އއ. އުކުޅަކަށް ދަތުރުކުރި ލޯންޗަކުން ގެއްލިގެން ހޯދަމުންދާ ސ. ހިތަދޫ، މިންހާ، އުމުރުން 28 އަހަރުގެ މުހައްމަދު މިންހާޖު އަދިވެސް ފެނިފައި ނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ބުނީ މިންހާޖު ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިހާތަނަށް 87.6 ސްކޮޔާ މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށާއި އޭނާ ގެއްލިގެން އުޅޭކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މި މަހުގެ 7 ވަނަ ދުވަހުގެ ވަގުތެއްގައި ކަމަށެވެ.

ފުލުހުން ބުނީ އެ ލޯންޗުން ދަތުރުކުރި ކަމަށް ބުނާ ދެ މީހުންގެ ތެރެއިން މިންހާޖު މި މަހުގެ 5 ވަނަ ދުވަހުގެ މެންދުރުފަހު 1 ގެ ފަހުން ފެށިގެން ހަބަރެއްނުވެ ގެއްލިފައިވާ ކަމަށް އޭނާގެ އާއިލާއިން 6 ވަނަ ދުވަހުގެ ރޭ 8:50 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

އެ ލޯންޗުން ދަތުރުކުރި ދެ މީހުންގެ ތެރެއިން އެކަކު ފެރިދޫ ފުއްޓަރާ ދިމާއިން ފެނިފައިވާއިރު އޭނާއަށް ފެރިދޫ ސިއްހީ މަރުކަޒުގައި ފަރުވާދިނުމަށްފަހު އިތުރު ފަރުވާ ދިނުމަށް އާއިލާގެ އެދުމަށް އޭނާ މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާދިނުމަށްފަހު މިހާރުވަނީ ދޫކޮށްލާފައެވެ.

މިންހާޖު ހޯދުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން އދ. ހަންޏާމީދޫގެ ދެކުނު ކަނޑުއޮޅިން (އދ. އަތޮޅު އިރުމަތި) ފެށިގެން އަތޮޅުގެ ހުޅަނގަށް ވާގޮތަށް 87.6 ސްކޮޔާ މޭލުގެ ސަރަހައްދެއް ބަލާފައިވާއިރު މާޅޮހު ފަޅުގައި އޮތް ބަންޑުންޖަހާލި ލޯންޗު މިއަދު 1:30 ހާއިރު ކަފުޖަހައިގެން ވަނީ ހިމަންދޫއަށް ގެންގޮސްފައެވެ.

ފުލުހުން ބުނީ މިންހާޖު ހޯދުމަށް ފުލުހުންނާއި ކޯސްޓުގާޑުންދަނީ ހަރަކާތްތެރިވަމުންދާ ކަމަށާއި މާދަމާ ފެރިދޫގެ ހުޅަނގު ފުއްޓަރުފަރާތުގެ ކަނޑުގެ ސަރަހައްދު ޑައިވްކޮށްގެން ބެލުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މިންހާޖު ފެނިއްޖެނަމަ ނުވަތަ އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ 119 ނުވަތަ 3322111 އަށް މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.