ބީއެމްއެލަށް 40 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ހެކަތަން އެއް ބާއްވަން ނިންމައި، ބައިވެރިވާން ހުޅުވާލައިފިއެވެ.

ފުރަތަމަ ފަހަރަށް ބީއެމްއެލުން ބާއްވާ ހެކަތަން އިއުލާނު ކުރަމުން ނެރުނު އިއުލާނެއްގައި ބޭންކުން ބުނީ، މި ހެކަތަން ބާއްވަނީ ބޭންކުން އަލަށް ތައާރަފްކުރި އިނޮވޭޝަން ލެބަށް ބައިވެރިން ހޮވުމަށެވެ. ބީއެމްއެލުން ބުނި ގޮތުގައި:

  • ހެކަތަން ކުރިއަށް ގެންދާނީ "ބޭންކިން ސޮލިއުޝަންސް ޓު އެންހޭންސް ކަސްޓަމާ އެކްސްޕީރިއެންސް" ތީމްގެ ދަށުން
  • ހެކަތަން ކުރިއަށް ގެންދާނީ 48 ގަޑިއިރަށް، ފަށާނީ މި މަހުުގެ 14 ގައި މެންދުރު 2 ޖަހާއިރު ހޮޓެލް ޖެންގައި
  • އަމިއްލަ ފަރުދުންނާއި ޓީމްތަކަށް މި ހެކަތަންގައި ބައިވެރިވެވޭނެ
  • ފުރުސަތު ދޭނީ ފުރަތަމަ ރަޖިސްޓްރީކުރާ 50 ފަރާތަށް

ބީއެމްއެލް މިވަގުތު ހިންގަވާ ވަގުތީ މެނޭޖިން ޑިރެކްޓަރު އައިޝަތު ނޫރައްދީން ވިދާޅުވީ، އެންމެ ފަހުގެ ޓެކްނޮލޮޖީގެ އެހީގައި ބޭންކިންގެ ދާއިރާ އަށް ބަދަލު ގެނައުމަށް ޑިވެލޮޕަރުންގެ ފަރާތުން އަބަދުވެސް ޝައުގުވެރިކަން ފާޅުކުރަމުން އަންނަ ކަމަށާއި، މި ހެކަތަންގެ އެހީގައި ކަސްޓަމަރުންނަށް ދޭ ހިދުމަތް އިތުރަށް ފުޅާކުރުމަށްޓަކައި ޒަމާނީ ބޭންކިން ހައްލުތައް ހޯދޭނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، ހެކަތަން ކާމިޔާބުކުރާ ޓީމުތަކުން ހުށަހަޅާ ހިޔާލުތައް ހަގީގަތަކަށް ހެދުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ބީއެމްއެލްގެ އިނޮވޭޝަން ލެބުގައި އިންތިޒާމްވެގެން ދާނެއެވެ.

މި ހެކަތަންގައި ބައިވެރިވާ ޓީމުތަކުގެ ތެރެއިން ތިން ޓީމެއް ހޮވައި، އެ ޓީމުތަކުން ހުށަހަޅާ ހިޔާލުތައް ހަގީގަތަކަށް ހެދުމަށްޓަކައި ހަ މަސްދުވަހަށް އެހީވާނެ ކަމަށް ބީއެމްއެލުން ބުންޏެވެ. އެ މުއްދަތުގައި މަސައްކަތް ކުރުމަށް ކޮންމެ ޓީމަކަށް އެލަވަންސްގެ ގޮތުގައި މަހަކު 20،000ރ. ދިނުމަށާއި، ހާއްސަ އޮފީހެއް ދިނުމަށާއި، ހަދާ ޕްރޮޑަކްޓަށް ދިގު މުއްދަތުގެ މެއިންޓަނެންސް ކޮންޓްރެކްޓެއް ހަމަޖައްސައިދޭނެ ކަމަށް ވެސް ބޭންކުން ބުންޏެވެ.