ދުނިޔޭގައި ނިއުކްލިއާ ގާބިލުކަން ލިބިފައިވާ ގައުމުތަކުގެ ތެރެއިން، ނިއުކްލިއާ ސަބްމެރީނެއްގައި ބެލިސްޓިކް މިސައިލެއް ޓެސްޓް ކުރި 6 ވަނަ ގައުމަކަށް އިންޑިއާ ވެއްޖެއެވެ.

ރާއްޖެ ހިމެނޭ ސަރަހައްދުގެ އެންމެ ބޮޑު އަސްކަރީ ބާރުގެ ގޮތުގައި އޮތް އިންޑިއާއިން މި ޓެސްޓް ކޮށް ބުނެފައި ވަނީ، މިއީ އިންޑިއާގެ އަސްކަރީ ގާބިލުކަން އިތުރުވެގެން ދިޔަ ކަމެއް ކަމަށާއި އަދި ނިއުކްލިއާ ގާބިލުކަމަށް އިތުރުވެގެން ދިޔަ ބޮޅެއް ކަމަށެވެ.

އިންޑިއާއިން މި ޓެސްޓް ކުރީ އެމީހުން އަމިއްލަ އަށް އުފައްދާފައިވާ ނިއުކްލިއާ ސަބްމެރިން އައިއެންއެސް އަރިހާންތް ގައި ބޭ އޮފް ބޭންގާލް ގައެވެ.

ނިއުކްލިއާ ގާބިލުކަން ލިބިފައިވާ ސަބްމެރިން މިހާތަނަށް އޮތީ، ފްރާންސް، ޗައިނާ، ރަޝިއާ، އެމެރިކާ އަދި އިނގިރޭސިވިލާތުގައެވެ.

އިންޑިއާ ކަނޑުގެ ރާއްޖެ ހިމެނޭ ބިތުގައި އިންޑިއާގެ ބާރު ގަދަކުރަމުން ދާއިރު، އިންޑިއާއިން ވަނީ މަތިންދާބޯޓު އުފުލާ ކަނޑުމަތީގެ އަސްކަރީ މަނަވަރެއްވެސް ބަނދެފައެވެ. އައިއެންއެސް ވިކްރާންތް ގެ ނަމުން ނަންދީފައިވާ މި މަނަވަރާއި، ނިއުކްލިއާ ސަބްމެރީން ގައި ބެލިސްޓިކް މިސައިލް ޓެސްޓް ކޮށް އިންޑިއާއިން ދައްކަން ބޭނުންވަނީ ޗައިނާ އާ ވާދަ ކުރެވިދާނެ ކަން ކަމަށް މުރާސިލުން ބުނެއެވެ.

މަތިންދާބޯޓު އުފުލާ އިންޑިއާގެ މި މަނަވަރަކީ ދުނިޔޭގައި އޮތް މިބާވަތުގެ ބޮޑެތި މަނަވަރުތަކުގެ ތެރެއިން މަނަވަރެކެވެ. އޭގެ ދިގުމިނުގައި 860 ފޫޓު ހުރެއެވެ.

އިންޑިއާއިން އަސްކަރީ ބާރަށް ދެން އިތުރު ކުރީ ހިމާލަޔާގެ އުސް ފަރުބަދަތަކުގެ މަތިން ދަތުރު ކޮށް ހަމަލާ ދެވޭ އަސްކަރީ ހެލިކޮޕްޓަރެވެ. 2020 ވަނަ އަހަރު ބޭނުން ކުރަން ފެށި މި ހެލިކޮޕްޓަރުތަކާއެކު އިންޑިއާގެ އަސްކަރީ ގާބިލުކަން ބޮޑުތަނުން ކުރިއަށް ޖައްސާފައި ވާ ކަމަށް ހަބަރުތައް ބުނެއެވެ. މިއާއެކު އިންޑިއާއަށް ގަންނަ ހަތިޔާރުގެ އަދަދުވެސް ވަނީ ބޮޑުތަނުން އިތުރު ކޮށްފައެވެ.