ރައްޔިތުންގެ މަޖިލިހުގެ އިދާރާ އަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން އިއްޔެ ލައިވް ކުރެވުނު ސިއްރު ކޮމިޓީއެއްގައި ދެކެވުނު ވާހަކަތަކުގެ މައްޗަށް ލިޔެފައިވާ ހަބަރުތައް ނޫސްތަކުން ނަގަން މަޖިލިހުގެ އިދާރާއިން އެނގުމަކީ މިނިވަން ނޫސްވެރިކަމުގެ އަސާސްތަކާ ހިލާފުވާ ކަމެއް ކަމަށް މޯލްޑިވްސް އެޑިޓާސް ގިލްޑުން ބުނެފިއެވެ.

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީގެ 26 ވަނަ ބައްދަލުވުމަކީ ސިއްރު ބައްދަލުވުމެއްކަމަށް ކޮމިޓީން ނިންމަވާފައިވަނިކޮށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން އެ ބައްދަލުވުމުގެ އޯޑިއޯ މަޖިލީހުގެ ޔޫޓިއުބް ޗެނަލުން ކުޑަ ވަގުތުކޮޅަކަށް ލައިވް ސްޓްރީމް ކުރެވުނު ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ. އަދި އެ އޯޑިއޯ އަޑު އެހުމަށްފަހު ބައެއް މީޑިއާތަކުން އެއީ ސިއްރު ކޮމިޓީ ބައްދަލުވުމެއްކަން އަންގާފައިވަނިކޮށް ކޮމިޓީގައި ދެއްކި ވާހަކަތައް ހިމަނާ އެ ބައްދަލުވުމަށް ހަވާލާދީ ބައެއް މީޑިއާތަކުން ހަބަރު ލިޔެފައިވާ ކަމަަށްވެސް މަޖިލީހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ސިއްރު ކޮމިޓީގެ ސިއްރުކަން ހިފެހެއްޓުމަށް އެ ކޮމިޓީއަށް ހަވާލާދީ ޝާއިރުކޮށްފައިވާ ލިޔުންތައް މީޑިއާއިން ނެގުމަށް މަޖިލީހުން ވަނީ އަންގާފައެވެ.

އިިއްޔެ އެ ކޮމިޓީގެ އެޖެންޑާއަކަށް އޮތީ ދިވެހި ފުލުހުންގެ ގާނޫނުގެ ދަށުން ހަދާ ގަވައިދުތަކާއި ގުޅޭ ގޮތުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާ މަޝްވަރާ ކުރުމެވެ. އަދި އެ މަޝްވަރާ ބައްދަލުވުމަށް އިމްރާން ވަނީ ކޮމިޓީ އަށް ހާޒިރުކޮށް ސުވާލު ވެސް ކޮށްފައެވެ.

އެޑިޓާސް ގިލްޑުން ބުނީ ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއެއްގައި ދެއްކި ވާހަކަތައް ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައި ވަނިކޮށް އެ ހަބަރުތައް ނެގުމަށް މަޖިލީހުގެ އިދާރާއިން އެންގުމަކީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށާއި ލިބޭ މައުލޫމާތެއްގެ ސައްހަކަން ކަށަވަރު ކުރުމަށްފަހު އެ މައުލޫމާތެއް ރިޕޯޓު ކުރުމުގެ ހައްގު ނޫސްވެރިޔާ އަށް އޮންނާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ. އަދި ރިޕޯޓު ކުރުމުގައި އެ މަސްދަރަކުން ލިބުނު މައުލޫމާތުން ހާމަކުރާނެ މިންވަރު ކަނޑައެޅުމުގައި ނޫސްވެރިޔާ ސަމާލުވާން ޖެހޭ ކަންކަން ރާއްޖޭގެ ނޫސްވެރިން އަމަލުކުރާ މިންގަނޑުތަކުގައި ހުންނާނެ ކަމަށްވެސް އެޑިޓާސް ގިލްޑުން ވަނީ ބުނެފައެވެ.

