ގެއްލިގެން ހޯދަމުން ދަނިކޮށް މިދިޔަ އާދީއްތަ ދުވަހު މަރުވެފައި އޮއްވާ ފެނުނު މުހައްމަދު އަޒުހާންގެ މައްސަލައިގައި ފުލުހުންގެ ވާހަކަތައް ހުންނަ ގޮތުން، އެ މަރަކީ އާދައިގެ މަރެއްގެ ގޮތުގައި ސިފަވާ ކަމަށް، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެއެވެ.

މިދިޔަ މަހުގެ 18 ވަނަ ދުވަހު ގެއްލިގެން ހޯދަމުން ދިޔަ އަޒުހާންގެ ހަށިގަނޑު ފެނިފައި ވަނީ ހުޅުމާލެ ސްކޭޓް ޕާކް ސަރަހައްދުގެ ގަސްތަކުގެ ތެރެއިންނެވެ. ފެނުނުއިރު ހަށިގަނޑަށް ދެ ހަފްތާވެފައި ވާތީ، ހަށިގަނޑު އޮތީ ވަރަށް ބޮޑަށް ކުނިވެފައިވާ ކަމަށް ފުލުހުން ހާމަކުރިއެވެ. އެ މައްސަލައިގައި އަޒުހާންގެ ހަށިގަނޑު ހޯދަން ދެ ހަފްތާ ނެގުމާއި، އޭނާގެ ހަށިގަނޑު ފެނިފައިވަނީ އޭނާ ދިރިހުއްޓާ ފެނުނު ސަރަހައްދާ ކައިރި ސަރަހައްދަކުން ކަމަށް ވެފައި، ތަހްގީގު ކުރިއަށް ދާ ގޮތާ މެދު އާންމުންގެ ފަރާތުން ވަނީ ފުލުހުންނަށް ފާޑުކިއުން އަމާޒުވެފައެވެ.

އެ ކަންބޮޑުވުންތައް ހިއްސާކުރައްވައި އާދަމް ޝަރީފް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ގޮވާލައްވާފައި ވަނީ:

  • އަޒްހާންގެ މައްސަލައިގައި ކަމާބެހޭ ފަރާތްތަކުގެ އިހުމާލު އޮތް މިންވަރު ބެލުމަށް
  • އެ މައްސަލައިގެ ތަހްގީގު އިތުރަށް ފުޅާކުރުމަށް ފުލުހުންގެ ވަސީލަތްތައް ބޭނުންކުރުމަށް
  • ކަމާބެހޭ ފަރާތްތައް ޒިންމާދާރުކުރުވުމަށް
  • ކުއްލި މަރުތައް އިތުރުވަމުންދާ މައްސަލަތައް ދެނެގަނެ، ހައްލުކުރުމަށް

އާދަމް ޝަރީފް ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައިގަންނަން ވޯޓު ދެއްވީ ޖަލްސާ އަށް އޭރު ހާޒިރުވެވަޑައިގަތް 41 މެންބަރުންގެ ތެރެއިން 25 މެންބަރުންނެވެ. ނުފެންނަ ކަމަށް 11 މެންބަރުން ވޯޓު ދެއްވިއިރު، ފަސް މެންބަރަކު ވޯޓުގައި ބައިވެރިވެވަޑައިނުގަންނަވައެވެ.

އަޒުހާން އޮތް ސަރަހައްދު ފިޔަވައި އެހެން ތަންތަން ބެލިފައި އޮތުމަކީ ހަމަ ބުއްދިން ގަބޫލުކުރެވޭނެ ކަމެއް ނޫން

އެ މައްސަލަ އަށް ބަހުސްކުރައްވަމުން އާދަމް ޝަރީފް ވިދާޅުވި ގޮތުގައި، ދެ ހަފްތާ ވަންދެން މީހަކު ގެއްލުމުން، އޭނާ ހޯދުމަށް ފުލުހުން ކުރި މަސައްކަތުން، އޭނާ އޮތް ސަރަހައްދު ފިޔަވައި، އެހެން ސަރަހައްދުތައް ބެލިފައި އޮތުމަކީ ހަމަ ބުއްދީގެ ވިސްނުމުން ވިސްނާއިރު، މީހަކަށް ގަބޫލުކުރަން އުނދަގޫ ކަމެކެވެ.

"ނަމަވެސް، 14-15 ދުވަސް ވަންދެން މީހަކު ގެއްލިގެން އުޅުމަށް ފަހު، އޭނަ ހޯދުމަށްޓަކައި ފުލުހުން މަސައްކަތް ކުރަމުން ދިޔައިރު، އޭނަ އޮތް ހިސާބު ފިޔަވައި އެހެން ހުރިހާ ތަނެއް ބެލިފަ އެތަން ނުބެލި އޮތުމަކީ އެއީ ސަލާމަތް ބުއްދީގެ ވިސްނުމުން ވިސްނާއިރު މީހަކަށް ގަބޫލުކުރަން އުނދަގޫ ކަމަކަށް ވާތީވެ، އިއްޒަތްތެރި ރައީސް، ރައްޔިތުންގެ މެދުގައި ވެސް މި މައްސަލައިގަ ކަންބޮޑުވުން އެބަހުރި."
އާދަމް ޝަރީފް އުމަރު | މަޑުއްވަރީ ދާއިރާގެ މެންބަރު

އާދަމް ޝަރީފް ވިދާޅުވީ، މި ޒަމާނުގައި އެކި ބާވަތްތަކުގެ އެތައް މައްސަލައެއް ހިނގާފާނެ ކަމަށް ގަބޫލުކުރަން ޖެހޭ ކަމަށެވެ. ނަމަވެސް ރާއްޖެ ފަދަ ކުޑަ ގައުމެއްގައި ގޮތް ނޭނގޭ މަރުތައް އިތުރުވުމަކީ އެކަމާ މެދު އާންމުން ހިތާމަ ކުރަން ޖެހޭ ވަރުގެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން އަޒުހާން ވަކިވެގެން ދިއުމުން، އޭނާގެ އާއިލާގެ ކަންބޮޑުވުންތައް އޮންނާނެ ކަމަށް ވެސް ވިދާޅުވިއެވެ.

