'މަލްޓި-ސްޓޭކްހޯލްޑާ ކޮންސަލްޓޭޝަން ވިތް ޔަންގް ޕީޕަލް އޮން ކްލައިމެޓް އެކްޝަން' ގެ ނަމުގައި ޒުވާނުންނާއި ކުޑަކުދިންނަށް ހާއްސަ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

އެންވާރަމަންޓް މިނިސްޓްރީން ބުނީ، މި ބައްދަލުވުމަކީ ނޮވެމްބަރު 2022 މިސްރުގެ ޝަރަމުއްޝައިހްގައި ބާއްވާ ޔުނައިޓެން ނޭޝަންސް ފްރޭމްވާކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ޔޫއެންއެފްސީސީސީ) ކޮޕް 27 ޖަލްސާއްށް ތައްޔާރުވުމުގެ ގޮތުން މިނިސްޓްރީ އާއި ޔުނިސެފް މޯލްޑިވްސް ގުޅިގެން ހިންގި ހަރަކާތެއް ކަމަށެވެ.

މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުރެވޭ މަޝްވަރާތަކާއި އެޅޭ ފިޔަވަޅުތަކުގެ އެންމެ ކުރީ ސަފުގައި ކުޑަކުދިންނާއި ޒުވާނުން ހިމެނުމަށް ޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 100 އަށް ވުރެ ގިނަ ކުޑަކުދިންނާއި ޒުވާނުން، އަދި ދެކުނު އޭޝިއާގެ ގައުމުތައް ކަމަށްވާ ސްރީލަންކާ އާއި ބަންގްލަދޭޝް އަށް ނިސްބަތްވާ ޒުވާނުން މި ބައްދަލުވުމުގައި ބައިވެރިވެފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

ކޮޕް27 ގެ ކުރިން ބޭއްވި މި ހަރަކާތުގެ ސަބަބުން ރާއްޖޭގައި މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން މަސައްކަތް ކުރާ ސަރުކާރުގެ އިސް ފަރާތްތަކާއި، މަދަނީ ޖަމްއިއްޔާތަކާއި، އަމިއްލަ ކުންފުނިތަކާއެކު ޒުވާނުން މުއާމަލާތްކޮށް، ޝުއޫރުފާޅުކުރުމުގެ ފުރުސަތު ފަހިވެގެން ދިޔަ ކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ، މި ބައްދަލުވުމުގެ ސެޝަންތަކުގައި މައިގަނޑު ތިން މައުޟޫއަކަށް ވާހަކަ ދައްކާ، މަޝްވަރާ ކޮށްފައިވާ ކަމަށެވެ. މިގޮތުން 'ޕްލާސްޓިކް ފްރީ މޯލްޑިވްސް' އާއި 'ޕްރޮޓެކްޝަން އެންޑް ކޮންޒަވޭޝަން' އަދި 'އެނަރޖީ އެންޑް އިނޮވޭޝަންސް' މި ތިން މައުޟޫއުގެ މައްޗަށް އަލިއަޅުވާލާފައިވާއިރު، މިފަދަ ކަންކަމުގައި ކުޑަކުދިންނާއި ޒުވާނުންނަށް އަދާކުރެވިދާނެ ދައުރު ވެސް ފާހަގަކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

މި ހަފްލާގައި މޫސުމީ ބަދަލުތަކާއި ގުޅިގެން ދިވެހި ޒުވާނުންގެ ޝުއޫރުތައް ފާޅުކޮށް، އެފަރާތްތަކުން ސަރުކާރާއި ދުނިޔޭގެ ވެރިންނަށް ގޮވާލާ ގޮވާލުންތައް ހިމެނޭ ބަޔާނެއް ހަފްލާގެ ބައިވެރިންނާއި ހިއްސާކުރި ކަމަށް މިނިސްޓްރީން ބުނެއެވެ. މިނިސްޓްރީން ބުނީ، މި ބަޔާނުގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި، މިހާރުން މިހާރަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަން ފާހަގަކޮށް، ކުޑަކުދިންނާއި ޒުވާނުންނަށް ފައިދާކުރާފަދަ ސިޔާސަތުތައް ގާއިމުކުރުމަށް ވަކާލާތުކޮށްފައިވާނެ ކަމަށެވެ.

ޒުވާނުންގެ މި ބަޔާން މިސްރުގެ ޝަރަމުއްޝައިހްގައި ބޭއްވޭ ކޮޕް 27 ޖަލްސާގައި ދިވެހިރާއްޖޭގެ ވަކާލާތުގައި ހިމަނާނެ ކަމުގައި މިނިސްޓަރު އާމިނަތު ޝައުނާ ވަނީ ވިދާޅުވެފައެވެ.

އެންވަޔަރަންމަންޓް، މިނިސްޓަރު އާމިނަތު ޝައުނާ ހުށަހެޅުއްވި މި ހަފްލާގައި، ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ކަމަށް މިނިސްޓްރީން ބުނެއެވެ. މީގެ އިތުރުން މި ހަފްލާގައި ސްރީލަންކާ އަދި ބަންގްލަދޭޝްގެ ހައިކޮމިޝަނަރުނާއި ޖަޕާންގެ ސަފީރު އަދި ދިވެހިރާއްޖޭގެ ސްޕެޝަލް އެންވޯއި ފޯ ކްލައިމެޓް ޗޭންޖް، އ.ދ.ގެ ރެޒިޑެންޓް ކޯޑިނޭޓަރ އޭއައި އަދި ޔުނިސެފްގެ ރީޖަނަލް އެޑްވައިޒާ ވެސް ބައިވެރިވެވަޑައިގެންނެވި ކަމަށް މިނިސްޓްރީން ބުނެއެވެ.