މަސްތުވާތަކެތީގެ ބޮޑު މައްސަލައެއްގެ އިސް މީހާ ކަމަށް ފުލުހުން ތުހުމަތުކުރާ އަރުޝަދު ހާލިދު ދުބާއިން އަތުލައިގަނެ ސްރީލަންކާއަށް ގެންގޮސް ޑިޕޯޓް ކޮށްލުމުން ރާއްޖެ ގެނެސްފިއެވެ

ޑްރަގް މައްސަލައެއްގައި ދައުލަތުން ދައުވާކޮށް، ކުށް ސާބިތުނުވެ، ސަލާމަތްވެފައި ވަނިކޮށް މިދިޔަ އަހަރުގެ ފަހުކޮޅު މާލެ އާއި ހުޅުމާލެއިން އަތުލައިގަތް 119 ކިލޯގެ ޑްރަގް މައްސަލާގައި އިސް މީހެއް ކަމަށް ތުހުމަތުކުރާ ގދ. ހޯޑެއްދޫ އަލޯރާ، އަރުޝަދު ދިރިއުޅެމުން އައީ ރާއްޖެ އިން ބޭރުގައެވެ. ނަމަވެސް އޭނާ އަރުޝަދު ދުބާއީއަށް ގޮސް އުޅެނިކޮށް، އޭނާ ވަނީ ސްރީލަންކާއަށް ގެންގޮސްފައެވެ.

މިއަދު 'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ، މިހާރު އަރުޝަދު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ. އަދި އެއީ ހައިކޯޓުގެ އަމުރަކާ ގުޅިގެން ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް އޭގެ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.

އަރުޝަދުގެ ގާނޫނީ ވަކީލު އަހުމަދު ނާޝިދު މީގެ ކުރިން ވިދާޅުވެފައި ވަނީ، އަރުޝަދު ދުބާއީ އަށް ދިޔަ ތަނުން އެ ގައުމަށް އެތެރެވިޔަ ނުދީ އަނބުރާ ލަންކާ އަށް ފޮނުވައިލީ ދިވެހި ފުލުހުންގެ އަމުރަކަށް ބަލައިގެން ކަމަށެވެ. އަރުޝަދު ދިރިއުޅެނީ ލަންކާގައި ކަން ހައި ކޯޓަށް ވެސް ކްރިމިނަލް ކޯޓަށް ވެސް އެނގޭނެ ކަމަށާއި އޭނާ ފިލައިގެން ނޫޅޭ ކަމަށާއި އަރުޝަދު ހުރީ ލަންކާގައި ބަންދެއްގައި ނޫން ކަމަށް ވެސް ނާޝިދު ވިދާޅުވެފައި ވެއެވެ.

އަރުޝަދާއި އިތުރު ބަޔަކަށް އެންމެ ފުރަތަމަ ދައުވާކުރީ މިދިޔަ އަހަރުގެ ކުރީކޮޅު މާލޭގެ ބައެއް ގެތައް ފާސްކޮށް، ނުވަ ކިލޯގެ ޑްރަގާއި 4.6 މިިލިއަން ރުފިޔާ ފެނުނު މައްސަލާގަ އެވެ. އެ މައްސަލާގައި އަށް މީހެއްގެ މައްޗަށް ދައުވާ ކުރިޔަސް، ކުށް ސާބިތުވީ ދެ މީހެއްގެ މައްޗަށެވެ. އެ މައްސަލަ މިހާރު އޮތީ ހައިކޯޓުގަ އެވެ.

އޭގެ ފަހުން މިދިޔަ އަހަރުގެ ފަހުކޮޅު މާލެ އާއި ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި އަތުލައިގަތް 119 ކިލޯގެ ޑްރަގް މައްސަލާގެ އިސްކޮށް ހަރަކާތްތެރިވި އެކަކީ ވެސް އަރުޝަދު ކަމަށް ފުލުހުން ތުހުމަތު ކުރެއެވެ. ނަމަވެސް އޭރު އޭނާ ހުރީ ރާއްޖެއިން ބޭރުގައި ކަމުން އޭނާ ހައްޔަރެއް ނުކުރެވެއެވެ. އެ މައްސަލާގައި ތިން މީހެއްގެ މައްޗަށް ދައުލަތުން ދައުވާކޮށް، ޝަރީއަތް ދަނީ ހިނގަމުންނެވެ.