ގެއްލިގެން ހޯދަމުން ދަނިކޮށް މި މަހުގެ ދެވަނަ ދުވަހު މަރުވެފައި އޮއްވާ ފެނުނު މުހައްމަދު އަޒުހާންގެ ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ލިބިފައި ނުވާ ކަމަށާއި، އޭނާ މަރުވެފައި އޮއްވާ ފެނުނުއިރު، އެ ތަނުގައި ހުރީ އޭނާގެ ކަށިތައް ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

މިދިޔަ މަހުގެ 18 ވަނަ ދުވަހު ގެއްލިގެން ހޯދަމުން ދިޔަ އަޒުހާންގެ ހަށިގަނޑު ފެނިފައި ވަނީ ހުޅުމާލެ ސްކޭޓް ޕާކް ސަރަހައްދުގެ ގަސްތަކުގެ ތެރެއިންނެވެ. ފެނުނުއިރު ހަށިގަނޑަށް ދެ ހަފްތާވެފައި ވާތީ، ހަށިގަނޑު އޮތީ ވަރަށް ބޮޑަށް ކުނިވެފައެވެ.

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ފަރާތުން ވާހަކަ ދައްކަވަމުން ޗީފް ސުޕްރިންޓެންޑެންޓް، ހެޑް އޮފް ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑް މުހައްމަދު ބަޝީރު ވިދާޅުވީ، އަޒުހާން ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައި ވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހުގެ އިރުއޮއްސި 6:20 ހާއިރު ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފުލުހުންނަށް ކަމަށެވެ.

ބަޝީރު ވިދާޅުވި ގޮތުގައި އެ މައްސަލަ ފުލުހުންނަށް ލިބުމާއެކު، ގެއްލިގެން ހޯދަމުންދާ މީހުން ހޯދުމަށް ކުރާ މަސައްކަތްތައް ފުލުހުން ކުރަމުން ދިޔައެވެ. އެގޮތުން އަޒުހާންގެ އާއިލާ އާއި ރައްޓެހިންގެ ފަރާތުން ލިބުނު މައުލޫމާތުގެ އިތުރުން، ފުލުހުންނަށް ލިބުނު މައުލޫމާތުގެ އަލީގަ އޭނަ ދަތުރުކުރި ކަމަށް ބެލެވޭ ތަންތަނުގެ ސީސީޓީވީގެ ފުޓޭޖުތަކާއި މަގުތަކާއި އެ ތަންތަން ބަލައި ފާސްކުރުމުގެ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ބަޝީރު ވިދާޅުވިއެވެ.

"މިހެން މަސައްކަތްތަކެއް ކުރަމުން ދަނިކޮށް، އޮކްޓޯބަރު ދެވަނަ ދުވަހު ހުޅުމާލެ ވޯޓާ ޕާކް ހުޅަނގުން އޮންނަ ސަރަހައްދުން ވަަރަށް ބޮޑަށް ޑީކޮމްޕޯސްވެފަ އޮތް އިންސާނެއްގެ ހަށިގަނޑު ފެނިފަވޭ. އަދި އެ ނެގުނު ހަށިގަނޑުގެ ޑީއެންއޭ ސާމްޕަލްތަކުން އެއީ އަޒުހާންކަން އަޅުގަނޑުމެންނަށް ވަނީ ކަށަވަރު ކުރެވިފަ."

އޭގެ އިތުރުން ބަޝީރު ވިދާޅުވީ:

  • އަޒުހާން ކަން ކަށަވަރު ކުރުމަށް ފަހު، އޭނާގެ މަރުގެ ހަގީގަތް ދެނެގަތުމަށްޓަކައި އިންޑިއާ އަށް ހަށިގަނޑު ފޮނުވިކަމަށް
  • އިންޑިއާ އިން ކުރި ތަހްލީލުތަކުގެ ނަތީޖާ އިން އެނގޭ ގޮތުގައި އަޒުހާންގެ ހަށިގަނޑަށް ބޮޑު ގެއްލުމެއް ލިބިފައި ނުވާކަން ފާހަގަވާ ކަމަށް

އެ މައްސަލައާ ގުޅިގެން، އަޒުހާން ކަމަށް ބުނެ، ސޯޝަލް މީޑިއާގައި ލިންކެއް ދައުރުކުރަމުން ދާ ކަމަށާއި، ނަމަވެސް އެ ލިންކުގައި ވަނީ އަޒުހާންގެ ފޮޓޯ ނޫން ކަމަށާއި، އެއީ ސްކޭމެއްގެ ތެރެއިން ދައުރުވަމުންދާ ލިންކެއް ކަމަށް ބަޝީރު ވިދާޅުވިއެވެ. އަދި އާންމުން އެކަމަށް ސަމާލުވުމަށް އޭނާ އެދިވަޑައިގަތެވެ.

އަޒުހާންގެ ހަށިގަނޑުން ކުނި ވަސް ދުވެގެން އާންމުން މައްސަލަ ހުށަނާޅާ

އަޒުހާންގެ ހަށިގަނޑު ހޯދަން ދެ ހަފްތާއެއްހާ ދުވަސް ނަގައި، އޭނާގެ ހަށިގަނޑު ފެނިގައި ވަނީ ދިރިހުރިއިރު ފެނުނު ސަރަހައްދާ ކައިރި ސަރަހައްދަކުން ކަމަށް ވުމުން، އެ މައްސަލައިގައި ފުލުހުންގެ ތަހްގީގު ކުރިއަށްދާ ގޮތާ މެދު އާންމުން ކަންބޮޑުވުން ފާޅުކޮށް، ފުލުހުންނަށް ފާޑު ވެސް ކިޔާފައިވެއެވެ.

ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ބަޝީރު ވިދާޅުވި ގޮތުގައި، އަޒުހާންގެ މަރުވެފައިވާ ހަށިގަނޑު އެ ސަރަހައްދުގައި އޮވެ ކުނިވަސް ދުވާތީ އެއްވެސް ފަރާތަކުން ފުލުހުންނާ މައުލޫމާތު ހިއްސާކޮށްފައެއް ނުވެއެވެ. އޭނާ ވިދާޅުވި ގޮތުގައި، އެހެންވެ އަޒުހާންގެ ހަށިގަނޑު ހޯދުމުގެ މަސައްކަތާއި ފުލުހުން ތަހްގީގު ކުރިއަށް ގެންދިޔައީ ފުލުހުންނަށް ލިބެމުންދިޔަ މައުލޫމާތުގެ އަލީގައެވެ.

އަދި އެވަގުތަކަށް ފުލުހުންގެ ސާޗުތައް އެކްސްޕާންޑު ކުރަމުން ގޮއްސަ އަޅުގަނޑުމެން އެ ސަރަހައްދު ސާޗްކުރީ. އެ ސާޗްކުރި ކުރުމުން ހަށިގަނޑު ފެނިފައި ވަނީ. އެހެންވީމާ ފުލުހުންނަކަށް ނެތް އެ ތަނުން ކުނިވަސް ދުވައިގެން އެކަހަލަ މައުލޫމާތެއް ލިބިފައެއް ނެތް." ބަޝީރު ވިދާޅުވިއެވެ.

އެއީ ފުލުހުން އާންމުކޮށް އަމަލުކުރަމުންދާ ގޮތް ކަމުގައި ވެސް ބަޝީރު ވިދާޅުވިއެވެ.