އައްޑޫ ސިޓީ ޕޮލިސް ސްޓޭޝަނެއްގެ ތެރޭގައި ފުލުހުން، އަންހެނަކަށް އަނިޔާ ކުރި ކަމަށް ބުނާ ވާހަކަ އެ މުއައްސަސާއިން ދޮގުކޮށްފިއެވެ.

ދާދި ފަހުން މައުލޫމާތެއް ސާފުކުރަން ދިޔަ އަންހެނަކަށް އައްޑޫ ސިޓީ ޕޮލިސް ސްޓޭޝަންގެ ތެރޭގައި އަނިޔާކުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވީޑިއޯއެއް ވަނީ ދައުރުވެފައެވެ.

އެމައްސަލާގައި ފުލުހުންނަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވާއިރު އެކަމާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ، އައްޑޫގައި ވައްކަމާއި މަސްތުވާތަކެތި އަދި ޖަމާއަތް ހަދައިގެން ކުށްކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ އޮޕަރޭޝަނުގެ ތެރެއިން މިދިޔަ ހުކުރު ދުވަހުގެ ރޭ ހުޅުމީދޫގައި ފުލުހުން ޕެޓްރޯލް ކުރަމުން ދިޔައިރު މަގުމަތިން ފެނުނު 37 އަހަރުގެ ފިރިހެނެއްގެ ހަރަކާތްތައް ހުރި ގޮތުން މަސްތުވެގެން ހުރި ކަމަށް ތުހުމަތު ކުރެވޭތީ ހުއްޓުވައި ސުވާލު ކޮށްފައިވާ ކަމަށެވެ.

އޭނާއާ ސުވާލު ކުރަމުން ދިޔައިރު ފުލުހުންނަށް މައުލޫމާތު ދޭން ނުޖެހޭނެ ކަމަށް ބުނެ ފުލުހުންނާއި އަދި ހުއްޓުވި 37 އަހަރުގެ މީހާއާ ދެމެދަށް 35 އަހަރުގެ އަންހެނަކު ވަދެ ފުލުހުންގެ ވާޖިބަށް ހުރަސްއެޅޭ ގޮތަށް މަސައްކަތް ކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ، އެ ފިރިހެން މީހާ ޕޮލިސް ސްޓޭޝަނަށް ގެންދިޔުމުން އެ އަންހެން މީހާ އިތުރު އަންހެނަކާއެކު ޕޮލިސް ސްޓޭޝަނަށް ވަދެ، އެ ފިރިހެން މީހާ ދޫކޮށްލުމަށް ގޮވާލައި އަޑުގަދަކޮށް މަސްލަހަތު ނަގާލަން މަސައްކަތް ކުރި ކަމަށެވެ.

މި އަމަލު ހުއްޓުވާ ސުލްހަވެރިކަމާއެކު ޕޮލިސް ސްޓޭޝަނުން ބޭރަށް ނިކުތުމަށް އެ ދެ އަންހެނުންނަށް އެންގުމުން އެކަމަށް އިންކާރު ކޮށްފައި ވާތީ ފުލުހުންނަށް ލިބިދޭ ގާނޫނީ ބާރުގެ ދަށުން އެ މީހުން ޕޮލިސް ސްޓޭޝަނުން ނެރުމަށް މަސައްކަތް ކުރި ކަމަށް ފުލުހުން ބުނެއެވެ.

މިކަމުގެ ތެރެއިން އަންހެން ދެ ފުލުހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ވަނީ ވާޖިބަށް ހުރަސް އަޅައި ހަމަނުޖެހުން ހިންގި މައްސަލަ ބަލާނެ ކަމަށް ބުނެފައެވެ. އަދި މިކަމުގައި ފުލުހުން އަމަލު ކޮށްފައިވާ ގޮތުގެ މައުލޫމާތު ހޯދައި، ކަން ހިނގާދިޔަ ގޮތް އިތުރަށް ބަލާނެ ކަމަށް ވެސް އެ މުއައްސަސާއިން ބުނެއެވެ.