ބީއެމްއެލްއިން ރާއްޖޭގައި ތިބި 3 އެތްލީޓަކަށް ސްޕޯޓްސް ސްކޮލަޝިޕް ދޭން ނިންމައިފިއެވެ.

ބީއެމްއެލްއިން ބުނީ އަންނަ ނޮވެމްބަރު މަހު ފާހަގަކުރާ އެ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ދިމާކޮށް ހިންގާ ހަރަކާތްތަކުގެ ތެރެއިން ރާއްޖޭގައި ތިބި އެންމެ މޮޅު އެތުލީޓުންގެ ތެރެއިން ތިން އެތުލީޓަކަށް ހުރިހާ ހަރަދަކާއެކު ރާއްޖޭން ބޭރުގެ ހައި ޕާފޯމަންސް ޓްރެއިނިން ސެންޓަރުތަކުގައި ތަމްރީން ހޯދުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އާ ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ އެ ސްކޮލާޝިޕް އަށް އެދި ހުށަހެޅޭނީ ރަޖިސްޓްރީވެފައިވާ ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކަށް ކަމަށް ވެސް ބޭންކުން ބުނެއެވެ.

ބީއެމްއެލް އިން ބުނީ އެ ސްކޮލާޝިޕް ޕްރޮގްރާމުގެ އަމާޒަކީ އެތުލީޓުންގެ ހުނަރު ކުރިއަރުވައި ކުޅިވަރުގައި ފުރިހަމަ ކާމިޔާބީއެއް ހޯދުމުގައި އެހީތެރިވުން ކަމަށެވެ.

ސްޕޯޓްސް ސްކޮލާޝިޕް އަށް ހުށަހެޅުމާ ގުޅޭ ތަފްސީލު ފަހުގެ ތާރީހެއްގައި ހާމަ ކުރާނެ ކަމަށް އެ ބޭންކް އިން ބުނެއެވެ.