އިންޑިއާގެ ގުޖުރާތަށް ނިސްބަތްވާ ބަލްގިސް ބާނޯ ރޭޕްކޮށް އޭނާގެ އާއިލާގެ 14 މީހަކު މަރާލި މައްސަލައިގައި ހައްޔަރު ކުރި މީހުން ދޫކޮށްލުމުން، ބަލްގިސް އާ ބައިވެރިވާކަން ހާމަކޮށް ބަޔަކު ބާއްވަން އުޅުނު ބޮޑު ހިނގާމުލެއް އިންޑިއާގައި ހުއްޓުވައިފިއެވެ.

ދަހޯދުގެ ރަންދިކްޕޫރުން ގޮސް އަހުމަދުއާބާދަށް ހިނގަން ހަމަޖެއްސި 180 ކިލޯމީޓަރުގެ އިވެންޓް ފުލުހުން ހުއްޓުވީ، އެ ހިނގާލުމުގެ ސަބަބުން އިތުރު ހަމަނުޖެހުންތަކެއް އުފެދިދާނެ ކަމަށް ބުނެއެވެ. އަދި ފުލުހުން ވަނީ އެ ހިނގާލުން އިންތިޒާމު ކުރުމުގައި އިސްކޮށް ހަރާކާތްތެރި ވާ 7 މީހަކު ހައްޔަރުވެސް ކޮށްފައެވެ.

ހައްޔަރު ކުރި އެކްޓިވިސްޓުންގެ ތެރޭގައި ހިމެނޭ އެކަކު މިހާރު ހައިހޫނުކަމުގެ ހަޅުތާލު ފަށާފައި ވާއިރު، އެމީހުން އިންތިޒާމް ކުރި ހިނގާލުމަކީ ބަލްގިސް އާ އެކުގައި ތިބިކަން ހާމަކޮށް އަޑުއުފުލުމަށް އިންތިޒާމް ކުރި ހިނގާލުމެއް ކަމަށް، އެކަން އިންތިޒާމް ކުރުމުގައި އުޅޭ ސަންދީޕް ޕާންޑޭއާ ހަވާލާދީ ހަބަރުތައް ބުނެއެވެ.

ފުލުހުން މި މީހުން ހައްޔަރު ކުރުމުން ގިނަ ބަޔަކު ފުލުހުންގެ އިދާރާ ދޮށަށް އެއްވެ އަޑުއުފުލަފައި ވާ އިރު ފުލުުހުން ބުނީ، އެ 7 މީހުން ފުލުހުންގެ އިދާރާއަށް ގެންދިޔައީ އެ ހިނގާލުމުގެ ސަބަބުން ގާނޫނާއި ގަވާއިދުތަކަށް ހުރަސް އެޅި އިތުރު ހަމަނުޖެހުންތަކެއް ހިނގާފާނެތީ ކަމަށާއި އެ 7 މީހުން ހައްޔަރު ނުކުރާކަމަށެވެ. ނަމަވެސް އެ 7 މީހުންގެ ތެރެއިން އަންހެނަކު ފިޔަވާ އެންމެން އަދިވެސް ތިބީ ފުލުހުންގެ އިދާރާއެއްގައި ބައިތިއްބާފައެވެ.

ބަލްގިސް ބާނޯ ހާދިސާ އަކީ މި ފަހުން އިންޑިއާ ގުޑުވާލި ނަސްލީ ބޮޑު ލޭއޮހޮރުވުމަކާ ގުޅިގައި އޮތް ހާދިސާއެކެވެ.

