ކ. ކާށިދޫގެ އިރުން 30 ނޯޓިކަލް މޭލް ބޭރުން އަޑިއަށް ދިޔަ ބޯޓުން ކަނޑުވި ފަޅުވެރިއަކު ގެއްލިގެން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ފަށައިފިއެވެ.

އެ ބޯޓަކީ މިދިޔަ ސެޕްޓެންބަރު މަހުގެ 28 ވަނަ ދުވަހު އިންޑިއާގެ ޓުޓްކޮރިން އިން ފުރައިގެން މާލެއަށް ދަތުރު ކުރި ބޯޓެކެވެ.

އެމްއެންޑީއެފުން ބުނީ، މާލެއަށް ދަތުރު ކުރަމުން ދިޔަ އެ ބޯޓު، މޫސުމް ގޯސްވުމުގެ ސަބަބުން ކ.ކާށިދޫގެ އިރުން 30 ނޯޓިކަލް މޭލް ބޭރުން އަޑިއަށް ދިޔަ ކަމުގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 10:30 ހާއިރު ކަމަށެވެ. އެ ބޯޓް އަޑިއަށްގޮސް، އެއިން ދަތުރުކުރި ހަތް ފަޅުވެރިންގެ ތެރެއިން ހަ ފަޅުވެރިއަކު ކަނޑުވެފައި ވަނިކޮށް ސަލާމަތް ކޮށްފައި ވަނީ، އެ ސަރަހައްދުން ދަތުރުކުރި "އެމްވީ ބަރަދުވާޖް" ނަމަކަށް ކިޔާ ބޯޓަކުން ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އަދި އެއް ފަޅުވެރިއަކު ފެނިފައި ނުވާ ކަމަށާއި އެމީހާ ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ "ހަކުރާ" ލޯންޗް އެ ސަރަހައްދުގައި ހަރަކާތްތެރި ވަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ. ގެއްލުނު މީހާ ލައިގެން ހުރީ ނޫކުލައިގެ ޓީޝާޓަކާއި ސޯޓު ބުރިއެކެވެ. އޭނާ އެންމެފަހުން ފެނުނުއިރު އޮތީ ލައިފްޖެކެޓް ވެސް އަޅައިގެން ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

އެ މީހާގެ އެއްވެސް ހަބަރެއް ވޭތޯ ބެލުމަށް އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުން ބަލައިދިނުމަށް އެމްއެންޑީއެފް އިން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ކޯސްޓުގާޑުގެ ހިލޭ ގުޅޭ ނަންބަރު 191، ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅައިދިނުމަށް ވެސް ވަނީ އެދިފަ އެވެ.