ރާއްޖޭގެ އިންސުއަރޭންސްގެ ދާއިރާގައި ހުރި މައްސަލަތަކާއި، އެ ދާއިރާ ތަރައްގީ ކުރުމަށް ކުރެވެން ހުރި ކަންކަން ދެނެގަތުމުގެ އެމްއެމްއޭއާއި ޔޫއެންޑީޕީގެ ގުޅިގެން ކުރި ދިޔާސާއަށް އިއްޔެ މަޝްވަރާ ކޮށްފިއެވެ. ޔޫއެންޑީޕީގެ ފަންނީ އެހީގައި ތައްޔާރު ކުރި މި ދިރާސާގައި ފާހަގަކޮށްފައި ހުރި ކަންކަމާ ބެހޭގޮތުން ބޭއްވި މަޝްވަރާގައި އިންޝުއަރޭންސާ ގުޅުން ހުރި ތަފާތު ދާއިރާތަކުން ބައިވެރިވިއެވެ.

އިއްޔެ ބޭއްވި މަޝްވަރާގެ މައިގަނޑު ބޭނުމަކީ، އިންޝުއަރޭންސްގެ ދާއިރާގައި ހުރި ގޮންޖެހުންތައް ދެނެގަނެ ވަށާ ޖެހޭ އިންށުއަރޭންސްގެ ނިޒާމެއް ނުވަތަ އިންޝުއަރޭންސް އާ ގުޅޭ ހުރިހާ ހިދުމަތެއް ވަށާ ޖެހޭ ގޮތަށް އޮންނަ ނިޒާމެއް ބައްޓަން ކުރެވޭނެ ގޮތްތައް ދެނެގަތުމެވެ.

އަދި ޓޫރިޒަމާއި، ދަނޑުވެރިކަމާއި މަސްވެރިކަމުގެ އިތުރުން ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންނާއި އެނޫންވެސް ދިރޭ ތަކެތި އެކަމަކާ ގުޅިފައި އޮތް ވެށި ރައްކާތެރި ކުރެވޭނެ ގޮތްތައް ދެނެގަތުންވެސް ހިމެނެއެވެ. މީގެ އިތުރުން ގައުމީ އިންޝުއަރޭންސް މާކެޓެއް އުފައްދާ ތަރައްގީ ކުރުމަށް ބޭނުންވާ ފްރޭމްވޯކާ ގުޅޭ ލަފާ ދިނުމާއި އެ ދާއިރާއިން އިންސާނީ ވަސީލަތާއި ހުނަރު އިތުރު ކުރުން ވެސް ހިމެނެއެވެ.

އިއްޔެ ބޭއްވި މަޝްވަރާ ބައްދަލުވުމުގައި، ސަރުކާރުގެ މިނިސްޓްރީތަކާއި، ބޭންކް ތަކާއި، މާލީ އިދާރާތާކާއި، ބައެއް އެންޖީއޯތަކާއި، ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން ޕްރިވެޓް ސެކްޓާ އަދި ރާއްޖޭގައި މިހާރުވެސް އިންޝުއަރޭންސްގެ ހިދުމަތް ދޭ ފަރާތްތަކުން ބައިވެރިވިއެވެ.

އިއްޔެގެ މި ބައްދަލުވުމުގައި ރާއްޖޭގެ އިންޝުއަރޭންސްގެ ދާއިރާ ތަރައްގީ ކުރުމާ ގުޅޭ ގޮތުން، ޔޫއެންޑީޕީއާއި އެމްއެމްއޭ ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވުމެއް އެކުލަވާލައި ސޮއިކޮށްފައިވެސް ވެއެވެ. ޔޫއެންޑީޕީގެ ފަރާތުން ސޮއިކުރެއްވީ، ރެޑިޑެންޓް ރެޕްރެޒެންޓޭޓިވް އެންރިކޯ ގަވޭލިއާއެވެ. އެމްއެމްއޭގެ ފަރާތުން ސޮއިކުރެއްވީ ގަވަރުނަރު އަލީ ހާޝިމެވެ.

މި އެއްބަސްވުމާއެކު ޔޫއެމްޑީޕީއާއި އެމްއެމްއޭއާ ދެމެދު ގާއިމު ކުރެވިފައި އޮތް ގާތްކަން އިތުރަށް ހަރުދަނާ ވެގެން ދިޔުމުގެ އިތުރުން، ރާއްޖޭގެ އިގްތިސޯދު ނުވަތަ އިކޮނޮމީ ހަރުދަނާ ކޮށް ހިފެހެއްޓުމުގައި ޔޫއެންޑީޕީން ދެމުން ގެންދާ ލަފަޔާއި ދޭ އެހީ ދެމި އޮންނާނެ ކަމަށް އެމްއެމްއޭއިން ބުނެއެވެ.

އިއްޔެ ސޮއި ކުރި އެއްބަސްވުމަށް ފަހު ގަވަރުނަރު ހާޝިމް ވިދާޅުވީ، ރާއްޖޭގެ ކުރިމަގު އުޖާލާކޮށް ހަރުދަނާ ކުރުމުގައި އެމްއެމްއޭގެ ދައުރު ފުރިހަމައަށް އަދާ ކުރައްވާނެ ކަމަށާއި އެ ޔަގީންކަން ދެއްވާ ކަމަށެވެ.

މި ބައްދަލުވުމުގައި ޔޫއެންޑީޕީގެ ރެޕްރެޒެންޓޭޓިވް ވިދާޅުވީ، ދުނިޔޭގެ ކުރި އަރާފައި ވާ އެހެން ބައެއް ގައުމުތަކުގައި 50 ޕަސެންޓާ ހަމައަށް އިންޝުއަރޭންސުން ކަވަރުކުރާ ބައެއް ކަންކަން ރާއްޖޭގައި އެގޮތަށް ނުކުރާ ކަމަށެވެ. އޭގެ ތެރޭގައި ކާރިސާތަކުން ލިބޭ ގެއްލުން، އިންޝުއަރޭންސުން ރާއްޖޭގައި ކަވަރު ކުރަނީ 5 ޕަސެންޓެވެ. އެހެން އެކަން ވުމުން، ގެދޮރު ގެއްލި، ކާބޯތަކެތި ހޯދަން ދަތިވެ، ވަޒީފާ ގެއްލި ދިޔުމުގެ އިތުރުން ސިއްހީ ފަރުވާ ހޯދުމުގެ ހަރަދުތައް ވެސް ހަމަނުޖެއްސި ދާ ކަމަށެވެ. ރާއްޖޭގައި އެފަދަ މީހުންނަށް އިންޝުއަރޭންސް އިން ބަދަލު ނުލިބޭ އިރު ދިރިއުޅުން އަނބުރާ ހޯދޭނެ ގޮތެއް ނޯންނަ ކަމަށާއި، އެހެން ކަމުން އެ ފަރަގު ނައްތާލެވިއްޖެ ނަމަ ދުރު މުސްތަގުބަލުގައި ހެޔޮ ފައިދާ ކުރާނެ ކަމަށެވެ.