އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުގެ ނަންބަރު ބޯޑު ރަނގަޅު ނުކުރާ 1،410 މީހަކަށް ފުލުހުން ނަސޭހަތް ދީފިއެވެ.

އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުގެ ނަންބަރު ބޯޑު ރަނގަޅު ނުކުރާ ފަރާތްތަކާމެދު މިމަހު 1 ވަނަ ދުވަހުން ފެށިގެން ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން މިރޭ ބުނީ އެއްގަމު އުޅަނދުގެ ނަން ބޯޑު ގަވައިދާ ހިލާފަށް ހުރުމުގެ ސަބަބުން މިދިޔަ މަހު 20 އިން ފެށިގެން މިމަހު 6އާ ހަމައަށް މާލެ ސަރަހައްދުން 1410 މީހަކަށް އެކަން ރަނގަޅު ކުރުމަށް ނަސޭހަތް ތެރިވެފައިވާ ކަމަށެވެ.

މިހާތަނަށް އެއްވެސް މީހަކު ޖޫރިމަނާކޮށްފައި ނުވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ރަޖިސްޓްރީކޮށްފައި ހުންނަ އުޅަނދުގައި ނަންބަރު ޖަހާއިރު ނަންބަރު ބޯޑުގެ އަކުރުތައް ހުންނަން ވާނީ "އޭރިއަލް ބޯލްޑް" ފޮންޓުން ކަމަށްވާއިރު ނަންބަރު ބޯޑު ހަރުކުރުމަށް ޖަަހައިފައި ހުންނަ އިސްކުރު އެއް ސެންޓިމީޓަރަށް ވުރެ ދިގުކޮށް ނަންބަރު ބޯޑުގެ ބޭރަށް ނިކުމެފައި ހުރުމަކީ ވެސް މަނާކަމެކެވެ. އަދި ނަންބަރު ބޯޑުގައި ހުންނަ އަކުރުތައް ވަކިން ކަނޑާނަގައިގެން ބޭނުންކުރުމާއި އަކުރުތައް އެއް މިލިމީޓަރަށް ވުރެ އުސްކޮށް އުފުލިފައި ހުންނަ ގޮތަށް ހަދައިގެން ބޭނުންކުރުމަކީ ވެސް މަނާ ކަމެކެވެ.

އަކުރުތަކުގެ ސައިޒު ހުންނަން ވާނެ ގޮތް:

  • ކާރުގެ ކުރި / ފަހަތް: މަތީގައިވާ ނަންބަރު (35 މިލިމީޓަރު)، ތިރީގައިވާ ނަންބަރު (55 މިލިމީޓަރު)، ބޯޑުގެ ފުޅާމިން (28 ސެންޓިމީޓަރު)، ބޯޑުގެ ދިގުމިން (16 ސެންޓިމީޓަރު)
  • ސައިކަލުގެ ކުރި: މަތީގައިވާ ނަންބަރު (15 މިލިމީޓަރު)، ތިރީގައިވާ ނަންބަރު (25 މިލިމީޓަރު)، ބޯޑުގެ ފުޅާމިން (13.5 ސެންޓިމީޓަރު)، ބޯޑުގެ ދިގުމިން (އަށް ސެންޓިމީޓަރު)
  • ސައިކަލުގެ ފަހަތް: މަތީގައިވާ ނަންބަރު (ދެ ސެންޓިމީޓަރު)، ތިރީގައިވާ ނަންބަރު (35 މިލިމީޓަރު)، ބޯޑުގެ ފުޅާމިން (18 ސެންޓިމީޓަރު)، ބޯޑުގެ ދިގުމުން (11 ސެންޓިމީޓަރު)

އެއްގަމުގައި ދުއްވާ އުޅަނދުފަހަރުގެ ނަންބަރު ބޯޑު ކަރުދާހުން ހަދައިގެން ބޭނުންކުރުމަކީ ވެސް މަނާ ކަމަކަށްވާއިރު ވިޔަފާރި އުސޫލުން ބޭނުންކުރާ އުޅަނދުތަކުގެ ނަންބަރު ބޯޑުތައް ހުންނަން ވާނީ ރީނދޫ ކުލައިގެ ބޯޑެއްގައި ކަޅުކުލައިގެ އަކުރުންނެވެ.

ކޮންސިއުލާ މިޝަންތަކުގައި ބޭނުންކުރާ އުޅަނދުތަކުގެ ނަންބަރު ބޯޑު ހުންނަން ވާނީ ނޫ ކުލައިގެ ބޯޑެއްގައި ހުދު ކުލައިގެ އަކުރުން ލިޔެފައި ކަމަށް ވާއިރު އެ ނޫން އުޅަނދުތަކުގެ ނަންބަރު ބޯޑު ހުންނަން ވާނީ ކަޅު ކުލައިގެ ބޯޑެއްގައި ހުދު ކުލައިގެ އަކުރުން ލިޔެފައެވެ.

މީގެ އިތުރުން އެ ނޫން ކުލަތަކާއި ދިއްލޭ ކުލަކުލައިން ނަންބަރު ބޯޑު ހަދައިގެން ބޭނުންކުރުމަކީ ވެސް މަނާ ކަމެއް ކަމަށް "އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީ ކުރުމުގެ ގަވާއިދު" ގައި ބުނެފައިވެއެވެ.