ޖޭއެސްސީ އެކުލެވިގެންވާ ގޮތް މުރާޖައާކޮށް، ގާނޫނުއަސާސީ އަށް އިސްލާހު ގެނައުމަށްޓަކައި ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް، އެޓާނީ ޖެނެރަލް އޮފީހުން މީގެ ކުޑައިރުކޮޅެއް ކުރިން ބުނެފިއެވެ
މީގެ ކުޑަ އިރުކޮޅެއް ކުރިން ނެރުނު ނޫސްބަޔާނެއްގައި އޭޖީ އޮފީހުން ބުނީ، ޖޭއެސްސީ އަކީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ތަނަކަށް ހެދުމަށްޓަކައި ކަމާބެހޭ ބައިނަލްއަގުވާމީ ހަމަތަކާއި އުސޫލުތަކަށް ރިއާޔަތްކުރުމަށް ފަހު އެ ކޮމިޝަން އެކުލެވިގެންވާ ގޮތް އިސްލާހު ކުރުމަށްޓަކައި ގާނޫނުއަސާސީގެ 158 ވަނަ މާއްދާ އަށް ގެންނަން ޖެހޭ އިސްލާހުތައް އެކުލެވޭ ބިލު އެކުލަވާލައި، މި ދައުރުގެ މަޖިލިހަށް ހުށަހަޅާނެ ކަމަށެވެ.
އެ ބިލު އެކުލަވާލުމަށް ބޭނުންވާ މަޝްވަރާ ހޯދުމަށްޓަކައި ހުރިހާ ކޯޓުތަކާއި، ޖޭއެސްސީ އާއި، އެނޫން ވެސް ކަމާބެހޭ ފަރާތްތަކާ އެކު ބައްދަލުވުންތައް އަންނަ ހަފްތާ އިން ފެށިގެން ބާއްވާނެ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.
ޖޭއެސްސީ އަށް މެންބަރުން އައްޔަނުކުރާ ގޮތް ބަދަލުކުރުމަށް އިދިކޮޅު ކޯލިޝަން ތަމްސީލުކުރައްވާ އަހްމަދު ތޯރިގު ވަނީ ތިން ފަހަރެއްގެ މަތިން އިސްލާހު ހުށަހަޅުއްވައިފައެވެ. ތޯރިގު ހުށަހަޅުއްވާފައި ވަނީ ޖޭއެސްސީ އަށް މެންބަރުން އައްޔަނު ކުރާއިރު، އެ ކޮމިޝަންގައި ސިޔާސީ މެންބަރުން ނުހިމެނުމަށެވެ. ތިން ފަހަރެއްގެ މަތިން އެ އިސްލާހު ބޭރުކޮށްލާފައިވާއިރު، ދެވަނަ ފަހަރަށް ތޯރިގު އެ އިސްލާހު ހުށަހެޅުއްވުމުން މަޖިލިހަށް ބަލައިގަނެ، އިބްތިދާއީ ބަހުސް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ.
އޭނާ އޭރު ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން، ގާނޫނުއަސާސީގައި މިހާރު އޮންނަ ގޮތަށް ޖޭއެސްސީ އެކުލަވާލާފައިވާ އޮތުމުން، އެ ކޮމިޝަނުން ބަލާ މައްސަލަތަކުގައި ވެރިކަން ހިންގުމުގެ ބާރާއި ގާނޫނު ހެދުމުގެ ބާރުގެ ނުފޫޒާއި ގޮތް ކިއުން ބޮޑުވެ، މިނިވަންކަމާއި މުސްތަގިއްލު ކަމަށް ހުރަސް އެޅެއެވެ.
ގާނޫނުއަސާސީގައި ޖޭއެސްސީ އެކުލެވިގެންވާ ގޮތް
- ސުޕްރީމް ކޯޓާއި ހައި ކޯޓާއި ދަށު ކޯޓުތަކުން އިންތިހާބުކުރާ ތިން ފަނޑިޔާރުން
- ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ އޮތް ވަކީލުންގެ ތެރެއިން އިންތިހާބުކުރާ ވަކީލެއް
- ބަންޑާރަނައިބު
- މަޖިލީހުގެ ރައީސް
- މަޖިލީހުގެ މެންބަރުންގެ ތެރެއިން ކަނޑައަޅާ މެންބަރެއް
- އާންމުންގެ ތެރެއިން މަޖިލީހުން ކަނޑައަޅާ މީހެއްރައީސް އައްޔަންކުރައްވާ މީހެއް
މިހާރު ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކޮށް، ސިޔާސީ ނުފޫޒުން އެތަން އެއްކިބާ ކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުތަކުގެ ތެރެއިން ވައުދެކެވެ. އެހެން ނަމަވެސް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެކެވަޑައިގަންނަވާ ގޮތުގައި ޖޭއެސްސީ އަށް ވަކިވަރަކަށް ސިޔާސީ ބާރުވެރިކަން ފޯރުވުމަށް މަޖިލީހުގެ މެންބަރަކު އިނުން މުހިންމެވެ.