މަޖިލީހުގެ ކޮމެޓީއެއްގައި ދެކެވުނު ވާހަކަތަކުން މީޑިއާތަކުން ރިޕޯޓު ކޮށްފައި ވާ ހަބަރުތަކުގައި އެ ކަމެއް ރިޕޯޓު ކުރުމުން ގައުމީ މަސްލަހަތަށް އުނިކަމެއް އަތުވެދާނެ އަދި އެނޫންވެސް ނޫސްވެރިކަމުގެ މިންގަނޑުން ރިޕޯޓު ނުކުރެވޭނެ ވާހަކަތަކެއް ގަބޫލުނުކުރާ ކަމަށާއި މަޖިލީހުގެ ގަވައިދުގެ 146 ވަނަ މާއްދާއިން އެނގޭ ގޮތުގައި ކޮމެޓީތަކުގައި ދެކެވޭ ވާހަކަތަކުގެ ސިއްރު ހިފެހެއްޓުމަކީ މަޖިލީހުގެ ޒިންމާއެއް ކަމަށް ވެސް އެ ގިލްޑުން ވަނީ ބުނެފައެވެ.

ދައުލަތުގެ އެއް ބާރު ކަމުގައިވާ ރައްޔިތުންގެ މަޖިލީހުން މީޑިއާތަކުގައި ޝާއިއުކުރާ ހަބަރާއި މައުލޫމާތު ނެގުމަށް އެންގުމަކީ މިނިވަން ނޫސްވެރިކަމުގެ އަސާސްތަކާ ހިލާފު ކަމެއް ކަމަށް ބުނެ މީޑިއާއަކުން އުފައްދާ އެއްވެސް ކޮންޓެންޓަކާ މެދު އެއްވެސް ފަރާތެއްގެ އެއްވެސް ޝަކުވާއެއް އޮންނަ ހާލަތުގައިވެސް އެކަންކަން ބަލާން ގާނޫނުން މަތިކޮށްފައިވާ މުއައްސަސާތައް މެދުވެރިކޮށްގެން އެކަން ކުރިޔަށް ގެންދިއުމަށް އެޑިޓާސް ގިލްޑުން ވަނީ ގޮވާލާފައެވެ.

ހަމައެއާއެކު އެކަމާ ކަންބޮޑުވުން ފާޅުކޮށް އެމްޖޭއޭ އިން ބުނީ އެ ހަބަރުތައް ލިޔުނު ނޫސްތަކުން މައުލޫމާތު ދީފައިވާ ގޮތުގައި އެ އޯޑިއޯ 50 ވަރަކަށް މިނެޓަށް ލައިވްކުރި ކަމަށާއި އެއާ ހަވާލާދީ ހަބަރުތައް ޝާއިރުކުރުމުގެ ކުރިން އެ އޯޑިއޯގެ މައްޗަށް ހަބަރު ނުލިޔުމަށް އިރުޝާދުދީފައި ނުވާ ކަމަށެވެ. އަދި މަޖިލީހުގެ ގަވާއިދަށް ބެލުމުން އެނގޭ ގޮތުގައި ސިއްރު ކޮމިޓީތަކުގެ ސިއްރުކަން ހިފެހެއްޓުމާއި މައުލޫމާތުތައް ހާމަނުކުރުމަކީ މަޖީލީހުގެ ޒިންމާއެއް ކަމަށް އެ އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.

ނޫސްތަކުގައި ޖެހި އެ ހަބަރުތައް ނެގުމަށް މަޖިލީހުގެ އިދާރާއިން ސީދާ ނޫސްތަކަށް އެނގިދާނެ ކަމަށް ގަބޫލުނުކުރާ ކަމަށާއި އޭގެ ބަދަލުގައި އެއްވެސް ޝަކުވާއެއް އޮތް ނަމަ އެކަން މީޑިއާ ކައުންސިލަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަކީ އެމްޖޭއޭއިން ގަބޫލުކުރާ ގޮތް ކަމަށް ވަނީ ހާމަކޮށްފައެވެ.