ގެއްލިގެން ހޯދަމުން ދަނިކޮށް މިދިޔަ އާދީއްތަ ދުވަހު މަރުވެފައި އޮއްވާ ފެނުނު މުހައްމަދު އަޒުހާންގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ފޮނުވައިފިއެވެ.

ފުލުހުން ބުނީ ހޯދަމުންދިޔަ އަޒުހާން ކަމަށް ބެލެވޭ މީހާގެ ޕޯސްޓްމޯޓަމް ހެދުމަށް ހަށިގަނޑު މިއަދު ވަނީ އިންޑިއާއަށް ގެންގޮސްފައި ކަމަށެެވެ.

މިދިޔަ މަހުގެ 18 ވަނަ ދުވަހު ގެއްލިގެން ހޯދަމުން ދިޔަ އަޒުހާންގެ ހަށިގަނޑު ފެނިފައި ވަނީ ހުޅުމާލެ ސްކޭޓް ޕާކް ސަރަހައްދުގެ ގަސްތަކުގެ ތެރެއިންނެވެ. ފެނުނުއިރު ހަށިގަނޑަށް ދެ ހަފްތާވެފައި ވާތީ، ހަށިގަނޑު އޮތީ ވަރަށް ބޮޑަށް ކުނިވެފައިވާ ކަމަށް ފުލުހުން ހާމަކުރިއެވެ.

އެ މައްސަލައިގައި އަޒުހާންގެ ހަށިގަނޑު ހޯދަން ދެ ހަފްތާ ނެގުމާއި، އޭނާގެ ހަށިގަނޑު ފެނިފައިވަނީ އޭނާ ދިރިހުއްޓާ ފެނުނު ސަރަހައްދާ ކައިރި ސަރަހައްދަކުން ކަމަށް ވެފައި، ތަހްގީގު ކުރިއަށް ދާ ގޮތާ މެދު އާންމުންގެ ފަރާތުން ވަނީ ފުލުހުންނަށް ފާޑުކިއުން އަމާޒުވެފައެވެ.

ފުލުހުން ބުނެފައިވަނީ އަޒުހާންގެ ފޯނު މިހާރު ހޯދިފައި ވާއިރު އޭނާ މަރާލައިފައިވާ ކަމަށް ބެލެވޭ އެއްވެސް ހެއްކެއް އަދި ލިބިފައި ނުވާ ކަމަށެވެ.