ޕާކިސްތާނުގެ މުލްތާން އަވަށުގައި ހުންނަ ނިޝްތާރު ހޮސްޕިޓަލުގެ ފުރާޅުމައްޗާއި އެތަން މިތަނަށް އުކާފައި އޮތް 200 ހަށިގަނޑެއް ފެނިއްޖެއެވެ.

ބައިނަލްއަގުވާމީ ނޫސް އިދާރާތަކުން ހާމަ ކޮށްފައި ވާ ގޮތުގައި، ނިޝްތާރުގައި ހުންނަ މި ހޮސްޕިޓަލަކީ، މެޑިކަން ސްޓޫޑަންޓުން ތަހުލީލުތަކަށް ބޭނުން ކުރާ ހަށިގަނޑުތައް ހުންނަ މޯޗަރީއެއްވެސް ހުންނަ ހޮސްޕިޓަލެކެވެ. މި ތާނގައި ހަށިގަނޑުތައް އެޔަން މިތަނަށް އުކާފައި ހުއްޓާ ފެނުނީ، ވިސްލްބްލޯވަރަކު (ސިއްރުން މައުލޫމާތު ދޭ މީހެއް) ޕާކިސްތާނުގެ ޕަންޖާބު ޗީފް މިނިސްޓަރު އެ އަވަށަށް ވަޑައިގެންނެވި ތަނުން އޭނާއަށް ދިން މައުލޫމާތާ ގުޅިގެން އޭނާ ވަޑައިގެން ބެއްލެވި އިރުއެވެ.

"އަހަރެން ދިޔައީ އެ ހޮސްޕިޓަލަށް ދާން، ކުއްލިއަކަށް މީހަކު އައިސް ބުނީ ރަނގަޅު ކަމެއް ކުރާނަމަ އެ ހޮސްޕިޓަލުގެ މޯޗަރީއަށް ވަދެ ބަލާލުމަށް"
ޗީފް މިނިސްޓަރު ތޯރިގް ޒަމާން ގުއްޒަރު

ޗީފް މިނިސްޓަރު ގުއްޖަރު އިތުރަށް ވިދާޅުވީ، އެއާއެކު އޭނާ މޯޗަރީ ހުޅުވައިދޭން އެދުމުން ހޮސްޕިޓަލް ސްޓާފުން ފުރަތަމަ އެކަމަށް އިންކާރު ކުރި ކަމަށާއި، ނަމަވެސް ނުހުޅުވައިފި ނަމަ އެފްއައިއާރު (ފުލުހަށް މައްސަލަ ރިޕޯޓު ކުރުން) ހުށަހަޅުއްވާނެ ކަމަށް ބުނުމުން ހުޅުވި ކަމަށާއި އެތެރެއަށް ވަޑައިގެން ބެއްލެވި އިރު ފެނިވަޑައިގަތީ ކުނިވެ ފުޅައަޅާފައި ވާ ހަށިގަނޑުތަކެއް ކަމަށެވެ.

އަދި ފުރާޅާ ހަމައަށް ވަޑައިގެންނެވި އިރު، ފުރާޅުމަތީގައިވެސް އުކާފައި ހުރި ހަށިތައް ފެނިވަޑައިގެން ކަމަށާއި، އެ ހަށިތަކުން މަސްކާން ވަލްޗާ (މިނިކާ ބާރު) ތިރި ކުރާކަމަށެވެ. އަދި ބައެއް ހަށިތަކުގައި ފަންޏާއި ފުޅައަޅާފައި ވާ އިރު، ހެއްދެވި ގޮތަށް އުކާލާފައި ހުރިކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިތުރަށް ވިދާޅުވީ، އޭނާގެ 50 އަހަރުގެ ހަޔާތުގައި އެފަދަ ކަމެއް ދެކެވަޑައިނުގަންނަވާ ކަމަށާއި، އެ ހަށިގަނޑުތަކުގެ ތެރޭގައި ޑިކޮމްޕޯސް ވާން ފަށާފައި ހުރި ހަށިގަނޑުތައްވެސް ހުއްޓާ ފެނިވަޑައިގެން ކަމަށެވެ.

ޗީފް މިނިސްޓަރުގެ އެ ޖަވާބުގައި ހޮސްޕިޓަލުގެ ޑޮކްޓަރުން ބުނީ، އެއީ މެޑިސިން ކިޔަވާ ކުދިން ތަހުލީލުތަކަށް ބޭނުން ކުރާ ހަށިގަނޑުތަކެއް ކަމަށެވެ.

މިއާއެކު ޗީފް މިނިސްޓަރު ވިދާޅުވީ، ތަހުލީލުތަކަށް ހަށިގަނޑުތައް ބޭނުން ކުރުމަށް ފަހު، ދީނުގައި އޮންނަ ގޮތަށް ކަށުނަމާދުކޮށް ގަބުރުތައް ވަޅުނުލާ ހުރީ ކީއްވެތޯއާއި ހޮސްޕިޓަލުގެ ފުރާޅަށް އުކާފައި ހުރި ހަށިގަނޑުތައް ކުނިވެ ފުޅައަޅާން ދޫކޮށްލީ ކީއްވެތޯއެވެ.

މި މައްސަލައިގައި ނިޝްތާރު މެޑިކަލް ޔުނިވާސިޓީގެ ތަރުޖަމާން ސައްޖާދު މަސްއޫދު ވިދާޅުވީ، ހާމަ ޓެރަސް މަތީގައި ހަށިގަނޑުތައް ކުނިވާން އުކާލި ބަޔަކާ މެދު ހަރުކަށިފިޔަވަޅު އަޅުއްވާނެ ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަން ތަފާތު ކޮމިޓީތައް ހަދައިފި ކަމަށާއި، ނަމަވެސް ފުރާޅު / ޓެރަސް މަތީގައި އޮންނާނީ 4 ހަށިގަނޑެއް ކަމަށެވެ.

"35 ހަށިގަނޑެއް ނޯންނާނެ، 4 ހަށިގަނޑެއް އޮންނާނީ، އެއީ ދަރިވަރުން ބޭނުން ކުރުމުގެ ކުރިން އަވިން ހިކެން ނުވަތަ އަމިއްލަ ޒާތުގައި ހިކިގެންދާން ބާއްވާފައި އޮތް ހަށިގަނޑުތަކެއް"
ސައްޖާދު މަސްއޫދު

މި މައްސަލަ ބަލާ ތަހުގީގު ކުރަން ޕާކިސްތާނުގެ ޕަންޖާބުގެ އެޑިޝަނަލް ޗީފް ސެކްރެޓަރީގެ ވަނީ ކޮމިޓީއެއް އުފައްދަވާފައެވެ. ސްޕެޝިއަލައިޒްޑް ހެލްތް ކެއާގެ އެޑިޝަނަލް ސެކްރެޓަރީ މުޒަންމިލް ބަޝީރު އިސްވެ ހުންނަވާ ގޮތަށް އެކުލަވާލި 6 މެންބަރުންގެ ކޮމިޓީން މި މައްސަލަ ބަލައި ފިޔަވަޅު އަޅާނެ ކަމަށް އެޑިޝަނަލް ޗީފް ސެކްރެޓަރީ ސާގިބް ޒަފަރު ވަނީ ވިދާޅުވެފައެވެ.