ކޮވިޑް ވެކްސިން ހުއްޓުވަން ލޯ ފާމް އޮފް އަފްރާ އުސްމާން އިން ސިވިލް ކޯޓަށް ލީ މައްސަލައިގައި ޖަވާބުދާރީވާން ސަރުކާރަށް އިތުރު ވަގުތު ދީފިއެވެ.

އެ ލޯފާމުން ނެރުނު ބަޔާނެއްގައި ބުނީ ފެބުރުވަރީ 2021 އިން ފެށިގެން ދިވެހިރާއްޖޭގައި ދެމުން ގެންދާ ކޮވިޑް-19 ވެކްސިން ދިނުމުގައި، ދިވެހިރާއްޖޭގެ ގާނޫނާއި ގަވާއިދާއި ބައިނަލްއަގްވާމީ އުސޫލުތަކާއި މިންގަނތަކާ ހިލާފު އަމަލުތަކެއް ދިވެހި ދައުލަދުން ހިނގާފައިވާ ކަމަށެވެ.

އެއާއެކު ކޮވިޑް-19 ވެކްސިނޭޝަން ޕްރޮގުރާމާ ގުޅޭ ނިންމުންތަކުގެ މައްސަލަ ބަލައި ދިނުމަށް އެދި ޖުޑީޝަލް ރިވިއުގެ ދައުވާއެއް ސިވިލް ކޯޓަށް ހުށާހަޅާފައި ވާއިރު، ލޯ ފާމްއިން އިން އެދުނީ މި މައްސަލައިގައި ކޯޓުން ވަކި ގޮތެއް ކަނޑައަޅަން ދެން، ކޮވިޑް ވެކްސިން ދިނުން ވަގުތީގޮތުން ހުއްޓާލުމުގެ ވަގުތީ އަމުރަކަށެވެ.

މި މައްސަލަ މިމަހުގެ 2 ވަނަ ދުވަހު ކޯޓުގައި ރަޖިސްޓްރީ ކޮށްފަފައި ވާ އިރު މިމަހުގެ 4 ވަނަ ދުވަހުގެ އަޑުއެހުމަށް ދައުލަތުގެ ފަރާތުން ހާޒިރު ނުވެވުމުން ޖަބާވުދާރިވާން ވަނީ ވަގުތު ދީފައެވެ.

ލޯ ފާމް އިން ބުނީ، ކޮވިޑްގެ ތަހުލީލީ ވެކްސިންތަކެއް ރޯލް އައުޓް ކުރި ފަހުން، އާދަޔާ ހިލާފަށް ކުއްލި މަރުތައް ރާއްޖޭގައި އިތުރުވަމުން ދާ ކަމަށެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިފަދަ މަރުތައް އިތުރުވެފައި ވާކަން ފާހަގަ ކުރެވިފައި ވާތީ، ބައިނަލްއަގްވާމި ޑޮކްޓަރުންނާއި ސައިންޓިސްޓުންގެ ޖަމްއިއްޔާތަކުން ކޮވިޑްގެ ތަހުލީލީ ވެކްސިންތައް ދިނުން ވަގުތުން ހުއްޓާލުމަށް ގޮވާލާފައިވާ ކަމަށް ވެސް ލޯ ފާމް އިން ބުނެއެވެ.

މި ދަނޑިވަޅުގައި، ރައްޔިތުންގެ ފުރާނައާއި ސިއްހަތުގެ ސަލާމަތަށްޓަކައި ކޮވިޑްގެ ވެކްސިން ޖެހުން ހުއްޓާލުމަށާއި ހިނގައި ދިޔަ ކުއްލި މަރުތަކުގެ މިނިވަން ފުރިހަމަ ތަހުގީގެއް ކުރަން ދިވެހި ދައުލަތަށް އިލްތިމާސް ކުރާ ކަމަށް އެ ލޯފާމުން ބުނެއެވެ.

މިމަައްސަލައިގެ "ދަ ޕްރެސް" އަށް އިތުރު ތަފްސީލު ދެއްވަމުން އަފްރާ އުސްމާން، ވިދާޅުވީ، ޖުޑީޝަލް ރިވިއު އަކަށް އެދިފައި މިވަނީ ގާނޫނާ ގަވައިދާ ހިލާފަށް ސަރުކާރުން ވަރަށް ގިނަ ކަންކަން ކޮށްފައި ހުރުމުން ކަމަށެވެ.

