މަސް ނުކިރި 4 ވަރަކަށް ޓަނުގެ މަސް ރަހާ ދޯނިން ގދ. ފިޔޯރީއަށް ބަހައިފިއެވެ.

އެކަމާ ގުޅިގެން "ދަ ޕްރެސް" އަށް މައުލޫމާތު ދެމުން އެ ރަށު ކައުންސިލްގެ ރައީސް ފައިޒަރް ރަޝީދު ވިދާޅުވީ އައްޑޫ ސިޓީ މަރަދޫ ރަހާ ދޯނިން ބޭނި މަސް ގއ.ކޫއްޑޫ އަށް ނުކިރުމުން ގދ. ފިއޯރީ ރައްޔިތުންނަށް ހިލޭ ބަހާފައިވާ ކަމަށެވެ.

މަސް ބެހީ ކިރާފައި ނޫން ކަމުން ސީދާ ބެހީ ކިހާ އަދަދެއްގެ މަހެއްކަން ނޭނގޭކަން ފާހަގަކުރައްވާ ފައިޒަރް ވިދާޅުވީ ދޯނިން މައުލޫމާތު ދެނީ ގާތްގަނޑަކަށް 2 ޓަނު މަސް ކަމަށްވިޔަސް ރަށުގެ މީހުން ބުނަނީ ބެހި މަހުގެ ތެރޭގައި 4 ޓަނު މަސް ހުންނާނެ ކަމަށެވެ.

ރަހާ ދޯނީގެ މީހުންނަކީ ފިޔޯރީއާ އާއި ފިޔޯރީ ރައްޔިތުންނާ ވަރަށް ގާތްގުޅުމެއް އޮންނަ ބައެއް ކަމަށާއި އެ ރަށުގެ ބަނދަރަކީ ވަދެ ނިކުމެ ހަދަން ފަސޭހަ ބަނދަރެއްކަމުން ވަރަށް ގިނައިން ރަށަށް އަންނަ ދޯންޏެއް ކަމަށް ފައިޒަރް ވިދާޅުވިއެވެ.

ކަނޑަށް މަސް އުކާލުމުގެ ބަދަލުގައި ރަހާ ދޯނިން ފިޔޯރީ ރައްޔިތުންނަށް ހިލޭ ބަހާފައިވާއިރު ރަހާ ދޯނި ފިޔޯރީ ބަނދަރާއި ކައިރި ކުރުމަށްފަހު މަސްތައް ބަހަން ފެށިއިރު އެ ސަރަހައްދަށް ގިނަ އަދަދެއްގެ އާންމުން ވެސް އެއްވެފައިވެއެވެ. އަދި ރަހާ ދޯނިން މަސްތައް ބަހަމުންދާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެފައިވާއިރު ގިނަ ބައެއްގެ ތައުރީފް ވަނީ އެ ދޯނިގެ ވެރިޔާއަށާއި، ކެޔޮޅު އަދި ފަޅުވެރިންނަށް އޮހެމުންނެވެ.