ޅ. ހިންނަވަރުގައި ހަވީރު ފުޓުބޯޅަ ކުޅެން ހުރި ޒުވާނަކު ކުއްލި ގޮތަކަށް މަރުވެއްޖެއެވެ.

އެކަމާ ގުޅިގެން ހިންނަވަރު ކައުންސިލަށް ގުޅާލުމުން، ކައުންސިލުން ފޯނަށް ޖަވާބު ދީފައެއް ނުވެއެވެ.

ނަމަވެސް ހިންނަވަރުގެ ކައުންސިލް މެންބަރު ހަސަން ވަހީދު އަބްދުﷲ ބައެއް މީޑިއާތަކަށް ވިދާޅުވި ގޮތުގައި، އެ ޒުވާނާ މަރުވީ މިއަދު ހަވީރު އެ ރަށުގައި މެޗެއް ކުޅެމުން ދަނިކޮށް މެޔަށް ތަދެއް އަރައިގެން ވެއްޓިގެން ކަމަށެވެ.

އެ ޒުވާނާ އަށް ފަރުވާ ދިނުމަށް ޅ. ނައިފަރަށް ގެންދިޔަ ކަމަށާއި، އޭނާ މަރުވެފައި ވަނީ ނައިފަރަށް ގެންދިއުމުގެ ކުރިން ކަމެއް، ނުވަތަ އެ ރަށަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ކަން ނޭނގޭ ކަމަށް، ހަސަން ވިދާޅުވިއެވެ.

ފުޓުބޯޅަ ކުޅެނިކޮށް ވެއްޓިގެން މަރުވެފައި ވަނީ ހިންނަވަރަށް ނިސްބަތްވާ އުމުރުން 35 އަހަރުގެ މުބްތަދާ އަލީއެވެ.

މީގެ މަހެއް ކުރިން އދ. މާމިގިލީގައި ވޮލީ ކުޅެން ހުރި ޒުވާނަކު ވެސް މަރުވިއިރު، ރޭގެ ވަގުތެއްގައި ވަޒީފާ އަދާކުރަމުން ދަނިކޮށް، ޖަލު ބަލަހައްޓާ އޮފިސަރަކު ވެސް ވަނީ މަރުވެފައެވެ.