އިންޑިއާއާއި ޗައިނާ އަދި ޕާކިސްތާންގެ އިމާ ގުޅޭ ކަޝްމީރުގެ ލަދާކު ސަރަހައްދު ކައިރީގައި ހަރަކާތްތެރިވާ ޗައިނާގެ ފައުޖުތަކަށް ފާރަވެރިވެ ރައްދު ދޭން ޖެހިއްޖެ ނަމަ ފުރިހަމައަށް ތައްޔާރަށް އޮތް ކަމަށް އިންޑިއާގެ އެއާފޯސް އިން ބުނެފިއެވެ.

އިންޑިއާގެ އެއާފޯސް ދުވަސް މި އޮކޮޓޯބަރު 8 ގައި ފާހަގަ ކުރުމަށް ތައްޔާރުވެފައި ވާއިރު، އެއާފޯސްގެ ޗީފް މާޝަލް ވީއާރު ޗައިދަރީ ވިދާޅުވީ، އަތުވެދާނެ ކޮންމެ ނުރައްކަލަށް އެއާފޯސް އޮތީ ފުރިހަމައަށް ތައްޔާރަށް ކަމަށާއި ޗައިނާގެ ހަރަކާތްތަކަށް ފާރަވެރިވެ ބަލަމުން ދާ ކަމަށެވެ. އެގޮތުން ވޯސްޓް ކޭސް ސިނާރިއޯ (އެންމެ ނުރައްކާތަެރި ހާލަތްތައް) އަށްވެސް ތައްޔާރު ކަމަށާއި 24 ގަޑި އިރު ފޯރިމަރަމުން ގެންދާ ކަމަށެވެ.

ދާދި ފަހުން ޗައިނާއިން އެސަރަހައްދާ ކައިރިން އަސްކަރީ ބޯޓުތައް އުދުހުނު މައްސަލައެއްގައިވެސް އިންޑިއާއިން ވަނީ ޗައިނާއަށް މެސެޖެއް ދީފައި ވާކަމަށް ބުނެފައެވެ.

ލަދާކް ސަރަހައްދު ދައްކައިދޭ ޗާޓެއް

ނަމަވެސް އެއީ ކޮން މެސެޖެއްކަން އޭނާ ހާމަ ނުކުރައްވާ ވިދާޅުވީ، ޗައިނާއިން ހަމަލާއެއް ދީފާނެހެން ހީވިޔަސް އެކަމާ އެލާޓްވާ ކަމަށާއި އަބަދުވެސް ތާއްޔާރީ ހާލަތުގައި ތިބޭނެ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ، 3 ގައުމު ގުޅިގެން ސުއްލަހަ ބެލެހެއްޓުމާ މެދު އިންޑިއާއިން އިއުތިރާޒު ނުކުރާކަމަށެވެ.

ލަދާކް އޮންނަނީ އިރުމަތިން ޗައިނާގެ ޓިބެޓާއި ދެކުނުން އިންޑިއާގެ ހިމާޗަލް ޕްރަދޭޝް އާއި ހުޅަނގުން ޕާކިސްތާނުގެ ގިލްގިޓް ބަލްތިސްތާން އާ ދެމެދުގައެވެ. މިއީ ކަޝްމީރުގެ ބިމެކެވެ. 3 ގައުމަށް މުހިންމު ވިޔަފާރީގެ މަގަކަށް ލަދާވް ޥާއިރު، މި ސަރަހައްދުގެ ކޮންޓްރޯލް 3 ގައުމުން އެ ބަޔަކަށް ފަހިވާ މިންވަރަށް ތިބީ ނަގައިގެންނެވެ. އެއްގައުމު އަނެއް ގައުމާ ދެމެދު ހަމަނުޖެހުން އުފެދޭ ފަހަރުފަހަރު އެގައުމަކަށް ލަދާކް ތެރެއިން ދެވެން އޮންނަ މަގުތައް ބަންދު ކުރުމާއި، ހަނގުރާމަ ކުރުން ފަދަ އެތައް ހާދިސާއެއް ލަދާކް ސަރަހައްދުގައި ހިނގާފައި ވެއެވެ.