މުޅި އިސްލާމީ އުއްމަތް ދަންނަ މަޝްހޫރު އިލްމުވެރިޔާ ޑރ. ޔޫސުފް އަލް ގަރްޟަވީ އަވަހާރަ ވެއްޖެއެވެ. މިސްރަށް ނިސްބަތްވާ ގަރްޟާވީ އަވަހާރަވި އިރު އުމުރުފުޅަކީ 96 އަހަރެވެ.

ގަތަރުގައި ދިރިއުޅުވަމުން ގެންދެވި، ގަރްޟާވީ އަކީ މިސްރުގެ ސިޔާސީ ހަރަކާތް "މުސްލިމް ބްރަދާ ހުޑް" ގެ ރޫހާނީ ލީޑަރުގެ އިތުރުން "އިންޓަނޭޝަނަލް ޔޫނިއަން އޮފް މުސްލިމް ސްކޯލާސް" ގެ ޗެއާމަންވެސް މެއެވެ.

ގަރްޟާވީ ދުނިޔޭގައި ހުންނެވި އިރު، އަލްޖަޒީރާގައި ދީނީ އެކި މައުޟޫތަކަށް ވާހަކަ ދެއްކެވުމާއި "ޝަރީއާ އެންޑް ލައިފް" ގެ ނަމުގައި ފޮނުވަމުން ދިޔަ ޕްރޮގްރާމް ހުށަހެޅުއްވުން ވެސް ހިމެނެއެވެ.

އެ ޕްރޮގްރާމް ތަކުގައި ދުނިޔޭގެ އާދަކާދަތަކާއި، އާންމު ދިރިއުޅުމާއި އަދި ސިޔާސީ ކަންކަމާ ބެހޭ ގޮތުން އިލްމީ ފެންވަރެއްގައި މައުލޫމާތު ދެއްވާފައި ވެއެވެ.

މިސްރުގައި 2013 ވަނަ އަހަރު ބްރަދާހްޑް އަށް ނިސްބަތްވާ ޑރ. މުހައްމަދު މޫރްސީ ވެރިކަން ވައްޓާލި މައްސަލައިގައިވެސް ގަރްޟާވީ ކަންބޮޑުވުން ފާޅުކުރައްވާ އެއި ބަޣާވާތެއް ކަމަށް ވިދާޅުވިއެވެ. ގަރްޟާވީގެ ހިޔާލުފުޅު އެކަމުގައި ތަފާތުވުމުން، މޫރްސީ ވެރިކަމުން ބާލައި ދެން ވެރިކަމަށް ވަޑައިގެންނެވި އަސްކަރީ ލީޑަރު އަބްދުލްފައްތާހު އަލް ސީސީގެ ވެރިކަމުގައި މިސްރަށް ވަޑައިގަތުމުގެ ހުއްދަވެސް އޭނާއަކަށް ނުދެއްވައެވެ. މޫރުސީގެ ކުރިން، ހުސްނީ މުބާރަކްގެ ވެރިކަމުގައި މިސްރު ދޫކުރައްވާ ވަޑައިގަން ގޮތަށް ގަރްޟާވީ ދިރިއުޅުއްވަމުން ގެންދެވީ ގަތަރުގައެވެ.

ގަރްޟާވީ ވަނީ 120 އަށް ވުރެ ގިނަ ފޮތް ލިޔުއްވާ ތަފާތު އެކިއެކި 60 އެއްހާ ލިޔުއްވުމުގައި މުސްލިމް ދުނިޔޭގެ މައްޗަށް ވާހަކަ ދައްކަވާފައެވެ.

ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި، މި ޒަމާނުގެ މުސްލިމް ފިކުރާއި ހިޔާލާތާ ގުޅޭ ގޮތުން އެންމެ ފުޅާދާއިރާއެއްގައި ގިނަ ބަޔަކަށް ގަބޫލުކުރޭ ގޮތަށް، ތަފާތު މައުޟޫތަކުގައި ފަތުވާ ދެއްވާ އެއް އިލްމުވެރިއަކީ ވެސް ގަރްޟަވީއެވެ.