބުނެފައި ވަނީ އޭނާގެ އަންހެނުން ބާނޯ ހުރީ ވަރަށް ބޮޑު ހާސްކަމެއްގެ ތެރޭގައި ކަމަށާއި އެތައް އަހަރެއް ވަންދެން އެމީހުން ކުރި ހަނގުރާމަ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ނިމި ދިޔައީ ކަމަށެވެ. އަދި އެމީހުން އިންސާފަށްޓަކާއި ކުރިހާ މަސައްތަކެއް ފެނަށް ދިޔައީ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
މިވަރުގެ ނުބަނުލަފާ ފާހިޝް ބަެއް މީ އިންޑިއާއަކީ، މިގައުމުގާ ވެސް އިންޑިއާ ބައިގަނޑު މިހާރު ފާހިޝް ކުޅިގަނޑު ފަށައިފި، އެ ދުވަހު މަތީން އެކި ފަހަރު އަންހެނުންނަށް ގޯނާކުރާ ވާހަކަ އެބަ އިވޭ.
މިގައުމުގާ މިއޮތްސަުކާރުންވެސް ކަންތައްކުރާގޮތް މީ ހަމަ،