ތަހްގީގުގައި ވާހަކަ ދެކެވުނު ނަމަވެސް، އަލީ ޝާހިލްގެ ފަރާތުން މާ ބޮޑު އެއްބާރުލުމެއް ނުލިބޭ ކަމަށާއި، ޝާހިލްގެ ފޯނު މިހާރު ހުޅުވިފައިވާއިރު، އޭނާގެ ފޯނުން މައުލޫމާތު ނަގައި ކުރިއަށް އޮތް ހަފްތާގެ ތެރޭގައި އެ މަސައްކަތް ނިމޭނެ ކަމަށް، ފުލުހުން ބުނެފިއެވެ.

މީގެ ދެ މަހެއްހާ ދުވަސް ކުރިން އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު 21 އަހަރުގެ ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލައިގައި ކުށުގެ ވެށިން ޝާހިލް ހައްޔަރުކުރުމަށް ފަހު ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފައެވެ.

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ފަރާތުން ވާހަކަ ދައްކަވަމުން ސުޕްރިންޓެންޑެންޓް، ހެޑް އޮފް ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓް ހަސަން ސައީދު ވިދާޅުވީ، ތަހްގީގުގައި ވާހަކަ ދެކެވުނަސް ޝާހިލްގެ ފަރާތުން މާ ބޮޑު އެއްބާރުލުމެއް ނުލިބޭ ކަމަށާއި، އެކަމަކު ޝާހިލް ދޭން ބޭނުންވާ މައުލޫމާތުތައް ދެމުން ގެންދާ ކަމަށެވެ.

"ދެން އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ މޯޓިވްތަކެއް އެބަހުރި، އެކަމަކު އެއީ ހަމައެކަނި ގަބޫލުކުރުމެއްގެ މައްޗަށް އަޅުގަނޑުމެންނަށް ޕްރޮސެކިއުޝަން އަށް ފޮނުވޭނެ ކަންތައްތަކެއް ނޫން." ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވި ގޮތުގައި، ޝާހިލްގެ ފޯނު ހުޅުވި، މިހާރު ކުރިއަށް ދަނީ ފޯނުގައި ހުރި މައުލޫމާތުތައް ނެގުމުގެ މަސައްކަތެވެ. އެ މައުލޫމާތުތައް ކުރިއަށް އޮތް ހަަފްތާގެ ތެރޭ ލިބޭނެ ކަމަށާއި، އޭރުން ޝިއާއުގެ މަރުގެ ފަހަތުގައިވާ ސަބަބު ދެނެގަތުމަށް އިތުރު ހެކިތަކެއް ލިބިގެން ދާނެ ކަމަށް ވިދާޅުވިއެވެ.

"އެ ލިބޭ ހިސާބުން އަޅުގަނޑުމެންނަށް މޯޓިވް އައިޑެންޓިފައިކުރުމަށް އިތުރު ހެކިތަކެއް ލިބިގެންދާނެ ކަމަށް މިހާތަނަށް ތަހްގީގަށް ލިބިފަ ހުރި މައުލޫމާތުތަކުން އަޅުގަނޑުމެންނަށް އެބަ ގަބޫލުކުރެވޭ. އަދި މިވަގުތު އަޅުގަނޑު ހަމަ ކުރިން ވެސް ދެންނެވިގެން މޯޓިވް އަކަށް ޑެފިނެޓިވްކޮށް މީއޭ މޯޓިވް އޭ ބުނާނެ ވަރުގެ މައުލޫމާތުތަކެއް އަދި އަޅުގަނޑުމެންގެ އަތަކު އެއް ނެތް."
ސުޕްރިންޓެންޑެންޓު ހަސަން ސައީދު | ހެޑް އޮފް ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓް

އޭގެ އިރުކޮޅެއް ކުރިން ސައީދު ވިދާޅުވި ގޮތުގައި، ޝިއާއު މަރާލި ކަމަށް ޝާހިލްގެ މައްޗަށް ކުށް ސާބިތުކުރެވޭ މިންވަރަށް ހެކި ލިބިފައި އެބަހުރި ކަމަށެވެ. ނަމަވެސް ޝިއާއުގެ މަރުގެ ފަހަތުގައިވާ ސަބަބު އެނގުން މުހިންމު ކަމަށް ވިދާޅުވިއެވެ.

ހަމަ އެއާއެކު އެ މައްސަލައިގައި ޝާހިލް ފިޔަވައި އިތުރު އެހެން އެއްވެސް މީހެއްގެ ބައިވެރިވުމެއް ނެތް ކަން ސާފު ކަމަށް ވެސް، އޭނާ ވިދާޅުވިއެވެ.