ތަފާތު ބާވަތްތަކުގެ ކާއެއްޗެހި އަޅައިގެން މޮޅެތި ރެސިޕީ ހެދުމަކީ ދިވެހިންގެ ވެސް އާދައެކެވެ. އެ ރެސިޕީތައް ސޯޝަލް މީޑިއާ އަށް ލުމާއެކު ގިނަ ބަޔަކު އޭތި ޓްރައި ކުރަން ވެސް ބޭނުންވެއެވެ. އަނެއް ބައި ފަހަރު އެ ރެސިޕީތައް ސޯޝަލް މީޑިއާއަށް ލުމާއެކު ބައެއް މީހުންގެ ނުރުހުމުގެ ބަސްތައް ވެސް އަޑުއިވިގެންދެއެވެ.
ދައްކަން މިއުޅެނީ ދިވެއްސެއްގެ ވާހަކައެއް ނޫނެވެ. އިންޑިއާ އަށް ނިސްބަތްވާ މީހަކު އާ ވައްތަރެއްގެ ބާރގާ އެއް ހަދައިގެން އުޅޭ ވާހަކައެކެވެ. މި މީހާ ވަނީ ބާރގާ ހަދާ ވީޑިއޯ އެއް ޓިކްޓޮކަށް ލާފައެވެ. އަދި އެ ވީޑިއޯ ވަނީ ޓްވިޓާ ތެރެއަށް ދޫކޮށްލާފައެވެ. 20،000 މީހުނަށްވުރެ ގިނަ މީހުން މި ވީޑިއޯ ބެލިއިރު އެ ރެސިޕީ އަށް ތާއީދެއް ނެތެވެ. އެ މީހާގެ "މޮޅު ބާރގާ" ރެސިޕީއަކީ އިންޑިއާގެ މީހުން ފޮނި އެއްޗަކަށް ކައި އުޅޭ ގުލާބު ޖާމުން ބާރގާ ބަނަސް ތެރެއަށް ލުމަށްފަހު އެ ބަނަސް ތަވާގައި ފިހެލަނީއެވެ. އަދި އެހެން މީހުންނަށް ވިއްކަނީއެވެ.
މި ބާރގާ އަކީ ފަސޭހައިން ތައްޔާރުކޮށްލެވޭ އެއްޗަކަށް ވީ ނަމަވެސް ގިނަ ބަޔަކު ވަނީ ޓްވިޓާތެރޭ އެ މީހާއަށް ފާޑުކިޔާފައެވެ. އެއްބައި މީހުން އެހެން ނަހަދާށޭ ކިޔާފައި އާދޭސްކޮށް ކޮމެންޓްކޮށްފައިވާއިރު އަނެއް ބައި މީހުން ބުނީ އެ ބާރގާ ގައި ލާނެ ރަހަ އެމީހުންވެސް އެނގެން ބޭނުންވާ ކަމަށެވެ.
"މިއީ ކޮންތާކުން އައި މީހެއް. މި ކަހަލަ މީހުން މި އަންނަނީ ކޮންތާކުންތަ؟" އެ ބާރގާ އަށް ފާޑުކީ މީހަކު ކޮމެންޓްކޮށްފައިވެއެވެ. އެއް ބައި މީހުން ބުނީ މި ވީޑިއޯ ފެނުމުން ވެސް ހީވަނީ ބޮޑު ވައްކަމެއް ކުރެވިގެން އުޅޭހެން ކަމަށެވެ. އެއްގޮތަކަށް ވެސް އެކަން ރަނގަޅު ހެން ހީނުވާ ކަމަށެވެ. ޓްވިޓާގައި މި ބާރގާ ހަދައި ވީޑިއޯ އާންމުވުމާއެކު ވަނީ އެ ވީޑިއޯ އަށް ގިނަ ބަޔަކު މީމްސް ހެދުމަށްފަހު ޝެއާވެސް ކުރަން ފަށައިފައެވެ.
ބާރގާ ބަނަސް އާއި ގުލާބް ޖާމުން މިއީ ރަނގަޅު ކޮމްބިނޭޝަނެއް ހެއްޔެވެ؟ ކިޔުންތެރިން މި ރެސިިޕީގެ އަޖުމަ ބެލުމަށްފަހު ނިކަން ބުނެބަލާށެވެ.