އިންޑިއާގެ އަޔޯދިޔާގައި 2002 ވަނަ އަހަރު އޮތް ހިންދޫންގެ ދީނީ އެއްވުމަށް ފަހު ގުރުރާތަށް ދަތުރުކުރި ރޭލެއްގައި ރޯކޮށްލުމުން 59 މީހަކު މަރުވި ހާދިސާގެ ބަދަލު ހިފުމުގެ ގޮތުން، ހިންދޫން ނުކުމެ މުސްލިމުންނަށް ހަމަލާދީ، ރޭޕް ކޮށް މަރާ ހެދި މި ހާދިސާގައި ސަލާމަތް ވި އެކަކީ ބަލްގިސް ބާނޯއެވެ. އޭނާގެ ލޯ ކުރިމަތީގައި އާއިލާގެ 14 މީހުން، މަރާލާފައި ވާއިރު، އެ ހާދިސާގައި ސަލާމަތްވީ ބަލްގިސް އާއި އިތުރު 2 ކުޑަކުދިންނެވެ.

ބިލްގިސް ބަނޯ ރޭޕް ކޮށް 14 މީހުން މަރާލި މީހުން ޖަލުން ދޫކޮށްލުމުން އެމީހުންގެ އާއިލާތަކުން އުފާފާޅުކޮށް މަރުހަބާ ކިޔަނީ

އެ ހާދިސާއަށް ފަހު ބަލްގިސް ގުރުތާރު ކޯޓުގައި އުފުލި ދައުވާ އޭނާއަށް ކާމިޔާބުވެ، އެ މައްސަލައިގައި ތުހުމަތުވި 11 މީހަކު 14 އަހަރަށް ޖަލަށް ލި ނަމަވެސް، އެމީހުންގެ އަހުލާގު ރަނގަޅު ކަމާއި އުމުރަށް ބަލައި އެމީހުން ވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހު ދޫކޮށްލާފައެވެ.

މިހާރު މިމައްސަލަ ދިއްލީ ސްޕްރޯމް ކޯޓުގައި އިސްތިއުނާފް ކޮށްފައި ވާއިރު، އެމީހުން ދޫކޮށްލި މައްސަލައާ ދެކޮޅަށް އިންޑިއާގެ އެގި ސްޓޭޓް ތަކުގައި ބޮޑެތި މުޒާހަރާތައް ވަނީ ކޮށްފައެވެ. މުޒާހަރާގައި ބައެއް ހިންދޫންނާއި، އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކާއި ސިވިލް ސާވިސްގައި ކުރިން މަސައްކަތް ކުރި ގިނަ އަދަދެއްގެ މީހުންނާއި އިންޑިއާގެ ފިލްމް އިންޑަސްޓްރީއަށް ނިސްބަތްވާ ބައެއް މީހުންގެ އިތުރުން ގިނަ އަދަދެއްގެ މުސްލިމުން ބައިވެރި ވި އިރު، އެމީހުން ގޮވާލީ، އެ 11 މީހުން ދޫކޮށްލި މައްސަލަ އަލުން އަނބުރާ ގެންގޮސް އެމީހުން ޖަލަށް ލުމަށެވެ.

މި މައްސަލައިގެ އިސްތިއުނާފް އަޑުއެހުންތައް ސްޕްރީމް ކޯޓުގައި ފަށާފައި ވާއިރު، މިނިވަން ވި 11 މީހުންގެ ފަރާތުން ވަކާލާތު ކުރާ މީހުން ބުނަނީ، އެ މައްސަލަ ސްޕްރީމް ކޯޓުގައި އިސްތިއުނާފް ކުރީ އެ މައްސަލައާ ގުޅުމެއް ނެތް 3 ވަނަ ފަރާތްތަކަކުން ކަމަށާއި، ޖިނާއީ މައްސަލަތަކުގައި އެ ކަމެއް ރައްދުވާ ފަރާތް ނޫން 3 ވަނަ ފަރާތަކަށް އެ މައްސަލަ ނުޖެއްސޭނެ ކަމަށެވެ. އަދި އެހެން އެކަން ވާން، ސްޕްރީމް ކޯޓުން ދޫކޮށްލާނަމަ، މުޅި އިންޑިއާގައި ހިނގާ، އަދި ހިނގާފައިވާ ޖިނާއީ މައްސަލަތައް ކަމާނުޖެހޭ ކޮންމެ މީހަކަށްވެސް އިސްތިއުފާނު ކުރެވިދާނެ ކަމަށެވެ.