އެންމެ މެންބަރެއް ފިޔަވައި ބާކީ ތިބި މެންބަރުންގެ ދައުރު ނިމުމުން، އިސްލާމީ ފަތުވާދޭ މަޖިލީހަށް މެންބަރުން އައްޔަނުކުރުން ލަސްވާތީ ކަންބޮޑުވުން ފާޅުކުރައްވައި، އެކަން އަވަސްކުރުމަށް ގޮވާލައި މަޖިލިހަށް މައްސަލަ އެއް ހުށަހަޅައިފިއެވެ.

މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ހުށަހެޅުއްވި އެ މައްސަލައިގައި ވިދާޅުވީ:

  • ދީނީ ހިޔާލު ތަފާތުވުންތައް އުފެދި، ބޮޑެތި މައްސަލަތަކަށް އެ ކަންކަން ވަމުންދާ ކަމަށް
  • އެފަދަ ކަންކަން ހިނގަމުންދާއިރު ވެސް ފަތުވާ މަޖިލިހުގެ ބޭނުން ނުހިފާ ކަމަށް

އެ މައްސަލަ ހުށަހަޅުއްވައި އާދަމް ޝަރީފް ވަނީ، ފަތުވާ މަޖިލިހަށް މެންބަރުން އައްޔަނުކުރުން އަވަސް ކުރުމަށް ގޮވާލައްވައިފައެވެ. އަދި މި މައްސަލައަކީ އާދަމް ޝަރީފް ވިދާޅުވި ގޮތުގައި، މިއީ ހައްސާސީ މައްސަލައެކެވެ.

"އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެމްބަރުން އައްޔަނުކޮށް، އެ މަޖިލިސް އެކުލަވާލައި، އެ މަޖިލިސް ހިންގޭނެ އިންތިޒާމްތައް ވީހާވެސް އަވަހަކަށް ހަމަޖެއްސުމަށް ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 179 ވަނަ މާއްދާގެ ދަށުން މި މައްސަލަ ހުށަހަޅަން،" ޝަރީފް ވިދާޅުވިއެވެ.

އެ މައްސަލަ ބަލައިގެންފައި ވަނީ އެކަމަށް ނެގި ވޯޓުގައި ބައިވެރިވި 30 މެންބަރުންގެ ތެރެއިން 27 މެންބަރުންގެ ވޯޓުންނެވެ.

ބައެއް ކަންކަމުން މިސާލު ނަންގަވައި އާދަމް ޝަރީފް ވިދާޅުވީ، ބައެއް ހިލާފުތަކާ ގުޅިގެން އެކި ގޮތަށް އެކި ރައުޔު ނެރެމުންދާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ބޮޑެތި މައްސަލަތަކެއް ކުރިމަތިވެގެންދާ ކަން އޭނާ ފާހަގަކުރެއްވިއެވެ.

އެހެންކަމުން، ފަތުވާ މަޖިލިހެއް އޮތުމުން، އެ މައްސަލަތައް ހައްލުވެ، ގިނަ ބަޔަކަށް ދީނީ ކަންކަން އޮންނަ ގޮތް ގަބޫލުކުރަން ފަސޭހަވެގެން ދާނެ ކަމަށް، އާދަމް ޝަރީފް ވިދާޅުވިއެވެ.

"އެކެއްގެ ރައުޔަށް ވުރެ ގިނަ ދަންނަ ބޭކަލުން އިޖުމާއުން ވަކި ގޮތެއް ނިންމަވާފަ އެގޮތަށް ކަނޑައެޅިގެން ދިޔައީމަ އިއްޒަތްތެރި ރައީސް، ގިނަ ބަޔަކަށް ހިތަށް ތަސައްލީ އެއް ލިބޭނެ އަދި ގަބޫލުކުރާ ބަޔަކަށް ގަބޫލުކުރަން ވަރަށް ފަސޭހަވާނެ."
އާދަމް ޝަރީފް އުމަރު | މަޑުއްވަރީ ދާއިރާގެ މެންބަރު

މިހާރު ވެސް ރާއްޖޭގައި ހީނުކުރާހާ ކަންކަން ހިނގާ ކަމަށާއި، އެހެންކަމުން ފަތުވާ މަޖިލިސް އުފައްދައި، އެ ކަންކަމަށް ހައްލު ހޯދައިދޭން ޖެހިފައިވާ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި، އެހެންނޫނީ ދީނީ ގޮތުން އަމަލު ކުރަން ޖެހޭ ގޮތް އާންމުންނަށް އޮޅޭނެއެވެ.