ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ފިރުޒުލް ހުސައިން ފިރާޒް މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

އެމްޑީޕީގެ ސްލޮޓެއްގައި ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމަށް އައްޔަނު ކުރައްވާފައި ވަނީ 2019 ގައެވެ. ފިނޭންސް މިނިސްޓްރީގައި އޭނާ ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތައް ބަލަހައްޓަވައިފައެވެ.

ބައެއް މީޑިއާތަކަށް ދެއްވި މައުލޫމާތުގައި ފިރުޒުލް ވިދާޅުވީ، އޭނާ އިސްތިއުފާ ދެއްވާފައި ވަނީ އަމިއްލަ ދިރިއުޅުމުގެ ކަންކަން ހުރިގޮތުން މަސައްކަތަށް އެކަށީގެންވާ ވަގުތު ނުދެވުމުން ކަމަށެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި އޭނާ ވިދާޅުވީ، މަގާމުން އިސްތިއުފާ ދެއްވި ނަމަވެސް، ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ދޭން ޖެހޭ އެއްބާރުލުން ދެމުން ގެންދާނެ ކަމަށާއި، ސަރުކާރާ އެކު މަސައްކަތްކުރެއްވުމުގައި ދެމިހުންނަވާނެ ކަމަށެވެ.

ފިރުޒުލްގެ އިތުރުން، މި ހަފްތާގައި ފައިނޭންޝަލް ކޮންޓްރޯލަރު ފާތިމަތު ރަޒީނާ ވަނީ އިސްތިއުފާ ދެއްވައިފައެވެ. ރަޒީނާ އިސްތިއުފާ ދެއްވާފައި ވަނީ ޕީއެޗްޑީ އަށް ކިޔެވުމަށް ބޭރަށް ވަޑައިގަތުމަށެވެ.