އޭގެ ތެރޭގައި މީހުންގެ ރުހުމާ ނުލާ، މަޖުބޫރު ކޮށްގެން ވެކްސިން ޖެހުމާއި، ރައްޔިތުންނަށް ފުރިހަމަ މައުލޫމާތު ފޯރު ކޮށް ނުދީ ވެކްސިން ޖަހުމާއި، މީގެ އިތުރުން ރަޖިސްޓްރީވާން ޖެހޭ ގޮތަށް ރަޖިސްޓްރީ ވެފައި ނެތުމާއި ވެކްސިން ފޯރުކޮށްދިން އިރު އެއާއެކު ރައްޔިތުންނަށް ލިބެން ޖެހޭ ހައްގުތަކެއް ވެސް ފޯރުކޮށް ނުދީ ސަރުކާރުން ކަންކަން ކޮށްފައި ހުރި ކަމަށް ބުނެއެވެ.

އޭނާ އިތުރަށް ބުނީ، ކޯޓުން މިހާރު ދައުލަތަށް އިތުރު ވަގުތު ދީފައިވާ ވާ އިރު މިމަހުގެ 10 ވާ ހޯމަ ދުވަހުގެ މެންދުރު ފަހު 1:00 ގައި ލިޔުމުން ޖަވާބުދާރީވާން އަންގާފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހެލްތު މިނިސްޓްރީގެ ބަހެއް ހޯދަން ކުރި މަސައްކަތުގައި އެ ފަރާތުން އެއްވެސް ޖަވާބެއް އަދި ދެއްވާފައެއް ނުވެއެވެ.

"ދަ ޕްރެސް" އަށް އެނގިފައި ވާ ގޮތުން، ސަރުކާރުން މިހާރު ތައްޔާރު ވަމުން ދަނީ އެ މައްސަލައިގައި ޖަވާބުދާރީ ވުމަށެވެ.

ކޮވީޑްގެ ހާލަތު އައި ފަހުން ރާއްޖޭގައި ޒުވާން އުމުރުފުރައިިގެ ގިނަ ބަޔަކު ކުއްލި މަރުތަކާ ކުރިމަތިލާން ޖެހިފައި ވާ ކަން ފާހަގަ ކުރެވެއެވެ. ނަމަވެސް މި މަރުތަކުގެ އަސްލަކީ ކޮވިޑް ވެކްސިން ކަމެއް ނުވަތަ، އެނޫންވެސް ސަބަބުތަކެއް ކަމެއް ހޯދިފައެއް ނުތެވެ. އެފަދަ ތަފާސް ހިސާބެއްވެސް ދިރާސާއެއްވެސް ނެތެވެ.

ރާއްޖޭގެ ޒުވާނުންގެ ތެރޭގައި މަސްތުވާތަކެއްޗާއި އެނޫންވެސް އެބާވަތުގެ ތަފާތު ތަކެތީގެ އިސްތިއުމާލު ކުރާ މީހުންގެ އަދަދު ގިނައެވެ. އަދި އިންޓަނެޓުގެ ވަސީލަތްތައް މެދުވެރިކޮށް އެކި ފާޑުފާޑުގެ ހާބަލް ބުއިންތަކާއި ބޭސްތައް އެތެރެ ކޮށް ބޭނުން ކުރާ މީހުންނާއި ދުފްހަތުގެ އިސްތިއުމާލު ކުރާ މީހުންވެސް ގިނައެވެ. މީގެ އިތުރުން، ކެއުމުގެ އާދަތަކާއި ތައްޔާރީ ކާނާއާއި، އެނާޖީ ޑްރިންކް ތަކާއި ދިރިއުޅުމުގެ ވައްޓަފާޅި އާއި ގޭތެރޭގެ ތެލިތަށި ދޮވުމަށް ބޭނުން ކުރާ އެކިބާވަތުގެ ކެމިކަލް އެކުލެވޭ ތަކެތި ވެސް ބޭނުން ކުރާ ބައެކެވެ.

މިފަހުން ރާއްޖޭގައި ކުއްލި މަރުތައް ގިނަވެގެން ދިޔަ ނަމަވެސް، މި މަރުތަކުގެ ސަބަބު ދެނެގަނެވިފައި ވާ ކަން އެއްވެސް އިދާރާއަކުން ސާފުވާ ގޮތެއް ނުވިއެވެ.