މޫސުން ގޯސްވުމާ ގުޅިގެން ބްރިޖުން ދަތުރުކުރާއިރު ސަމާލުވާން ފުލުހުން އިލްތިމާސްކޮށްފިއެވެ.

ފުލުހުން ބުނީ، މިދުވަސްވަރަކީ މޫސުން ގޯސްވެ، ގަދަވައި ޖެހެމުންދާ ދުވަސްވަރެއް ކަމަށްވާތީ، ސިނަމާލެ ބްރިޖު އަދި ލިންކު ރޯޑު ބޭނުންކުރާ އެންމެން ވެސް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

މިގޮތުން ބަރުފާ އަޅާ މީހުން، ވަޔާއިއެކު ބުރުގާ މޫނުމައްޗަށް ނުދާނެހެން ބެހެއްޓުމަށް ފުލުހުން ވަނީ އެދިފައެވެ.

މީގެ އިތުރުން ވިއްސާރަ ކޯޓު ބޭނުންކުރާ މީހުން، ވަޔާއިއެކު ހަލާކުވެގެންގޮސް އެހެންމީހުންގެ މޫނުމަތީގައި ނޭޅޭފަދަ ރަނގަޅު ފެންވަރުގެ ކޯޓު ބޭނުން ކުރުމަށް ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ފުލުހުން ވަނީ ވައި ގަދަވާ ގަޑިތަކުގައި އުޅަނދުތަކުގެ ސްޕީޑު ކޮންތްރޯލްކުރެވޭ މިންގަނޑެއްގައި ހިފެހެއްޓުމަށް އިލްތިމާސްކޮށްފައެވެ.

މެޓް އޮފީހުން ވަނީ، ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، ކުރިއަށް އޮތް ހަތަރު ދުވަހު، ހާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގައި ވައިބާރުވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށްފައެވެ.

އެގޮތުން އޮޑިވެރިންނާއި، ކެޕްޓަނުން އަދި ފަޅުވެރިންނާއި ދަތުރުތަކުގައި ބައިވެރިވާ އާއިލާތަކާއި ރަހްމަތްތެރިން ވެސް ދަތުރު ކުރެވެނީ ސަލާމަތާއި ރައްކާތެރި އުޅަނދެއްގައިކަން ޔަގީންކުރުމަށްފަހު ކަނޑުމައްޗަށް އެރުމަށް އިރުޝާދުދޭ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އަދި ދަތުރަކަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދައި، ކަނޑުގަދަ ނަމަ ދަތުރު ނުކުރުމަށް ވެސް ފުލުހުން އިލްތިމާސްކުރެއެވެ.

މިގޮތުންކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.