ހަ އަހަރު ވަންދެން ފައިނޭންޝަލް ކޮންޓްރޯލަރު ކަން ކުރެއްވުމަށް ފަހު، ފާތިމަތު ރަޒީނާ އިސްތިއުފާ ދެއްވައިފިއެވެ.

20 އަހަރަށް ވުރެ ގިނަ ދުވަހު ސަރުކާރަށް ހިދުމަތް ކުރެއްވި ރަޒީނާ ފައިނޭންޝަލް ކޮންޓްރޯލަރު ކަމަށް އައްޔަން ކޮށްފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި، ޖުލައި 5، 2016 ގައެވެ.

ރަޒީނާ އިސްތިއުފާ ދެއްވާފައި ވަނީ ރާއްޖޭން ބޭރުގައި ފައިނޭންސް އެންޑް އެކައުންޓިން ދާއިރާ އިން ޕީއެޗްޑީ އަށް ކިޔަވަން ބޭނުންވުމުންނެވެ. އޭނާ ޕީއެޗްޑީ ހާސިލްކުރައްވަން ވަޑައިގަންނަވަނީ އޮސްޓްރޭލިއާ އަށެވެ.

ޕީއެޗްޑީ އަށް ފަހު އަލުން އެ ދާއިރާ އާ ރަޒީނާ ގުޅިވަޑައިގަންނަވާނެއެވެ.

ފައިނޭންޝަލް ކޮންޓްރޯލަރުގެ މަސްއޫލިއްޔަތުތައް:

  • ދައުލަތުގެ ފައިސާ އާއި ހިސާބާއި، ލިޔެކިއުންތަކުގެ ނިޒާމް، އޮޑިޓާ ޖެނެރަލް ކަނޑައަޅާ ގޮތެއްގެ މަތިން ގަވައިދުން ބެލެހެއްޓުން
  • ދައުލަތުން މުދާ ގަނެ ރައްކާތެރިކަމާ އެކު ބަލަހައްޓައި، ނުވަތަ ބޭނުންކުރެވެނީ މާލިއްޔަތު ގަވައިދާ އެއްގޮތަށްތޯ ބެލުން
  • ދައުލަތުގެ މުދަލާއި ފައިސާ ބޭނުންކޮށްގެން ހިންގޭ ދައުލަތުގެ އޮފީސްތަކުގެ މުދަލާއި ފައިސާގެ ހިސާބު ބެލެހެއްޓޭނެ ނިޒާމެއް ގާއިމްކުރުން

މީގެ އިތުރުން، މާލީ އަހަރެއް ނިމޭތާ ތިން މަސްދުވަހުގެ ތެރޭގައި އެ އަހަރެއްގެ އަހަރީ ހިސާބުތައް އޮޑިޓާ ޖެނެރަލް ކަނޑައަޅާ ގޮތެއްގެ މަތިން ތައްޔާރުކޮށް ހިސާބުތައް މިނިސްޓްރީ އަށް ހުށަހެޅުމާއި، ދައުލަތަށް ލިބެންވާ ފައިސާ ހޯދޭނެ ނިޒާމެއް ގާއިމްކުރުމަކީ ވެސް ފައިނޭންޝަލް ކޮންޓްރޯލަރުގެ މަސްއޫލިއްޔަތެކެވެ.