ކެނެޑާނެ މެދުތެރޭގައި އޮންނަ ރަށްފުށު ހިސާބެއްގައި ހިންގި ގަތުލުއާންމުގައި 11 މީހަކު މަރުވި ހާދިސާގެ އާ ވާހަކަތަކެއް މިއަދު ހާމަކޮށްފިއެވެ.
ކެނެޑާގެ ކަމާބެހޭ އިދާރާތަކުން ބުނީ، ދެބެން ވެގެން ވަޅި ހަރައި 11 މީހަކު މަރާލި ހާދިސާގައި މަރުވި އުމުރުން 31 އަހަރުގެ ޑެމިއަން ސެންޑާސަން ވެސް މަރާލީ އޭނާގެ ބޭބެ އުމުރުން 32 އަހަރުގެ މައިލްސް ސެންޑާސަން ކަން މިހާރު ހޯދިފައި ވާ ކަމަށެވެ.
ކުރިން، އޮފިޝަލުން ބުނީ، އެ ދެބޭން ވަޅި ހިފައިގެން ނުކުމެ ވަކި އަމާޒެއް ނެތި އާންމުންނަށް ހަމަލާ ދިނުމަށް ފަހު ފިލި ކަމަށެވެ. އަދި އެ ދެމީހުން ހޯދަމުން ދަނިކޮށް ޑެމިއަން މަރުވެފައި އޮއްވާ ފެނުނު ކަމަށާއި، މައިލްސް އަތުލީ ވެހިކަލެއްގައި ފިލަން ދުއްވަނިކޮށް ހައިވޭ މަތިން ކަމަށެވެ.
ސެޕްޓެމްބަރު މަހުގެ ކުރީކޮޅު ހިންގި މި ގަތުލުއާންމާ ގުޅިގެން ކުރަމުން ދާ ތަހުގީގުތަކުގެ މައުލޫމާތު ހާމަ ކުރަމުން ފުލުހުންގެ އޮފިޝަލުން ބުނީ، ކުރިން ބެލެވިފައި އޮތީ، މަރުވި 11 މީހުން މަރާލުމުގައާއި ޒަހަމްވި މީހުންނަށް ހަމަލާ ދިނުމުގައި އެ 2 ބޭން އެއްވަރަކަށް ބައިވެރިވެފައި ވާ ކަމަށެވެ. ނަމަވެސް އިތުރަށް ބެލި ބެލުމުން، ހާދިސާ ހިނގި އިރު ޑެމިއަންވެސް މަރުވެފައި ވާކަން އެނގިފައި ވާ ކަމަށާއި އޭނާ މަރާލީ މައިލްސްކަން ޔަގީން ކުރެވިފައި ވާ ކަމަށެވެ. ނަމަވެސް އޭނާ މަރާލީ ޙާދިސާގެ ކުރިން ކަމެއް ނުވަތަ ފަހުން ކަމެއް އަދި ސާފުނުވާކަމަށްވެސް ބުނެއެވެ.
އެ ދެބެންނަކީ ޑްރަގްސް ގެ ވިޔަފާރީގައި އުޅުނު ދެބެން ކަމަށާއި ވަޅި ހެރުމުގެ ހާދިސާ ހިންގި ދުވަހުވެސް އެމީހުން ޑްރަގްސްގެ ވިޔަފާރީގައި އުޅުމުގެ އިތުރުން އާންމު މަސްލަހަތާ ފުށޫ އަރާ 3 މައްސަލައެއްގައި ބައިވެރިވެފައި ވާކަން އެނގިފައި ވާ ކަމަށް ބުނެއެވެ.
ހަމަލާ ދިނުމަށް ފަހު ފިލަން ދުއްވި މައިލްސްވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވެފައެވެ. އޭނާގެ މަރާ ގުޅޭ ތަހުގީގު އަދިވެސް ކުރިއަށް ދާއިރު އޮފިޝަލުން ބުނީ އޭނާ މަރުވި ކަމަށް ބެލެވެނީ ޑްރަގް އޯވަޑޯޒް ވެގެން ކަމަށެވެ. ނަމަވެސް މަރުގެ ތަހުގީގު ނިންމާ އެ ރިޕޯޓް ހާމަ ކުރެވޭނީ އަންނަ އަހަރުގެ ފެށޭކޮޅުގައި ކަމަށް ކަމަށް ބުނެއެވެ.