ކުޑަކުދިން އިންޓާރނެޓްގައި ރައްކާތެރި ކުރުމުގެ ހާއްސަ ސެޝަން ތަކެއް ބާއްވަން ކޮމިއުނިކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.
މިނިސްޓްރީން ބުނީ، މިނިސްޓްރީ އާއި އެންސީއައިޓީ ގުޅިގެން މިމަހު ފާހަގަ ކުރަމުން ގެންދާ ސައިބާ ސެކިޔުރިޓީ މަހުގެ އިވެންޓް ތަކުގައި، ދަރިވަރުންނާއި ބެލެނިވެރިންނަށް ހާއްސަ ސެޝަން ތަކެއް ބާއްވަން ހަމަޖެހިފައިވާ ކަމަށެވެ.
މި ސެޝަންތައް އޮންނާނީ މިމަހުގެ 17، 18 އަދި 19 ވަނަ ދުވަހު ކަމަށް މިނިސްޓްރީން ބުނެއެވެ.
މި ޕްރޮގްރާމުގެ މައިގަނޑު އެއް ޝިއާރަކީ، "އިންޓާނެޓް ސޭފްޓީ ފޯ ޗިލްޑްރެން" ކަމަށާއި މި ސެޝަން ތަކުގައި، ދުނިޔޭގެ ޓެކްނޮލޮޖީގެ ދާއިރާއިން އެންމެ ކުރީ ސަފުގައަ ހަރަކާތްތެރިވާ އެއް ކުންފުނި ކަމުގައިވާ މައިކްރޯސޮފްޓް ގެ ކަމާ ބެހޭ މާހިރުން ރައްޖެ އައިސް ސެޝަން ނަގައިދޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. މިނިސްޓްރީން ބުނީ، އަދި ކުޑަކުދިންގެ ރައްކާތެރިކަމަށް ހާއްސަ ކުރެވިފައިވާ ސެޝަންތައް ހިންގުމަށް ރާވައިފާވަނީ ރާއްޖޭގެ އެކި ކަންކޮޅު ތަކުން ވީހާވެސް ގިނަ ބަޔަކަށް ފަސޭހަ ކަމާއެކު ބައިވެރިވެވޭނެ ގޮތަށް އޮންލައިންކޮށް ކަމަށެވެ.
މިނިސްޓްރީން ބުނީ، 17 ވަނަ ދުވަހު ފުރަތަމަ ސެޝަން އެއްގެގޮތުގައި ރާވާފައި ވަނީ" އޮންލައިން އިންޓަރެކްޝަންސް އެން ރެޑް ފްލެގްސް"ގެ ނަމުގައި ސެޝަނެއް ކަމަށާއި މި ސެޝަންގައި އަލި އަޅުވާލާނީ އޮންލައިންކޮށް އެކިއެކި ޕްލެޓްފޯމްތަކުގައި މެސެޖުކޮށް މުއާސަލާތު ކުރުމުގައި ދިމާވެދާނެ ނުރައްކާތަކާއި، ސަމާލު ވާންޖެހޭ ކަންތައްތަކާއި، ނުދަންނަ މީހުންނާއި އޮންލައިންކޮށް މުއާމަލާތް ކުރުމުގައި ގެންގުޅެންޖެހޭ ރައްކާތެރިކަމުގެ މިންގަނޑުތަކަށް ކަމަށެވެ.
އަދި ކުޑަކުދިން ކިޔަވަން، ގޭމްކުޅުން ފަދަ ކަންކަމުގައި ބޭނުންކުރާ ޑިޖިޓަލް ވަސީލަތްތައް ރައްކާތެރިކޮށް ބޭނުންކުރުމަށް ޓަކާއި އެކުދިން ސަމާލުވާން ޖެހޭނެ ކަންކަމާއަ، ކަމެއް ދިމާވުމުން އަމަލު ކުރަން ޖެހޭނެ ގޮތްތައް މިސެޝަން ގައި ކިޔައިދެވޭނެ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.
