ފުލުހަކަށް އިންޒާރުދިންތާ ދެ ދުވަހެއް ފަހުން، އަނެއްކާ ފުލުހުންނަށް އިންޒާރު ދިން ދެ މީހަކު އިއްޔެ ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ އައްޑޫ ހިތަދޫގައި އިއްޔެ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯ ކުރުމުން ފުލުހުންގެ ތަކެއްޗަށް ގެއްލުންދީ ރޯކޮށްލާނެ ކަމުގެ އިންޒާރު، 21 އަހަރުގެ ފިރިހެނަކާއި 22 އަހަރުގެ ފިރިހެނަކު ދީފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ދެ މީހުން ވެސް ވަނީ ހައްޔަރުކޮށްފައެވެ.

އެ ދެ މީހުންގެ އަތުގައި އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސެއް ނެތް ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ދަނީ އެ މައްސަލަ ތަހްގީގުކުރަމުންނެވެ.

މީގެ ދެ ދުވަހެއް ކުރިން މާފަންނު ފުލުހުންގެ އިދާރާ އަށް ވަދެ މީހަކު ވަނީ އެތަނުގައި މަސައްކަތް ކުރާ ފުލުހަކަށް އިންޒާރުދީފައެވެ. އެ މީހާ ހައްޔަރުކޮށް އެ މީހާގެ މައްޗަށް ދައުވާކުރި ނަމަވެސް، ފުލުހުން އޭނާ ހައްޔަރުކުރީ ގޯސްކޮށް ކަމަށް ނިންމައި ވަނީ ދޫކޮށްލައިފައެވެ.

އެ ހާދިސާ އަށް ފަހު، ފުލުހުންގެ ކޮމިޝަނަރު މުހައްމަދު ހަމީދު ވަނީ، އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ހިންގައި، އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ފަދަ ގޮތަކަށް ހަރަކާތްތެރިވާ ގްރޫޕްތަކަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.

މި މަހުގެ ނުވަވަނަ ދުވަހު ވެސް ތިން ފުލުހަކަށް ހަމަލާދިން މައްސަލައަކާ ގުޅިގެން ފަސް މީހަކު ހައްޔަރު ކޮށްފައި ވެއެވެ. އޭގެ ތެރެއިން އެކަކު އެއް މަސްދުވަހަށް ބަންދު ކުރި އިރު، ބާކީ ތިބި މީހުން ވަނީ ޝަރީއަތް ނިމެންދެން ބަންދު ކޮށްފައެވެ.