ހިންނަވަރުގައި 100 ހައުސިން ޔުނިޓު ތަރައްގީކުރުމުގެ މަޝްރޫއެއް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާނޭކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވެފައިވަނީ އެމަނިކުފާނު ޅ އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅު ހިންނަވަރަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. އެގޮތުން ރައީސް ވަނީ ހިންނަވަރަކީ އާބާދީ ބޮޑު، ބައިބޯ ރަށެއްކަން ފާހަގަކުރައްވައި ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމުގައި އެރަށު ރައްޔިތުންނަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ސަރުކާރުން ކުރެއްވުމަށް ނިންމަވާފައިވާ ކަންކަމުގެ ތަފުސީލު ހާމަކުރައްވާފައެވެ.
ރައީސް ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާފައިވާ 100 ހައުސިން ޔުނިޓު ތަރައްގީކުރުމުގެ މަޝްރޫއުގެ އިތުރުން ހިންނަވަރުގައި ހިއްކާފައިވާ ސަރަހައްދު އާބާދުކުރުމަށް ބޭނުންވާ ފެނާއި ކަރަންޓާއި ނަރުދަމާގެ ނިޒާމު ގާއިމުކުރެއްވުމުގެ މަސައްކަތްވެސް ހަލުވި ދުވެލީގައި ކޮށްދެއްވާނެ ކަމަށެވެ.
މިހާރު ރަށުގައި ހުއްޓުމަކަށް އައިސްފައިވާ ގެދޮރުވެރިކަމުގެ މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވާ ކުންފުނިން ކުރިއަށް ނުގެންދާތީ އެ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުން އުވާލައި، އެހެން ފަރާތަކާ ހަވާލުކޮށްގެން އެ މަސައްކަތްވެސް އަލުން ފައްޓަވާނޭކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސް އިތުރަށް ވިދާޅުވީ މިއަދު ބިންގާ އެޅި ބީއެމްއެލްގެ ހިންނަވަރު ބްރާންޗުގެ މަސައްކަތް ނިންމާ އަންނަ އަހަރުގެ މާޗު މަހު އެ ބްރާންޗުން ހިދުމަތް ދޭން ފަށާނޭކަމަށާއި އަދި މިގޮތަށް ބްރާންޗުތައް ގާއިމުކުރާ ހުރިހާ ރަށެއްގައިވެސް ކުރިއަށް އޮތް 5 ވަރަކަށް މަސްދުވަހުގެ ތެރޭ މަސައްކަތް ނިންމައި ހިދުމަތް ދޭން ފަށާނޭކަމަށެވެ.
ފާހަގަކުރެވޭ ރައީސް ހިންނަވަރަށް ވަޑައިގެން މިއަދު ވަނީ ހިންނަވަރު ފުލުހުންގެ މަރުކަޒާއި، ހިންނަވަރު ކައުންސިލް އިދާރާގެ އާ އިމާރާތުގެ އިތުރުން ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ އަމަލީ މަސައްކަތް ފައްޓަވާ ދެއްވުމުގެ އިތުރުން ފެނަކަ ކޯޕރޭޝަންގެ އިމާރާތްވެސް ހުޅުއްވާދެއްވާފައެވެ.