"އެކަމަކު އަޅުގަނޑުމެންނާ މިއަދު [އަޒުހާން] ވަކިވެގެން ދިޔައީމަ އެ ހިތާމަ ހަމަ ޔަގީނުން ވެސް އަޅުގަނޑުމެންގެ އޮންނާނެ ހަމަ ޔަގީނުން ވެސް، [އޭނާގެ] އާއިލާގެ ކަންބޮޑުވުންތައް އިންތިހާ އަށް އޮންނާނެ."

އެފަދަ މައްސަލަތައް އިތުރުވާ ސަބަބު ދެނެގަނެ، ފިޔަވަޅު އަޅަން ޖެހޭ

އެހެންވެ، އެފަދަ މައްސަލަތައް ރާއްޖޭގައި އިތުރުވާ ސަބަބު ދެނެގަނެ، މަދުކުރުމަށްޓަކައި ކުރެވޭނެ ކަންކަން ހޯދައި މަސައްކަތް ކުރަން ޖެހިފައިވާ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ސަރުކާރުން އަސްލު މައްސަލަ އަށް ވާސިލްވުމަށް މަސައްކަތް ކުރަމުންދާ މަންޒަރު އެއްވެސް ވަރަކަށް ނުފެންނަ ކަމަށެވެ.

އެގޮތުން، އެ މައްސަލައިގައި ހޯމް މިނިސްޓްރީ އާއި ފުލުހުން އެކަށީގެންވާ ގޮތެއްގައި މަސައްކަތެއް ނުކުރާ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި، ފުލުހުންގެ ވަސީލަތްތައް ބޭނުންކޮށްގެން އެފަދަ މައްސަލަތައް އެންމެ ރަނގަޅަށް ތަހްގީގު ކުރަމުންދާ މަންޒަރެއް ނުފެނެއެވެ.

"އަޒްހާންގެ މި މައްސަލައިގަ އަޅުގަނޑުމެންނަށް ފެންނަނީ ވަރަށް ފަސޭހައިން މިއީ އެއްވެސް ވަރަކަށް ހެކި ނެތް އަދި މިއީ ހަމަ އާދައިގެ މަރެއްގެ ގޮތަށް ބެލެވޭ ގޮތަށް ޕޮލިހުންގެ ވާހަކަ ބަދަލުވެގެންދާ ކަން، އިއްޒަތްތެރި ރައީސް، މިއީ ވަރަށް ބޮޑަށް ކަންބޮޑުވާ މައްސަލައެއް."
އާދަމް ޝަރީފް އުމަރު | މަޑުއްވަރީ ދާއިރާގެ މެންބަރު

އެ މައްސަލަތައް ދެނެގަނެ މިއަދު ފިޔަވަޅު ނާޅާނަމަ، ރާއްޖޭގެ ހާލަތު ދާނީ ގޯހުން ގޯހަށް ކަމަށާއި، ދުނިޔޭގައި އެގޮތަށް ރާއްޖެ ލޭބަލް ވެއްޖެ ނަމަ އެކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ނޭދެވޭ އަސަރުކުރާނެ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

"މިއީ އަޅުގަނޑުމެން އަޅާނުލާ ދޫކޮށްލަން ޖެހޭ ވަރުގެ މައްސަލައެއް ނޫން." އޭނާ ވިދާޅުވިއެވެ.

ރޭ ނެރުނު ނޫސްބަޔާނެއްގައި ފުލުހުން ބުނީ، މިދިޔަ އާދީއްތަ ދުވަހު ހިންގި އޮޕަރޭޝަންގެ ތެރެއިން، ވޯޓާ ތީމް ޕާކު ހެދުމަށް ދޫކޮށްފައިވާ ސަރަހައްދާ ދިމާ ނިރޮޅުމަގު ހުޅަނގު ފަރާތް ބަލައި ފާސްކުރި އިރު، އެ ސަރަހައްދުގެ ވެޔޮތަކުގެ ތެރެއިން އަޒުހާން ކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު ކުނިވެފައި ވަނިކޮށް ފެނިފައިވާ ކަމަށެވެ.

އެހެންވެ އެ ހިސާބުން ފެށިގެން، ގެއްލިގެން ހޯދާ މީހެއްގެ މައްސަލައަކުން މަރުގެ މައްސަލައަށް ތަހްގީގު ބަދަލުކޮށް ފަށާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އަދި އަޒުހާންގެ ފޯނު މިހާރު ހޯދިފައި ވާއިރު، އޭނާ މަރާލައިފައިވާ ކަމަށް ބެލެވޭ އެއްވެސް ހެއްކެއް އަދި ލިބިފައި ނުވާ ކަމަށާއި، އޭނާގެ ހަށިގަނޑުގެ އިތުރު ތަހުލީލުތައް ހެދުމަށްޓަކައި ރާއްޖެއިން ބޭރަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ކުރަމުންދާ ކަމަށް ވެސް ފުލުހުން ރޭ ބުންޏެވެ.