މިނިސްޓްރީން ބުނީ، 13 އަހަރާއި 18 އަހަރާއި ދެމެދުގެ ކުދިންނަށް ހާއްސަ ކޮށްގެން ހިންގާ މި ސެޝަންގެ މަގްސަދަކީ ކުޑަކުދިންގެ ހުނަރު އިތުރުކޮށް، ނުރައްކާތެރި ކަންކަމުން އެކަހެރިވެ ތިބެ ޓެކްނޮލޮޖީ ބޭނުންކުރާ ބަޔަކަށް ހެދުން ކަމަށެވެ. އަދި މި އުމުރު ފުރާގެ ކުދިންނަށް ހާއްސަކޮއްގެން، މިމަހުގެ 18ގައި "ބިއިން އެވެއާ އޮފް ވަޓް ޔޫ ސެއާ އޮންލައިން" ގެ ނަމުގައި ވެސް މައިކްރޯސޮފްޓުގެ ތަޖުރިބާކާރުން އޮންލައިން ސެޝަނެއް ހިންގަން ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ފާހަގަކުރެެއެވެ.
މި ސެޝަންގައި ކުދިންގެ ޑިޖިޓަލް ފުޓްޕްރިންޓްތަކާ ބެހޭ ގޮތުންނާއި، އެކުދިންނާ ބެހޭ ގޮތުން އެހެން މީހުންނަށް ހޯދައި ފެންނާނެ މައުލޫމާތާއި، އެއިން ކޮށްފާނެ ނޭދެވޭ އަސަރުތަށް ކިޔައިދެވޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
އެކުދިންގެ ޒާތީ މައުލޫމާތު އޮންލައިންކޮށް ހިއްސާކުރުމުގައި ގެންގުޅެންވީ މިންގަނޑުތަކާއި، ޕްރައިވެސީ ރައްކާތެރި ކުރުމުގެ މުހިންމުކަމާއަ، އޯވާ ޝެއާ ކުރުމުން ދިމާވެދާނެ ނުރައްކާތެރި، ނުރަންގަޅު ކަންކަން އޮޅުންފިލުވައިދީ، ރައްކާތެރިކޮށް ސޯޝަލް މީޑިއާގައި މުއާމަލާތް ކުރުމަށް ދަސްކޮއްދެވޭނެ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.
މިނިސްޓްރީން ބުނީ، ."ޕްރޮޓެކްޓިން ކިޑްސް އޮންލައިން" ގެ ނަމުގައި އޮކްޓޯބަރު 19 ވަނަ ދުވަހު ބާއްވާ ސެޝަނަކީ، އޮންލައިން ޕްލެޓްފޯމް ތަކުގައި، ކުޑަ ކުދިންގެ ރައްކާތެރިކަމަށް ބޭނުންވާ ހުނަރާއި ވަސީލަތްތައް ދެނެގަނެ، ބެލެނިވެރިންނާއި މުދައްރިސުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ހޭލުންތެރިކަމުގެ އޮންލައިން ސެޝަނެއް ކަމަށެވެ.
ޓެކްނޮލޮޖީއިން ކުޑަކުދިންނަށް ފޯރު ކޮށްދޭ ފުރުސަތުތައް ފުޅާކޮށް، އެކުދިންގެ ޝައުގުވެރިވާ ކަންކަމުގު ތެރެއިން، އިންޓަނެޓް ބޭނުން ކުރާއިރު، ޕޭރެންޓަލް ކޮންޓްރޯލް ފަދަ ވަސީލަތްތައް ބޭނުންކޮއްގެން އެކުދިންނަށް ރައްކާތެރިކަން ފޯރުކޮއްދެވޭނެ ގޮތްތައް މި ސެޝަންގައި ކިޔައިދެވޭނެ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.
މިނިސްޓްރީން އިތުރަށް ބުނީ، މި މަހުގެ ތެރޭގައި “ސައިބާސެޭފް މޯލްޑިވްސް”ކެމްޕޭންގެ ދަށުން ސައިބާ ސެކިއުރިޓީގެ އެތަށް ޕުރޮގްރާމެއް ހިންގުމަށް ރާވާފައިވާ ކަމަށެވެ.