އެއްޖިންސުން ގުޅުން ހިންގައިގެން މިހާރު ވެސް ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރު، އޮރިޔާން ކާޑު ހެދި މައްސަލައިގައި ދެ އަހަރާއި ނުވަ މަހަށް ޖަލަށް ލާން ހުކުމްކޮށްފިއެވެ.

އޮރިޔާން ކާޑު ހެދިކަމުގެ 40 ދައުވާ ސާބިތުވެފައިވާ އަލަމްގީރުގެ މައްޗަށް ދެ އަހަރާއި ނުވަ މަހުގެ ޖަލު ހުކުމެއް އިއްވާފައިވަނީ އޭނާ ބަންދުގައި ހުރި މުއްދަތަށް ބެލުމަށް ފަހުގައެވެ. އޭނާގެ މައްޗަށް ކޮށްފައިވާ 40 ދައުވާގެ ތެރެއިން ދެ ދައުވާ އަކަށް ތަންފީޒުކުރަން ޖެހޭ ހުކުމް ތަންފީޒުކޮށް ނިމި، ތިންވަނަ ދައުވާގައި އިއްވި ހުކުމުން 25 ދުވަސް ތަންފީޒުކޮށް ނިމިފައިވާ ކަމަށް ވަނީ ހުކުމްކޮށްފައެވެ.

އެހެންކަމުން، އޭނާ ތަންފީޒުކުރަން ޖެހޭނީ ދެ އަހަރާއި ނުވަ މަހުގެ ހުކުމެކެވެ. ނަމަވެސް އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި މިހާރު ވެސް ހަތް މަހަށް ބަންދުކޮށްފައިވާތީ، ޖަލުގައި ތިން އަހަރާއި ހަތަރު މަހު އަލަމްގީރު އޮންނަން ޖެހޭނެއެވެ.

އަލަމްގީރު އެންމެ ފުރަތަމަ ހައްޔަރުކުރީ ގިނަ ބަޔަކާ އެކު އެއްޖިންސުން ގުޅުން ހިންގި މަންޒަރު ފެންނަ ވީޑިއޯތަކަކާ ގުޅިގެންނެވެ. އެ ވީޑިއޯތަކުގެ ތެރޭގައި ގާނޫނީ ވަކީލް އަހްމަދު ނާޒިމް އަބްދުއްސައްތާރާއި ޑީއާރުޕީގެ ކުރީގެ ލީޑަރު މުހައްމަދު ނަޝީދުގެ އިތުރުން، ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) ގައި މަސައްކަތް ކުރި ސާޖަންޓް އަބްދުއްރަހްމާން ރަފީއުގެ ވީޑިއޯ ހިމެނެއެވެ.

އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ކުރި ދައުވާތަކަށް އިއުތިރާފް ވުމުން، ނާޒިމް ވަނީ ތިން މަސްދުވަހަށް ގޭބަންދު ކޮށްފައެވެ. އަދި އެ މައްސަލައިގައި ހިމެނޭ ފުލުސް އޮފިސަރު އަބްދުއްރަހްމާން ރަފީއުގެ މައްޗަށް ވަނީ އެއް އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.